މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިން ކަމަށް ބުނެ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު (ޝާޑް) ގެ މައްޗަށް ކުރާ ދައުވާ އަށް އެ ދެ ބޭފުޅުން ވެސް މިއަދު އިންކާރު ކުރައްވައިފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓްގައި މިއަދު މެންދުރު ފަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުވާގެ ހުލާސާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ 2011 ވަނަ އަހަރު ސާކް ސަމިޓް ބާއްވަން ކުރި މަސައްކަތުގެ ތެރެއިން، އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބަހައްޓަން ތައްޔާރު ކުރި ރިލީފް އާޓާއި ސިއްކަ ހަދަން ބަޔަކާ ހަވާލުކޮށް، ފައިސާ ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގެން އޮތުމުން ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ އެއްބަސްވި އަދަދަށް ވުރެ އިތުރަށް ރިލީފް އާޓް ތައްޔާރުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރި ފަރާތަށް 336،000ރ. ދީފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުން ކުރާ މި ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ސޯބެ އާއި ޝާޑް ވެސް ވިދާޅުވީ ދައުވާއަކީ އެއްވެސް އަސްލެއް ނެތް ދައުވާއެއް ކަމަށާއި ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުމީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި ދައުވާއާ ގުޅޭ ލިޔެކިޔުންތައް ވެސް ބޭނުންވާ ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.
ވަކީލަކު ހަމަޖައްސަން ކިހާ ވަގުތެއް ބޭނުންވޭތޯ، މައްސަލަ ކުރިއަށް ގެންދަވާ ގާޒީ ރަފީއުއްދީން އަހުމަދު އެއްސެވުމުން ސޯބެ އާއި ޝާޑް ވެސް ވިދާޅުވީ އެކަމަށް 14 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ގާޒީ މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ ވަކީލުން ހަމަޖައްސަން ދެ ހަފުތާގެ މުއްދަތެއް ދެއްވުމަށް ފަހު އެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީއަތަށް ފަހު، ކޯޓުން ބޭރުގައި ސޯބެ ނޫސްވެރިންނަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށެވެ.
"އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ކައުންސިލް އިންތިހާބަށް ވާދަ ކުރާތީ، ސަރުކާރުން މިހާރު ބޭނުން ވަނީ މިފަދަ އަސާސެއް ނެތް ދައުވާއެއްކޮށް، އަޅުގަނޑަކީ ކޮރަޕްޓް މީހެއްކަން ރައްޔިތުންނަށް ދައްކައި ދޭން،" ތިން ވަނަ ދައުރަކަށް ހިތަދޫ އިތުރު ދާއިރާ އަށް ވާދަ ކުރައްވާ ސޯބެ ވިދާޅުވި އެވެ. "ކައުންސިލް އިންތިހާބު ބޯމަތީގައި އޮއްވައި މި ކުރަނީ ހަމަ ސިޔާސީ ދައުވާއެއް. އެ ނޫން އެއްވެސް ބޭނުމެއް މީގައި އޮތް ކަމަށް ގަބޫލެއް ނުކުރެވޭ."
އޭނާ ވިދާޅުވީ ސާކް ސަމިޓަށް ކުރި މަސައްކަތްތަކާއި ހަރަދުތަކަކީ އެކަމަށް ކަނޑައެޅި ޓާސްކް ފޯހެއްގެ ބެލުމުގެ ދަށުން ކުރި މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ ބަޔަކަށް ނާޖާއީޒު ފައިދާއެއް ހޯދައި ދޭން އަމިއްލަ އަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޝާޑް ވެސް ވިދާޅުވީ މި ދައުވާގެ ބަޔާން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން 2014 ގައި ނެގުމަށް ފަހު، މިހާރު ދައުލަތުން މި މައްސަލަ ތިލަކުރުމަކީ އިންތިހާބެއް ބޯމަތީގައި އޮތުމުން ކުރާ ސިޔާސީ ދައުވާއެއް ކަމަށެވެ.