މައި ކްލިނިކް: މިއީ އަންހެނުންނަށް ހާއްސަ ކްލިނިކެއް.-- ފޮޓޯ: މައި ކްލިނިކް
12 ފެބުރުއަރީ 2022 - 12:42
ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް އިންޓްރާޔުޓެރިން އިންސެމިނޭޝަން (އައިޔޫއައި) ގެ ކާމިޔާބު ފަރުވާއަށް ފަހު އައިވީއެފް ފަރުވާ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ރާއްޖޭގައި އައިޔޫއައި ފަރުވާ ދެމުން އަންނަ މައި ކްލިނިކުން މިއަދު ބުނެފި އެވެ.
އެ ކްލިނިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އަޒްމަތު އަބްދުﷲ މޫސާ "މިހާރު" އަށް ވިދާޅުވީ 2014 ވަނަ އަހަރު ކްލިނިކްގެ ހިދުމަތް ފެށީ އެކި ބަލިތަކަށް ހާއްސަ ފަރުވާދޭ ތަނެއްގައި ކަމަށެވެ. ނަމަވެސް ރީ-ބްރޭންޑުކޮށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ އަންހެނުންނަށް ހާއްސަކޮށް ފާޓިލިޓީ ސެންޓަރެއްގެ ގޮތުގައި ފަރުވާ ދެމުންނެވެ.
ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް މައި ކްލިނިކުން ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރާ ގުޅިގެންނެވެ. އެ ސެންޓަރުގެ ސީނިއާ ޕްރޮފެސާ ޑރ. އަވާނީ ޕިއްލާއީ އެ ކްލނިކްގައި މަސައްކަތްކުރައްވަ އެވެ.
އަޒްމަތު ވިދާޅުވީ އެ ކްލިނިކުން މިހާތަނަށް 200 އެއްހާ އައިޔޫއައި ހަދާފައިވާ ކަމަށެވެ. އެ ފަރުވާގެ ކާމިޔާބު ރޭޓް އުޅެނީ 22 ޕަސެންޓުގަ އެވެ.
މައި ކްލިނިކްގައި މަސައްކަތްކުރައްވާ ޑރ. އަވާނީ.-- ފޮޓޯ: މައި ކްލިނިކް
ދަރިމައިވުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ، އައިވީއެފް ހަދަންޖެހޭ މީހުން ބޮޑު ހަރަދެއް ކޮށްގެން ޖެހެނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ.
މި ދެ ފަރުވާއަށް ވެސް އާސަންދައެއް ނުލިބެ އެވެ. އެކަމަކު މައި ކްލިނިކުން އައިޔޫއައި ފަރުވާ ދެނީ އަތްފޯރާ އަގެއްގަ އެވެ.
އެކަންކަމަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މައި ކްލިނިކުން އަންނަނީ އައިވީއެފް ހެދުމަށް ތައްޔާރުވަމުންނެވެ.
އަޒްމަތު ވިދާޅުވީ އެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުން ސްކޭނާއި ޓެސްޓުތައް ހަދައި ބޭސް ދޭނެ އެވެ. އޭގެ އިތުރުން އައިވީއެފް ހަދަން ޖެހޭ މީހުންނަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިވީއެފަށް އިންޑިއާއަށް ގޮސްގެން ނޯމަލީ 2-3 މަސް އެކޮޅުގައި ހުރެގެން ރުފިޔާ ހަރަދުކުރުމުގެ ބަދަލުގައި ޑޮކްޓަރު ދޭނެ އައިވީއެފް ހަދާ ޕޭޝަންޓުންނަށް އޮޕްޝަނެއް އެއް މަސް ދުވަހު އެކޮޅުގައި ހުރެގެން ނޫނީ ފަހު ތިން ހަފްތާގައި ފަރުވާ ހޯދޭނެ ކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
މައި ކްލިނިކް ހިންގާ އިމާރާތް.-- ފޮޓޯ: މައި ކްލިނިކް
އައިޔޫއައި ޕްރޮސީޖާ ގެންދާނީ ދަރިފަނީގެ އެނަލިސިސް ހެދުމާއި ދިމާވާ މައްސަލަތައް ދެނެގަނެގެންނެވެ. އެ ކަންތައްތަކުގައި މައްސަލަތައް ދެނެގަނެ އެންމެ ފުރަތަމަ ބަލާނީ ބޭހާއި އިންޖެކްޝަނުން ރަނގަޅު ކުރެވޭތޯ އެވެ. އެކަން ކުރާއިރު ސްކޭންތައް ވެސް ހަދާނެ އެވެ. ފުރަތަމަ ފަހަރުން އައިޔޫއައި ޕްރޮސީޖާ ފެއިލްވެއްޖެނަމަ ދެ ވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް އެ ޕްރޮސީޖާ ކުރިއަށްގެންދެ އެވެ.
"އެބަހުރި ދެ ވަނަ ފަހަރަށް އެ ޕްރޮސީޖާ ކުރިއަށްގެންގޮސްގެން ކާމިޔާބުވެފައި ވެސް،" އަޒްމަތު ވިދާޅުވި އެވެ.
މައި ކްލިނިކަށް ދައްކާ މީހުންގެ އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަރަށް ބޮޑުކަން އެނގިގެންދާ ކަމަށް އަޒްމަތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ އަލިބެއްޔާ
13 February 2022
ސަރުކާރުން އަޅާލުން ކުޑަ ކަމެއްގެ ތެރެއަށް ބޭރުގެ މަކަރުވެރި ބަޔަކު ވަދެގަނެ ދިވެހި ރައްޔިތުންގެ މަޖުބޫރީ ޙާލަތުން ފައިދާނަގަން ތިއުޅެނީ.. ވިސްނާފަ ނޫނީ ތިތަނަށް ފައިސާ ޚަރަދު ނުކުރާތި.. އެ ފައިސާއެއް އަނބުރާ ނުލިބޭނެ..
ކޮވިޑު
13 February 2022
އަދިވެސް ތިބޭ 18 އަހަރު ވާ އިރުވެސް ކުޑަކުދިންނޭ ކިޔާފަ މަސްއޫލިއްޔަތެއް ނުނަގާ. ތިރީސް ސާޅީސް އަހަރު ވީމަ ދަރިން ހޯދަން އުޅުނީމަ ވާނެގޮތް. ދެންވީ ރަށްޔިތުންގެ ފައިސާއިން މިކަންވެސް ކުރަން
ނާގޯށި
13 February 2022
ދަރިމައި ވުމުގައި އުދަގޫ ތައް ތަހައްމަލް ވާ ފަރާތް ތައް ވަރައް ވިސްނަވާތި، ފާޑުފާޑުގެ ކްލިނިކް ހަދައިގެން ފައިސާ ހޯދާނެ މުޅިން އާ އުކުޅެއް މިހާރު ސިއްހީދާއިރާއިން ފެންނަން ފަށާފި، ޢައިވީއެފް ގެ ބޭސްފަރުވާއަކީ ވަރައް ތަޖްރިބާއާއި އިކްއިޕްމެންޓްސް ބޭނުންވާކަމެއް، އައިވީއެފް ހަދަން މިސަރަހައްދުގަ އެންމެ ރަގަޅުތަނަކީ އިންޑިޔާގެ މުންބާއީ.
ޢަހު
13 February 2022
އަލްޙަމްދުލިﷲ ހުރިހާ ޙަމްދާއި ސަނާ ޙައްގު ވެގެންވަނީ ﷲއަށް އޅުން ހެޔޮގޮތުގަ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން
އުޙްތު
14 February 2022
އާމީން
ޙހހހހ
13 February 2022
ތީހަމަ ލާަރިކާަ ތަނެއް. އިންޑިޔާަ އިން 250 ރުޕީސް އައް ލިބޭ އިންޖެކްސަން ރާއްޖެ ގެނެސް ވިއްކަނީ އިންޑިއާގެ އެއްކޮޅު ޓިކެޓުގެ އަގުގަ…ޓްރީޓޮޕް އިން އައިވީއެފް ހަދަން ފަށާނެ ދުވަހެއް އަވަހަށް ފެންނާނެނަމަ ވަރަށްރަނގަޅު… މުޅިއަމްރީތާ ފުރިފައޮތީ ތިޔަކުލިނިކުން މީހުން ފޮނުވާ ފޮނުވާ…
ޙުމެއި
13 February 2022
ތީވަރައްވެސް ރަނގަޅު ވާހަކައެއް… އައިވީއެފްއައް ދާނީ އައިޔޫ އައި ހަދާހަދާ ނުވީމަ… ދެން ކޮން އައިޔޫއައި ގެ ކާމިޔާބީއެއްގެވާހަކަ ތިޔަ ދައްކަނީ؟ އައިޔޫ އައި 2 ފަހަރު ތިން ފަހަރު ހަދައިގެން ނުވީމަ ތިިޔަ ކުލިނިކުން ފޮނުވަނީ އަމްރީތާއައް ކޮޗިންގަ ހުންނަ…މިހާރުވެސް ބައިވަރު ޅަކުދިން ތައް އެބަ ތިބި މުޅިއަމްރީތާ ފުރާ ތިޔަތަނުން ފޮނުވާފަ… އަޅުގަންޑުގެ ނަސޭހަތަކީ ސީދާ އިންޑިޔާއައް އައިސް ދެއްކުން ލާރި ބޭކާރުނުކޮށް…
ބަސް
13 February 2022
އައިޔޫ އައި އެއް އެއްފަހަރު ހަދާނިމޭއިރު މީހާހުން ނަނީ ކުކުޅެއްހެން ފަތްނޮޅާލާފަ ތިޔަ ކުލިނިކުން… ޖީބުގަ ފޫވެސް ނުހުރޭ… ސީދާ އިންޑިޔާއައް ދިޔައީމަ މާއަގުހެޔޮ… އެންސްޕާއައް ސިޓީލީމަ ދޭނެ ދެމަފިރިންނައް ދެކޮޅު ޓިކެޓާ ފައިސާގެ އެހީވެސް ތިކަމަށް… ވީމާ ލާރިކޮޅުބޭކާރުނުކޮށް ސިދާ ދާންވީ ބޭރައް…
ވިޒް
13 February 2022
ތިއީ ވަރައް ވެސް އުފާވެރި ޙަބަރެއް. الحمدلله ތިބޭފުޅުން ތިކުރާ މަސައްކަތުގަ މާތް الله ބަރަކާތް ލައްވާށި
Good
12 February 2022
ވަރަށް އުފާވެރި ޚަބަރެއް
އައިޝާ...
12 February 2022
މައްސަލަ އަކީ އިންޝިއުރަންސް ނުލިބޭތީ އާސަންދަ އިން އެއްބައި ކަވަރު ކުރިޔަސް ނުލިބޭ މީހުންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެ
އަލީ12345
13 February 2022
ފަރޓިލިޓީ ކަންކަމަށް އެއްވެސް ގައުމެއްގެ އިންޝޫރަންސްއިން ކަވަރއެއް ނުކުރޭ. އެއީ މުޅިދުނިޔޭގައިވެސް އަމިއްލައަށް ކުރަންޖެހޭ ޚަރަދެއް. ކަން އޮތް ގޮތް.
ތާމީ
12 February 2022
މީ އިންތިހާއަށް ބޭނުން ވެފައިވާ ހިދުމަތް ތަކެއް. ތިޔަ ކުރާ މަސައްކަތަށް އަސްތަރިބަހާއި ސާބަސް. ?