ޖެމެއިކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުރުގުއޭ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
14 ޖޫން 2016 - 10:31
ސަން ކްލާރާ، ޔުނައިޓެޓް ސްޓޭޓްސް (ޖޫން 14) - ކޮޕަ އެމެރިކާގައި ރޭ 3-0 އިން ޖެމެއިކާ ބަލިކޮށް އުރުގުއޭ މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
ގްރޫޕްގައި އެންމެ ފަހުން ކުޅުނު މެޗުން ވެނެޒުއޭލާ އަތުން ބަލިވުމުން އުރުގުއޭ ވަނީ މުބާރާތުން ކަޓައިފަ އެވެ. ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން މެކްސިކޯ އާއި ވެނެޒުއޭލާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މި ގްރޫޕުން އެއް ވަނައިގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދީ މެކްސިކޯ އެވެ. އެއް ވަނައިގައި އޮތް މެކްސިއޯ އާއި ދެ ވަނައިގައި އޮތް ވެނެޒުއޭލާ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. މެކްސިކޯ އަށް ކުރި ލިބުނީ ފައިދާ ލަނޑުންނެވެ. އުރުގުއޭ ތިން ވަނަ ދިޔައީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލަށްދިޔަ ޖެމެއިކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗުގައި އުރުގުއޭ އަށް ލީޑު ނަގައިދިނީ އަބެލް ފެނާންޑޭޒެވެ. ދެ ވަނަ ލަނޑަކީ ޖެމެއިކާގެ ޖޭ-ވޯގަން ވަޓްސަން އަަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އުރުގުއޭގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ މަތިއަސް ކޮރޫހޯ އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ވެނެޒުއޭލާގެ ހޯސޭ މެނުއަލް ވެލަޒްކޭޒް އެ ޓީމަށް ލީޑު ނަގައިދިނެވެ. މެކްސިކޯ އެއްވަރުކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޕޯޓޯގެ މިޑްފީލްޑަރު މެނުއަލް ކޮރޯނާ ކާމިޔާބުކުރި ލަނޑުންނެވެ.
ކުއާޓާ ފައިނަލްގެ ފަހު ޖާގަ ކަށަވަރުވާނީ މިރޭ ކުޅޭ ގްރޫޕް ޑީގެ މެޗުތަކަށް ފަހު އެވެ. ގްރޫޕް ޑީ އިން އާޖެންޓީނާ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، އަނެއް ޖާގަ ލިބޭނީ ޕެނަމާ އާއި ޗިލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy