28 އޯގަސްޓް 2023 - 16:44
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވައި، ރާއްޖެއަށް ސަފީރެއް ކަނޑައެޅުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ މެދުވެރިއަކަށް ވާނެ ކަމަށް އެމެރިކާގެ މެރީލަންޑްގެ ސެނެޓާ ކްރިސް ވެންހޮލަން މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސެނެޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވެންހޮލަން ވިދާޅުވީ އެމެރިކާގައި މިވަގުތު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ތާއީދާ އެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަކީ ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރި ގުޅުން ވަރުގަދަކުރަން ދޭ އިސްކަމުގެ ހެއްކެއް ކަމަށެވެ.
މިދިޔަ ސަރުކާރުގައި ޑިމޮކްރަސީ އާ ހިލާފު އަމަލުތައް ކުށްވެރިކޮށް އެމެރިކާ ސަރުކާރުން ބަޔާންތައް ނެރުނު ނަމަވެސް، މިހާރު އެކަން މަޑުޖެހިފައިވާކަން ފާހަގަކުރުމުން، ވެންހަލަން ވިދާޅުވި ގޮތުގައި ރާއްޖެއަށް ސަފީރަކު ކަނޑައެޅުމަކީ، އެފަދަ ކަންކަމުގައި އަވަހަށް އެއްޗެއް ބުނުމުގެ މަގުފަހިގެންދާނެ ކަމެކެވެ.
"ރާއްޖެއަށް ހާއްސަ ސަފީރަކު އައްޔަންކުރުމަކީ މައިގަނޑު އެއް ފައިދާ އަކީ، އެކަހަލަ ކަންކަމުގައި އެމެރިކާ ސަރުކާރަށް އަވަހަށް އެއްޗެއް ބުނުމުގެ މަގު ފަހިވެގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މެރިޓައިމް ސެކިޔުރިޓީ އާއި މޫސުމީ ބަދަލުތައް ފަދަ ރާއްޖެއަށް މުހިންމު ދާއިރާތަކުން އެމެރިކާއިން މިހާރު ވެސް ގިނަ އެހީތައް ދެމުންދާކަން ފާހަގަކުރައްވައި ވެންހަލަން ވިދާޅުވީ ރާއްޖެއަށް އެމެރިކާގެ ސަފީރަކު އައްޔަނުކުރުމުން އެފަދަ ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން ވެސް ފުޅާކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، ދެ ގައުމުގެ މެދުގައި އޮތް އިގުތިސޯދީ އަދި ވިޔަފާރީގެ ގުޅުން ފުޅާކުރުމަކީ ވެސް އެމެރިކާ ސަރުކާރުން އިސްކަން ދޭނެ ދާއިރާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވިޔަފާރި އާއި އިގުތިސާދީ ގުޅުން ފުޅާކުރަން ރާއްޖޭން ހުށަހަޅައި އާ ހިޔާލުތަކަށް އެމެރިކާ އިން އަބަދުވެސް މަރުހަބާ ކިޔާނެ،" ރާއްޖޭން އީޔޫގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ ކުޑަކުރަން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ވެންހަލަން ވިދާޅުވި އެވެ.
ދިވެހި ދަރިވަރުންނަށް އެމެރިކާގެ ޔުނިވާސިޓީތަކުން އިތުރު ފުރުސަތުތައް ހޯދައި ދިނުމަކީ ވެސް ފުޅާކުރަން ބޭނުންވާ އަނެއް ދާއިރާ ކަމަށް ވެސް ވިދާޅުވި އެވެ.
ސެނެޓަރު ވެންހަލަން ރާއްޖެއަށް މީގެކުރިން ޒިޔާރަތްކުރެއްވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ. އޭނާ އޭރު ރާއްޖެއަށް ވަޑައިގެންނެވީ ބައްޕާފުޅު ކްރިސް ވެންހަލަން ސީނިއާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރަން ކުރެއްވި ދަތުރުގައި އެވެ.
ވެންހަލަން ރާއްޖެއަށް ކުރެއްވި ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާ
29 August 2023
ރާއްޖެ ކޮންމެވެސް ގޮތަކަށް އެމީހުންގެ ޕްލޭނަކަށް މުހިއްމުވީކަން ތިކަމުން އެނގެނީ. އެމެރިކާ މީހުން ވަރަށް މޮޅުވާނެ ގައުމުތަކުގެ ދާޚިލީ ކަންކަމަށް ސިއްރުން އަތްބާނާ އެމީހުން ބޭނުންވާ ގޮތަށް ކަންކަން އަނބުރާލަން.
އަލީރާޖާ
29 August 2023
ދުނިޔޭގެ ހުރިހާ ގައުމަކާވެސް، ވަކިން ޚާއްސަކޮށް ބާރުގަދަ ނުފޫޒު ގަދަ ހުރިހާ ގައުމަކާވެސް ގާތް އެކުވެރި ގުޅުމެއް މި ކުޑަކުޑަ ރާއްޖެއިން ގެންގުޅުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތް.
ފޮނިޓައްޕު ހަސަނު
28 August 2023
ތިޔަ ގުޅުން އާ ހަރުފަތަކަށް ނެގެން ދިއުން ރަނގަޅީ. މިވީތަނަށް އެމެރިކާ މީހުންގެ ހިޔނި އެޅުނު ގައުމެއް އޮތިއްޔާ އޮތީ ވީރާނާ ވެފައި. ހެއިޓީ، ކިއުބާ، ނިކަރާގުއާ، އިރާގް، ލީބިޔާ، ސީރިޔާ، ވިއެޓްނާމް، ފިލިޕިންސް. އެމެރިކާ ސަރުކާރު ބިނާވެފައިވަނީ ނުބައި ވަހުޝީ މަސްދަރުތަކެއްގެ މައްޗަށް.
1206
28 August 2023
ތިޔަ ގުޅުން ކެނޑިއްޖެ ނަމަ ދެން އަލުން ގާއިމު ނުކުރައްވަތްތޯވެ އެދިގެން މަތިވެރި އިލާހުގެ ހަޒްރަތުގައި ދުއާ ބަރުތީލަ ކުރަމެވެ.
އަފްރާސިޔާބު
28 August 2023
އަހަރެމެންބަށް ހެޔޮ އެމެރިކާގެ އެމްބެސީއެއް ނެތަސް. ތިއީ ރާއްޖެއަށް ރައްކާތެރި ކަމެއް ނޫން. ތިޔައީ ޗައިނާ އަށް ފާރަ ލާން.
ހަނގުރާމަ
28 August 2023
ތިން ވަނަ ބޮޑު ހަނގުރާމައިގެ މުހިންމު ސްޓްރެޓީޖިކް ލޮކޭޝަނެއްވީމަ ކުރި ކަމެއް
ޖަބަވ
28 August 2023
ބޭނުމެއްނޫން . އެދުމެއްނެތި ވެދުމެއްނުކުރާނެ
ދީމުގުރާތުސް
28 August 2023
ތިޔާއީ ކޮން ހަރުފަތްތަކުން ކޮން ދަރަޖައެއްކަމެއް ނޭގެ. އެކަމަކު، ރާއްޖެއިން ތެޔޮފެނުނުނަމަ، އެމެރިކާއިން މަނަވަރުތަކާއި، އެފް-35، ބީ-52 ތަކުގައި، އެކި ސައިޒުތަކުގެ ޑިމޮކްރަސީ ހަރުކޮށްގެން ރާއްޖެ އަންނާނެ، ނޫންތޯ ބައިޑަން؟