ފައިސަލް (ކ) ގެ ޅެންފޮތް އޭނާގެ މަންމަ އާއި ބައްޕަ އަދި ދަރިފުޅު ނެރެދެނީ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
14 ސެޕްޓެމްބަރ 2025 - 12:30
ތަޖުރިބާކާރު ޑިޕްލޮމެޓް އަދި ޅެންވެރިޔާ މުހައްމަދު ފައިސަލްގެ ދެ ވަނަ ޅެންފޮތް "އިން ބިޓްވީން ޑްރީމްސް" އިއްޔެ ނެރެފި އެވެ.
ސޯލްޓް ކެފޭގައި އާއިލާ މެމްބަރުންނާއި އެކުވެރިން ބައިވެރިވި ހަފުލާއެއްގައި ނެރުނު މި ފޮތުގައި ހިމެނެނީ އިނގިރޭސި ބަހުން ފައިސަލް ލިޔުއްވާފައި ޅެންތަކެވެ.
މި ފޮތުގައި ފައިސަލް ޅެންބަހުން ފީނުއްވާފައިވަނީ ހަޔާތުގެ އަޑިގަނޑުތަކާއި އުސްގަނޑުތައް، އުފަލާއި ހިތާމަތައް، ހަނދާންތަކާއި ހިޔާލުތަކުގެ ނާޒުކު ދޭތެރެތަކަށެވެ. މި ޅެންތަކަކީ އަމިއްލަ ނަފުސާ ދެއްކެވޭ ވާހަކަތަކެކެވެ. ދިރިއުޅުމާ މެދު ކުރެވޭ ހުއްޓުމެއް ނެތް ސުވާލުތަކެކެވެ. އަދި ލޯތްބާއި ގެއްލުމާއި އާވުމާއި އުއްމީދާ މެދު ކުރެވޭ ފިކުރުތަކެކެވެ.
ފައިސަލްގެ ޅެން ފޮތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މި ފޮތުގެ ގިނަ ޅެންތައް ފައިސަލް ލިޔުއްވާފައިވަނީ ކޮވިޑުގެ ދުވަސްވަރު އެވެ. މުޅި ދުނިޔޭގައި ވެސް އިންސާނުންގެ ދިރިއުޅުން އާ ގޮތަކަށް ބައްޓަން ވެގެން ދިޔަ އެ ދުވަސްވަރު ފައިސަލްގެ ބައެއް ޅެންތައް އުފަންވީ ހިމޭންކަމުގެ ތެރޭގަ އެވެ. އެކަނިވެރިކަމުގެ ތެރޭގަ އެވެ. އަދި ޖަޒުބާތީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ކުރިމަތި ތޫފާންތަކުގެ ތެރޭގަ އެވެ.
މި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންސްޓަގްރަމް (@mofaisal12) މެދުވެރިކޮށް މެސެޖްކޮށްލުމުން އެކަން ހަމަޖައްސައިދޭނެ އެވެ. އަދި ވަރަށް އަވަހަށް ބުކްޝޮޕްތަކުން ގަންނަން ލިބެން ހުންނާނެ އެވެ. ފޮތެއްގެ އަގަކީ 200ރ. އެވެ.
އަދަބިއްޔާތަށް ފައިސަލްގެ ހިތުގައި ލޯބި އުފެދުނީ މަޖީދިއްޔާ ސްކޫލުގައި ކިޔަވައި ވިދާޅުވި ދުވަސްވަރު އެވެ. އެގޮތުން ސްކޫލުގެ އަދަބީ އަދި ފަންނުވެރިކަމާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވުމާއި އިނގިރޭސި އަދަބީ ޖަމިއްޔާގެ ރައީސްކަން ކުރެއްވި އިރެވެ. އެ ދުވަސްވަރު، 1989 ގައި އޭނާ ވަނީ ދަރިވުންގެ އިނގިރޭސި ޅެން ފޮތެއް ވެސް އެޑިޓް ކުރައްވައިފަ އެވެ.
ފައިސަލް: ސްކޫލް ދައުރުން ފެށިގެން ހުނަރުވެރި ޅެންވެރިއެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ފައިސަލްގެ ފުރަތަމަ ޅެން ފޮތް "އެމްޓީ ވޯޑްސް" ޝާއިއު ކުރެއްވީ ނިއުޒީލެންޑުގައި ކިޔަވައި ވިދާޅުވި އިރު، 2009 ގަ އެވެ. އޭގައި މައިގަނޑުކޮށް ހިމެނެނީ 1990ގެ އަހަރުތަކުގައި ލިޔުއްވި ޅެންތަކެވެ. އޭނާ މަސައްކަތްތައް ވަނީ އެލިވޭޝަން ރިވިއު އާއި އަޔަލެންޑުގެ ސްމޭޝިން ޓައިމްސް އިންޓަނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އެންޑް އީކުއަލިޓީ (އަޔަލެންޑް) ގެ އެންޓި ވޯ ޝާއިއުކޮށްފަ އެވެ.
ފައިސަލް ވަނީ "ފައިނަލް ރިވެލޭޝަން" ބޭންޑަށް ވެސް ލަވަ ލިޔުއްވައިފަ އެވެ. އޭގެ ތެރެއިން ބައެއް ލަވަތައް ފަހުން ފަސީލައިވް އިން ހުށަހަޅައިދިނެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަ "ރައިޒިން" ފާހަގަކުރެވެ އެވެ.
ފޮރިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި، އެޑިޝަނަލް ސެކްރެޓަރީކަން ކުރައްވާ ފައިސަލް ވަނީ ރާއްޖޭން ޗައިނާގައި ހުންނަވާ ސަފީރުކަން ކުރައްވައިފަ އެވެ. ކުރީގެ ހުނަރުވެރި ކްރިކެޓް ކުޅުންތެރިޔާއަކީ މިހާރު ވެސް ކްރިކެޓް ބޯޑުގެ ރައީސް އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ މަގާމުތައް ވެސް ފުރުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔެލޯ
14 September 2025
މަރުހަބާ ބޮޑޭ
ކޮބާ
14 September 2025
ކޮބާ މިހާރުވެސް ރޭގަނޑު 8:30 އަށް އާއިލާއަށް ވަގުތު ދެންތަ؟ އަދި އޭނައާއި ފަސްޓް އިޔަރ ގައި ދިމާވި ގޮތް.....