ހއ. ހޯރަފުށީ ހެލްތު ސެންޓަރުގެ ނައިޖީރިއާ އަށް ނިސްބަތްވާ ޑޮކްޓަރު، މޭޒުގައި ބޯއަޅާލައިގެން އޮއްވާ-- ފޮޓޯ: ހާމިދު އާދަމް
23 އޯގަސްޓް 2022 - 11:08
ހުންގަދަވެގެން ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެއް އަހަރުގެ ކުއްޖަކު ބަލަން އިންކާރުކޮށް، ޑޮކްޓަރު ކޮޓަރީގައި "ރެސްޓްކުރަން" އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުއްޖާގެ ބައްޕަ ހާމިދު އާދަމް، "މިހާރު" އަށް ބުނީ ރޭ 8:30 ހާއިރު އޭނާ ހޯރަފުށީ ހެލްތު ސެންޓަރަށް ދަރިފުޅު ގޮވައިގެން ދިޔައީ އެ ކުއްޖާ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށެވެ. އޭރު ކޮންސަލްޓޭޝަން ރޫމުގައި ޑޮކްޓަރު އިނީ އެހެން ޕޭޝަންޓެއް ބަލަން ކަމަށާއި އެ ޕޭޝަންޓް ބަލައި ނިމެންދެން ކިއުގައި ތިބި ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އެ ޕޭޝަންޓް ބަލައި ނިންމި ގޮތަށް، ނައިޖީރިއާގެ ޑޮކްޓަރު ކޮންސަލްޓޭޝަން ރޫމުގައި އަރާމުކޮށްލަނީ ކަމަށް ބުނެ ކުއްޖާ ބަލަން އިންކާރުކުރީ އެވެ.
"އެ ޕޭޝަންޓް ބަލައި ނިމުނުއިރު ގާތްގަނޑަކަށް 9:45 ވެދާނެ. ދެން އިނީ އަޅުގަނޑުގެ ނަމްބަރު، އެކަމަކު ޑޮކްޓަރު ކައިރީ އިން އެސިސްޓެންޓް ނިކުމެފައި ބުނެފި ޑޮކްޓަރު ބުންޏޯ ރެސްޓޭ،" ހާމިދު ބުންޏެވެ.
ޑޮކްޓަރު، ރެސްޓްކުރާ ކަމަށް ބުނުމުން، ކުއްޖާގެ ބައްޕަ ވަނީ ކޮންސަލްޓޭޝަން ރޫމަށް ވަދެ، ކުއްޖާ ވަރަަށް ހުން ގަދަ ކަމަށް ބުނެ ކުއްޖާ ބަލައިދޭން އެދިފަ އެވެ. އެކަމަކު ޑޮކްޓަރު ރެސްޓްކުރަނީ ކަމަށް ބުނެ ކުއްޖާ ބަލަން ދެކޮޅުހެދީ އެވެ.
"ކުއްޖާ ބަލައިދޭން އެދުނީމަ ވެސް އޭނާ ބޯޖަހައިގެން އޮތީމާ އަޅުގަނޑު ނިކުތީ،" އޭނާ ބުންޏެވެ.
އެންމެ ފަހުން ނަރުހަކު ވަނީ ކުއްޖާގެ ޓެމްޕަރޭޗާ ބެލުމަށް ފަހު އަނެއްކާ ވެސް ޑޮކްޓަރަށް ގޮވާފައި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އެވަރުން ވެސް ޑޮކްޓަރު ކުއްޖާ ނުބެލި އެވެ.
"ނަރުސް ކުއްޖަކު އައިސް އެންމެ ފަހުން ޓެމްޕަރޭޗާ ބަލާފައި ޑޮކްޓަރަށް ގޮވާފައި ބުނީ ވަރަށް ހުން ގަދައޭ. އެވަރުން ވެސް ޑޮކްޓަރު ބޯހިއްލާ ނުލި. އެއްގޮތަކަށް ވެސް އަޅާނުލި. ދެން ބުނީ ތިމަންނަ ރެސްޓްކުރަނީއޭ. ކީއްކުރަންހޭ ތިމަންނައަށް ތި ގޮވަނީ."
ހުން ގަދަވެފައި އޮތް އެ ކުއްޖާ ބަލަން ޑޮކްޓަރު ދެކޮޅު ހެދުމުން ދެން ގުޅީ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދަށެވެ.
"ވެރި މީހާއަށް ގުޅާފައި އަޅުގަނޑު ބުނީ ހެލްތު ސެންޓަރުގައި މިއޭ ކަންތައް ހުރި ގޮތަކީ. ތުއްތު ކުއްޖެއްގެ މިހާ ގަދައަށް ހުން ހުއްޓާ ބަލައިނުލިއޭ. ދެން އޭނާ ޑޮކްޓަރަށް ގުޅީމަ ބުންޏޯ ބޮލުގައި ރިއްސާތީއޭ. އެކަމަކު އޭނާ ބޮލުގައި ރިއްސަންޏާ އެތާކު ނޫންދޯ އޮންނާނީ،" އެމީހާ ނުރުހުން ފާޅުކުރަމުން ބުންޏެވެ.
ޑޮކްޓަރު ކުއްޖާ ނުބެލުމުން އެތަނުގައި ތިބި ނަރުހުން ވަނީ ކުއްޖާ ވޯޑަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ. އެކަމަކު އޭރު ތިން ގަޑިއިރު ވެދާނެ ކަމަށާއި ކުއްޖާއަށް ނަރުހުން ފަރުވާދެނިކޮށް ޑޮކްޓަރު ކޮންސަލްޓޭޝަން ރޫމުން ނުކުމެ ކުއްޖާ ބަލަން އުޅުނު ކަމަށް އޭނާ ބުނެ އެވެ.
"އަޅުގަނޑު އެންމެ ފަހުން ނުރުހުންވެގެން ކޮންސަލްޓޭޝަން ރޫމް ކައިރީ ހަޅޭލަވަން ފެށީ. އޭގެ ތިރީހަކަށް މިނެޓް ފަހުން ޑޮކްޓަރު ނިކުމެފައި އެތަނަށް ދިޔައީ،" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.
ހާމިދު ބުނި ގޮތުގައި އޭނާ ޝަކުވާކުރަން ފެށުމުން، ހެލްތު ސެންޓަރުގެ ވެރިޔާ އިބްރާހިމް ރަޝީދު ޑޮކްޓަރާ ވާހަކަ ދެއްކުމަށް ފަހު ޑޮކްޓަރަށް އިންޒާރުދީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ފޮނުވާލާނެ ކަމަށް ބުންޏެވެ.
އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ޑޮކްޓަރާ ގުޅޭ ގޮތުން ކުރިން ވެސް ޝަކުވާ ލިބިފައި ވާތީ ނޯޓިސް ދީފައިވާ ކަމަށާއި ރޭގެ ހާދިސާއާ ގުޅިގެން އެކަން ހެލްތު މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ.
މި ދުވަސްވަރު ރަށުގައި ހުމާއި ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކާ ކަމަށާއި ޑޮކްޓަރާ ވާހަކަ ދެއްކުމުން، އަރާމުކުރަން އޮތީ ބަލި މީހުން މާގިނައިން ބަލަންޖެހި ވަރުބަލިވެގެން ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
23 August 2022
ތިޔަ ޑޮކްޓަރ ބަލީ ކަންނޭނގެ. ޑޮކްޓަރަކަށް ދައްކަންވީ ކަންނޭނގެ.
ރާއްޖެ
23 August 2022
އޭނާއަށް ޑިއުޓީ ގަޑީގައި އެއް ގަޑި އިރުގެ ބްރޭކެއް ނެނގުމުގެ ހައްގު އެބައޮތް. އެއީ ވެސް އިންސާނެއް. ހަމަ ރެސްޓެއް ވެސް ބޭނުން ވެދާނެ.
ދިވެހި ރައްޔިތެއް
23 August 2022
އެކްޝަން ސުލޯ ވެއްޖެ ކޮންމެ ޑރ އެއް ފޮނުވާލަބަލަ އައި ތަނަކަށް. ނުވާވަރުން ނޫޅެބަ ހެލްތު މިނިސްޓްރީ ވެސް.
ކޮބާ މެނޭޖަރު؟؟؟؟
23 August 2022
ތިވަރު ވީ އިރު ތިޔަ ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި ތިބި މީހުންގެ ގާބިލު ކަމާ މެދު މަމެން ވަރަށް ގިނަ ސުވާލު އެބަހުރި. އެބައިމީހުން ހެލްތު މިނިސްޓުރީއާ މިކަމާ ކުރީ ކޮން މަސްވަރާއެއްބާ؟ ޑޮކްޓަރުގެ ސިއްހީ ނުވަތަ ނަފްސާނީ މައްސަލައެއް ހުރި ނަމަ އެކަން ހައްލުކުރަން މެނޭޖްމަންޓުން އެއްވެސް ކަމެއް ކުރިބާ؟؟؟ މި ނުވެދާނެ ޑޮކްޓަރުގެ ނުބައި ކަމުން ގަސްތުގައި ކުރާ ކަމަކަށް. ޑޮކްޓަރުންނަށްވެސް ނަފްސާނީ އެހީ ބޭނުންވާ ހާލަތްތައް ހުރޭ
ޑޮކް ޒޒ
23 August 2022
ސީރިއަސް ނަޒަރިއްޔާތަކުން ބުނާނަމަ ބުނެވޭނީ ޑޮކްޓަރ ވައްތަރީ ބޮޑަށް ޑިޕްރެޝަން ކަހަލަ ކަމެއްގައި އުޅޭހެނޭ. ޑޮކްޓަރުންނަކީވެސް އިންސާނުންވެފައި އެމީހުންނަށް ވެސް އެކަހަލަ ކަންކަން ދިމާވާނެ. އަނެއްކާ އާއިލާއާ އަނބިދަރިން ދޫކޮއްފައި ވަރަށް ދުރަށް އައިސް އެތިބެނީ. ހުރެދާނެ ހަމަ އާއިލީ ކަމެއްވެސް ވިސްނާ ކަންބޮޑުވާ. އެހެންވީމަ އަސްލު ހެލުތު މިނިސްޓުރީއިން އެބަޖެހޭ ޑޮކްޓަރުންވެސް ނަފްސާނީ ގޮތުންވެސް ފިޓުދޯ ބަލަން ޖޮބަށް ލުމުގެ ކުރިން.
1 ޑައިރެކްޝަން މައިނަސް ލުއީސް ޓޮމްލިންސަން
23 August 2022
ބެލެނިވެރިންވެސް ހޭލުންތއރިވާންޖެހޭއެބަ. ހުންގަދައިއްޔާ ފެންކާއްތައިގެން ޙުން މައިތިރިކުރާނީ. ވީހާވެސް ގިނައަކުން ދިޔާއެއްޗެހި ބޯންދެވޭތޯ ދެންބަލާނީ. ޑޮކްޓަރަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ.
ހެލްތް ސެންޓާރ
23 August 2022
ހެލްތް ސެންޓަރު ތަކުގެ ހާލު މިނިސްޓްރީގެ ރީނދޫ ޓައި އަޅައިގެން ފިނި ކޮޓަރީގަ ތިބޭ މީހުނައް ނޭނގޭނެ. ހާދަ ހާލެއްގައޭ ތަން ހިނގަނީ، މީހުން މަދުވެ، ވަސީލަތްތައް ވެސް ނުހުރެ!އާންމުންނައް ހީވާ ކަހަލަ މަރުކަޒުތަކުގަ ތިބެނީ ރޮބޮޓުންތަކެކޭ!ރެސްޓު ބޭނުންވާނެ!
އަމިއްލަ އެދުން ބޮޑު ދިވެހިން
23 August 2022
ބަލަ ޑޮކްޓަރުންނަކީ ވެސް އިންސާނުން. ދިވެހިން މީ ހާދަ އަމިއްލަ އެދުން ބޮޑު ކެތްތެރިކަމެއް ނެތް ބައެކޭ. މި މީހުން ބޭނުން ކަމެއް އެވަގުތަކު ނުވެއްޖިއްޔާ އަނެއްމީހާ އެއީ އިންސާނެއް ކަމަށްވެސް ނުބަލާ. އަހަރުމެން ގައިމު އެހެރަ ބެންކޮކް ތަންތާ ވެސް ގޮސް ތިބެން ޖެހޭ އެބަ 2 ގަޑި އިރުވެސް މަޑުކޮއްގެން. ނުޖައްސަން މައްސަލައެއް. ބޮޑުވަރޭ ދިވެހިން!!!!!
އަވަދި
23 August 2022
އެވެސް އަދި މަސާޖު ކިޔުގަ، 2 ގަޑިއިރު ، ވިސްނާލާ، ނޫނޭ ބޭފުޅާ ކެތްގަދަ
އައްޔަ
23 August 2022
ތިކަލޭގެ ކަނފަތުގަ ހިފާދަމާ ނުނެރުނު ކަންްދެރައީ އާނ އެހެންނަަ ޑިއުޓީގަ އަރާމު ކުރަން އޮއެވޭތަ!
ރަށުމީހާ
23 August 2022
ހޯރަފުށީ އާބާދީއާއި އަޅާބަލާ އިރު ސިންހީހިދުމަތް ހަމަ ޒީރޯ. އަހަރެންރަށަށް ބަދަލުވީ ފޮނިއުއްމީދު ތަކާއިއެކު. އެކަމް އަބުރާ މާލެ ބަދަލުވަން ޖެހުނި އެއްމެ ބޮނޑް ސަބަބަކީ ރަގަޅު ސިއްހީހިދުމަތް ނުލިބުން. އެއްމެ ކުޑަމިނުން ކުޑަދަރިފުޅަށް ޖަހާނި ވެކުސިން ރަށުން ނުލިބޭ. މާލޭން ނޫނީ ކުޅުދުންފުށިން ގެނާމަ ޖަހާދެނި. ހުންއައިސް ގެން ދެށްކި ފަހަރެއްގަ ވެސް ބުނީ މާލެދާށް ރަށުން ޓެސްޓް ނުހުދެޔޭކިޔާފަ.