ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު: ދިރާސާ

ރާއްޖޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ކޮރަޕްޝަންގެ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ދިރާސާ އިން ދައްކައިފި އެވެ.


ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މިދިޔަ އަހަރުގެ އަދަދު މިއަދު ނެރެފައި ވާއިރު، 36ގެ ސްކޯއެއް ލިބިގެން ރާއްޖެ ދަރަޖަކޮށްފައި ވަނީ މި އިންޑެކްސްގައި ހިމަނާފައިވާ 176 ގައުމުގެ ތެރެއިން 95 ވަނައިގަ އެވެ.

މި އިންޑެކްސްގެ މިންގަނޑަށް ބަލާއިރު އެއީ ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ލިބޭ ސްކޯ އެކެވެ. އެ ސްކޯ ލިބުނު އެހެން ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާގެ އިތުރުން ދެން ހިމެނެނީ އެފްރިކާ އާއި ސެންޓްރަލް އެމެރިކާގެ ގައުމުތައް ކަމަށްވާ ބެނިން އާއި އެލް ސެލްވަޑޯ އާއި އާޖެންޓީނާ އަދި ކޮސޯވޯ އެވެ. އެއާ ގާތްކުރާ ސްކޯތައް ލިބުނީ ވެސް އެންމެ ހަމަނުޖެހުން ބޮޑު އޭޝިއާ އަދި އެފްރިކާގެ ގައުމުތަކެވެ.

އެކަމަކު، ދެކުނު އޭޝިއާގެ އެހެން ގިނަ ގައުމުތަކަށް ވުރެ ރާއްޖޭގެ ހާލަތު ރަނގަޅެވެ. އެ ގޮތުން، އެއް ހަމައެއްގައި ދަރަޖަކޮށްފައިވާ ރާއްޖެ އާއި ލަންކާ އޮތީ، މި ސަރަހައްދުގައި ކޮރަޕްޝަންގެ މައްސަލަ އެންމެ ކުޑަ ދެ ގައުމު ކަމަށްވާ ބޫޓާން (65ގެ ސްކޯ އަކާ އެކު 27 ވަނައިގައި) އަދި އިންޑިއާ (40ގެ ސްކޯ އަކާ އެކު 79 ވަނައިގައި) އަށް ފަހު އެވެ. ދެކުނު އޭޝިއާގައި ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑީ އަފްގާނިސްތާން (15ގެ ސްކޯ އަކާ އެކު 169 ވަނައިގައި) އާއި 29ގެ ސްކޯ އަކާ އެކު 131 ވަނައިގައި އޮތް ނޭޕާލުގަ އެވެ. ތިރީސް ދޭއްގެ ސްކޯ އަކާ އެކު 116 ވަނައިގައި އޮތް ޕާކިސްތާނުގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫނެވެ.

ސީޕީއައިގެ މިދިޔަ އަހަރުގެ އަދަދުގެ ހުލާސާ.

މުޅި ދެކުނު އޭޝިއާގައި ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައި ވިޔަސް، މި ސަރަހައްދުގެ ހުރިހާ ގައުމަކުންހެން ވަނީ ކުރީގެ އަހަރުތަކަށް ވުރެ ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެކަމަކު، ރާއްޖެއާ ގުޅޭ ގޮތުން ލިބެން ހުރި މައުލޫމާތު މަދުކަމުން މީގެ ކުރީގެ އިންޑެކްސްތަކުގައި ރާއްޖެ ހިމަނާފައި ނުވާތީ، ރާއްޖޭގެ ހާލަތަށް އައި ބަދަލެއް އެނގޭކަށް ނެތެވެ.

ސީޕީއައި އެކުލަވާލަނީ ވޯލްޑް ބޭންކާއި ފްރީޑަމް ހައުސް އާއި އެ ނޫން ވެސް އެ ފަދަ ބައިނަލްއަގުވާމީ 12 އިދާރާއަކުން ހަދާ 13 ދިރާސާ އަކަށް ބިނާކޮށެވެ. މި އިންޑެކްސްގައި ގައުމެއް ހިމަނަނީ، އޭގެ ތެރޭން މަދުވެގެން ތިން ދިރާސާ އަކުން އެ ގައުމަކާ ބެހޭ މައުލޫމާތު ލިބޭ ނަމަ އެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ވަރަށް ބޮޑު ކަމަށް ދެއްކިއިރު، ރާއްޖޭގެ ތާރީހުގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލައިގެ ބައެއް ތަހުގީގުތައް ނިންމައި މިދިޔަ އަހަރު ވަނީ ޝަރީއަތްތައް ވެސް ހިންގައިފަ އެވެ. އެ ގޮތުން، ރަށްރަށާއި ފަޅުތައް ވިއްކައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާގެ ތެރެއިން 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަގަށް ނެގުމާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށް ލައިފަ އެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާއްމުވެފައިވާ ކަމަށް ބުނެ، އަލް ޖަޒީރާ އިން ވަނީ ތަހުގީގީ ރިޕޯޓެއް ވެސް ހަދައިފަ އެވެ.