ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ޝަރީއަތް ހިންގަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް 1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. މި ފައިސާ ޔާމީނަށް ލިބިވަޑައިގަތް ގޮތާއި އެ ފައިސާ ދައުރުކުރި ގޮތް ދައުލަތުގެ ދައުވާގައި ތަފްސީލްކޮށްދީފައިވެ އެވެ.

ދައުވާގައި ބުނާ ގޮތުން، ރައީސް އޮފީހުގެ އެންގުމަށް، އާރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރީ އޯގަސްޓް 13، 2015 ގަ އެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ 99 ޕަސެންޓް ހިއްސާއާ އެކު ޓޫޖީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށް ސެޕްޓެމްބަރު 8، 2015 ގައި އެ 99 ޕަސެންޓް ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލީ ކަމަށް ދައުވާގައިވެ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕިއާރްސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ހަވާލުކުރުމުން ލީޒް އިކުއިޒިޝަން ކޮސްޓަށް 1 މިލިއަން ޑޮލަރު އެލްއޭ އިން އެމްއެމްޕީއާރްސީ އަށް ދިން އިރު ޔޫސުފް ނައީމަށް ވެސް 1 މިލިއަން ޑޮލަރުގެ ޗެކެއް އެއާ އެކު ދީފައިވެ އެވެ. ދައުލަތުން ބުނީ ޔޫސުފް ނައީމަށް ދިން 1 މިލިއަން ޑޮލަރުގެ ޗެކް ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށެވެ.

މީގެ ފަހުން ސެޕްޓެމްބަރު 17، 2015 ގައި، އެޗްއެސްބީސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމްގެ 1 މިލިއަން ޑޮލަރުގެ ޗެކް ޖަމާކުރީ އެވެ. އެ ޗެކާ އެކު ފޮނުވި ސިޓީގައި އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ލިބިފައި ހުރި ފައިސާ ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް ދައުވާގައިވެ އެވެ.

މަނީލޯންޑަރިންގެ ތުހުމަތު ރިޝްވަތުގެ ފައިސާގެ ގޮތުގައި ޔޫސުފް ނައީމް ދިން ކަމަށް ބުނާ މި ޗެކް ސެޕްޓެމްބަރު 17، 2015 ގައި ޔާމީންގެ އެޗްއެސްބީ އެކައުންޓަށް ޖަމާވި އެވެ. އަދި ފެބްރުއަރީ 22، 2016 ގައި އެ ފައިސާ އާއި އިތުރު ފައިސާ އެއްކޮށް ޖުމްލަ 1،001،499.76 ޑޮލަރު ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކޮށް އަދި ފެބްރުއަރީ 21، 2017 ގައި އަނެއްކާވެސް އިތުރު ފައިސާއާ އެކު 1،295،000 ޑޮލަރު އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ފައިސާ ގޮސް ނިމެނީ މާޗް 14، 2017 ގައި އިތުރު ފައިސާއާ އެކު، ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިސްލާމިކް ބޭންކްގައި ޔާމީން އިންވެސްޓްކުރައްވާ ހިސާބުންނެވެ.