ބީޗް ވޮލީގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހައިލަމް އާއި މާއިޝް:
04 ނޮވެމްބަރ 2021 - 14:53
ރޭ ނިމުނު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް މީގެ ކުރިން ބޭއްވި މުބާރާތްތަކާ ތަފާތެވެ. އެ މުބާރާތުގައި މީގެ ކުރިން އޮންނަނީ ދެ ޑިވިޝަނުން ސީނިއާ ލެވަލްގެ ކެޓެގެރީ އެކަންޏެވެ. އެކަމަކު މިފަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން އުމުރުފުރާގެ ކެޓެގެރީތައް ވަނީ ހިމަނައިފަ އެވެ. އަންހެން ޑިވިޝަނުން 23 އަހަރުން ދަށުގެ ކެޓެގެރީ އެވެ. ފިރިހެން ޑިވިޝަންގައި 23 އަހަރުން ދަށާއި 19 އަހަރުން ދަށެވެ.
ފިރިހެން ޑިވިޝަންގެ 19 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ހައިލަމް ހަސަން އާއި މާއިޝް އަހްމަދުގެ ޕެއާ އެވެ. ފައިނަލާ ހަމައަށް ދިޔައީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ހައިލަމް އާއި މާއިޝްގެ ޕެއާ ފައިނަލް މެޗު ކާމިޔާބުކުރީ 2 ސެޓް 1 ސެޓުންނެވެ. ވާދަވެރިކަން ބޮޑުވި ފުރަތަމަ ސެޓް މައުޒޫން އާއި ޝާއިން ކާމިޔާބު ކުރީ 26-24 އިންނެވެ. ފަހު ދެ ސެޓް ހައިލަމް އާއި މާއިޝް ކާމިޔާބުކުރީ 2-18 އަދި 15-8 އިންނެވެ.
ހައިލަމް އާއި މާއިޝް އަށް ކާމިޔާބީއާ ހަމައަށް ދެވުމުގައި ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް ބޮންޑު މުހިންމު ދައުރެއް އަދާކުރި އެވެ. ތ އަތޮޅުގައި އޮތް ވޮލީބޯޅައިގެ އެއް މަރުކަޒުގެ ގޮތުގައި މަޝްހޫރު ވެފައިވާ މަޑިފުއްޓަށް ނިސްބަތްވާ މި ދެ ކުޅުންތެރިންނަކީ ދެބެއިންދެދަރި ދެބެންނެވެ. ގައުމީ ޗެމްޕިއަނުންނަށް މި ދެކުޅުންތެރިންނަށް ހަދައިދިނީ ގާތްކަމާއި އަހުވަންތަކަމެވެ.
ހައިލަމް، 19، ވޮލީ ކުޅެން ފެށީ އިންޓަސްކޫލް މުބާރާތުގަ އެވެ. މަޑިފުށީ ސްކޫލް ޓީމަށް ވޮލީ ކުޅެން ފަށައި ވޮލީގެ ތެރެއަށް ހިތް ދޫވީ އެވެ. ސްކޫލް މުބާރާތްތަކުގައި މާއިޝް، 17، އާ އެކު ކުޅެވިފައި ހުރުމުން ދެ މީހުންގެ ފެންވަރު އެކަކު އަނެކަކަށް ވަޒަންކުރަން އެނގެ އެވެ.
"ސްކޫލްގައި ވެސް އެއް ޓީމަކަށް ދެމީހުންނަށް ކުޅެވިފައި ހުރީ. އެހެންވެ ދެ މީހުންނަށް ވެސް އެނގޭނެތާ ދެ މީހުންގެ ފެންވަރު އަދި ހުރި ތަފާތުތައް ވެސް އެނގޭނެ،" ހައިލަމް ބުންޏެވެ.
"އަނެއްކާ ކުޑައިރުންފެށިގެން ގާތްކޮށް އުޅެވިފައި ހުރީމާ ދެމީހުންނަށް ވެސް އެނގޭނެ ދެ މީހުން މިޒާޖު. މާއިޝްއާ އެކު ކުޅެން ވެސް ފަސޭހަ. އޭނާ އަށް ވެސް އަޅުގަނޑާ އެކު ކުޅެން ފަސޭހަ ވާނެ. އެހެންވެ ދެ މީހުން އެއްކޮށް މުބާރާތުގައި ވާދަކުރީ ވެސް. އެނގޭ ވިއްޔާ ދެ މީހުން އެކުގައި ކުޅެން ފަސޭހަވާނެކަން."
ބީޗް ވޮލީގެ ގައުމީ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުމަށް ހައިލަމް އާއި މާއިޝް ފޮޓޯއަކަށް ހުއްޓިލައިގެން
ދެ މީހުން އެކުގައި ވާދަކުރި ފުރަތަމަ މުބާރާތުން ޗެމްޕިއަންކަން ލިބުމަކީ ކުޑަ އުފަލެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ޒުވާން މި ދެބެން ހޯދުމުން އެ ދެ ކުޅުންތެރިން ނިސްބަތްވާ މަޑިފުށީގެ އެ އާއިލާއަށާއި މުޅި އެ ރަށަށް ވެސް ބޮޑު އުފަލެއް ލިބުނީ އެވެ.
"ގައުމީ ޗެމްޕިއަންކަން ލިބުމަކީ ބޮޑު އުފަލެއް. އަނެއްކާ ފުރަތަމަ ވާދަކުރި ބޮޑު މުބާރާތުން ޗެމްޕިއަންކަން މި ލިބުނީ. އެއްވެސް މެޗަކު ބަލިނުވެ ފައިނަލާ ހަމައަށް ގޮސް މުބާރާތް ކާމިޔާބުކުރީ،" ހައިލަމް ބުންޏެވެ.
މި މުބާރާތުގެ 23 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދި އަހްމަދު ނާފިއު އާއި ޝާމިލް އަކީ ވެސް ގައުމީ މުބާރާތުގައި މުޅިން އަލަށް ވާދަ ކުރި ދެ ކުޅުންތެރިންނެވެ. އުމުރުފުރާގެ ދެ ކެޓެގެރީގެ ޗެމްޕިއަންކަން ހޯދީ ވެސް ޕޮލިސް ކްލަބުން ވާދަ ކުރި މި ދެ ޕެއާ އެވެ.
އަންހެން ޑިވިޝަންގެ 23 އަހަރުން ދަށުގެ ކެޓެގެރީގެ ޗެމްޕިއަންކަން ހޯދީ އާމިނަތު އަފާފް އާއި ނަރީމާ އިދްރީސްގެ ޕެއާ އެވެ. ފައިނަލު މެޗު އެދެ ކުޅުންތެރިން ކާމިޔާބުކުރީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާގެ ޕެއާ ބީޓް ކުރުމަށް ފަހު އެވެ. އަފާފް އާއި ނަރީމާގެ ޕެއާ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބުކުރީ 21-12 އަދި 21-8 އިންނެވެ.
ސީނިއާ ގައުމީ ޗެމްޕިއަންކަން އަހްމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) އެވެ. ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީ ކޯޓްގައި ކުޅުނު ފައިނަލު މެޗުގައި ޑެންޒޯ އާއި ކޯކޭ އާ ވާދަ ކުރީ އަޝްފާގް އާދަމް (އައްކަޅޭ) އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ އެވެ. ކޯކޭ އާއި ޑެންޒޯގެ ޕެއާ ޗެމްޕިއަންކަން ހޯދީ 2-1 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ސެޓް އައްކަޅޭ އާއި ކާއްޓޭގެ ޕެއާ ކާމިޔާބުކުރީ 21-18 އިންނެވެ. ފަހު ދެ ސެޓް ޑެންޒޯ އާއި ކޯކޭގެ ޕެއާ ކާމިޔާބުކުރީ 21-18 އަދި 15-11 އިންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ސީނިއާ ޗެމްޕިއަންކަން ހޯދީ އާމިނަތު އަރީޝާ އާއި އައިޝަތު އިމްތިނާން (ނާން)ގެ ޕެއާ އެވެ. ފައިނަލުގައި އެދެ ކުޅުންތެރިންނާ ވާދަ ކުރީ ފާތިމަތު ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ފުރަތަމަ ދެ ސެޓް ޖޫޒާން އާއި މާޖިދާގެ ޕެއާ ކާމިޔާބުކުރީ 22-20 އިންނެވެ. އެކަމަކު ފަހު ދެ ސެޓްގައި 21-11 އަދި 15-8 އިން ކާމިޔާބު ހޯދައި އަރީޝާ އާއި ނާންގެ ޕެއާ ޗެމްޕިަންކަން ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭ123
05 November 2021
ވަރަށް ހުނަރުވެރި 2 ބެއިން. ވަރަށް ބޮޑަށް މަރުހަބާ!
ބުލް
04 November 2021
ކޮން ކާއްޓޭ!! ނާއްޓޭ!
ގެރި.
04 November 2021
ކުޑައްޓޭ، ދުމައްޓޭ، ޒަކިއްޓޭ އާއި ފަކިއްޓޭ އެކޭ ކިޔާކަށް. އެމީސްމީހުންގެ ނަމުން ލިޔެބަލަ.