"ގެލަރީ 350" ހުޅުވުން.
12 ނޮވެމްބަރ 2022 - 20:44
އާޓިސްޓުންގެ ހުނަރު ދައްކުވައިދިނުމަށް "ގެލަރީ 350" ގެ ނަމުގައި މާލޭގައި އާ އާޓް ގެލަރީއެއް ހުޅުވައިފި އެވެ.
ގ. ލާމީހިޔާގެ ފުރަތަމަ ފްލޯގައި ބުރާސްފަތި ދުވަހު މި އާޓް ގެލަރީ ހުޅުވާފައި ވަނީ "ތިންކް ވީ މަސްޓް" ގެ ނަމުގައި ބޭއްވި އާޓް އެގްޒިބިޝަނަކާ އެކުގަ އެވެ. އެ އެގްޒިބިޝަނުގައި 12 ފައިން އާޓިސްޓުންގެ މަސައްކަތް ފެންނާނެ އެވެ.
އެ ތަން ހުޅުވައި ފައިން އާޓްސް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ "ގެލަރީ 350" އަކީ އާޓިސްޓުންގެ މަސައްކަތްތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ދައްކައިދިނުމަށް އެހީތެރިވުމާއި ފައިން އާޓްސް އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ހުޅުވި ތަނެއް ކަމަށެވެ.
އަހުމަދު އާތިފް (އާއްޓެ) އާ ގެލަރީ ހުޅުވައިދެއްވިއިރު ފައިން އާޓްސް އިން ބުނީ އެތަން ހުޅުވުމުގައި އޭނާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނި ގޮތުގައި ކޮންމެ އަހަރެއްގައި ވެސް ތަފާތު އެކި އެގްޒިބިޝަންތައް ބޭއްވުމުގެ މަގްސަދުގައި ހުޅުވި މިތަނުގައި އާޓިސްޓުންގެ ބައްދަލުވުންތައް ވެސް ބޭއްވޭނެ އެވެ.
އެގްޒަބިޝޭނަކާ އެކު "ގެލަރީ 350" ގެ ނަމުގައި އާ އާޓް ގެލަރީއެއް ހުޅުވުން.
މިއީ ލޯކަލް އާޓިސްޓުންގެ ހުނަރު ތަރައްގީކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް ފައިން އާޓްސް މޯލްޑިވްސް އިން ބުނީ މީގެ ސަބަބުން ފައިން އާޓްސްއާ މެދު ހޭލުންތެރިކަން އިތުރުވެ، ދިވެހިންގެ ސަގާފަތަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މިހާރު އެ ގެލަރީގައި ކުރިއަށްދާ އެގްޒިބިޝަން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
އެގްޒިބިޝަނެއް ބާއްވައި، މަސައްކަތް ދައްކާލަން ބޭނުންވާ ލޯކަލް އާޓިސްޓުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.
ފައިން އާޓްސް މޯލްޑިވްސް އަކީ ރާއްޖޭގައި ފައިން އާޓްސް ފުޅާކުރުމުގެ މަގްސަދުގައި 2019 އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމިއްޔާ އެކެވެ.
އާޓިސްޓުންގެ ހުނަރު ދައްކުވައިދޭން އާ އާޓް ގެލަރީއެއް ހުޅުވިއިރު އެންމެ ކުރިއްސުރެ އާޓިސްޓުންގެ ހުނަރުތައް ދައްކުވައިދެމުން ދިޔައީ އާޓް ގެލަރީގަ އެވެ. އެކަމަކު އާޓިސްޓުންނަށް ހެދި ގައުމީ ގެލަރީއާ ގުޅިގެން ގިނަ ޝަކުވާތަކެއް އޭރު ވެސް އޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy