ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:
21 ޖޫން 2016 - 20:54
ހޯމް މިނިސްޓަރުކަމުން އުމަރު ނަސީރު މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އާންމުކުރެއްވީ އޭނާ ދެންމެ ކުރެއްވީ ޓްވީޓެއްގަ އެވެ.
Today I have decided to resign from my position as the Home Minister. I thank HEP Yamin and others for all their support.
— Umar Naseer (@UmarNaseerPPM) June 21, 2016
އުމަރުގެ ޓްވީޓް
އުމަރުގެ އިސްތިއުފާގެ ސިޓީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރެއްވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވަނީ ދާދި ދެންމެއަކު ޓްވީޓަކުން ކަށަވަރުކޮށްދެއްވައިފަ އެވެ.
މިނިސްޓަރު އުމަރު އިސްތިއުފާ ދެއްވިކަން އާންމުކުރެއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ޑީއެންއޭގެ ސާމްޕަލާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދިމާވާ ކަމަށް ނާޒިމްގެ ވަކީލުން ހާމަކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
އިސްތިއުފާ ދެއްވި ސަބަބެއް އުމަރު އަދި ހާމަނުކުރެއްވި ނަމަވެސް، ސަރުކާރުގެ ތެރެއިން އޭނާއަށް ތަފާތު ފިއްތުންތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުމަށް ހޯމް މިނިސްޓަރަށް ޓެރަރިޒަމްގެ ގާނޫނުން ލިބިދޭ ބާރު ރައީސް އަބްދުﷲ ޔާމީން ވަނީ ނަންގަވައި، ހަތަރު މެމްބަރުންގެ ކޮމިޓީއަކާ މިދިޔަ ބުރާސްފަތިދުވަހު ހަވާލުކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރަކަށް ހުންނެވި އިރު "މިހާރު" އަށް އުމަރު އިންޓަވިއު ދެއްވަނީ: ގޭންގް ކުށް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަބަދު ވެސް ވިދާޅުވި ---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު، ޖިނާއީ ބައެއް ކުށްތަކުގައި އަދީބު ބައިވެރިވެވަޑައިގަންނަވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މައްސަލަ ބަލަން ފުލުހުންނަށް އެންގެވި ހިސާބުން، ފުލުހުންނަށް އަމުރުކުރެއްވުމުގެ ބާރު ވެސް ރައީސް ޔާމީން ވަނީ އުމަރުގެ އަތުން ނަންގަވައިފަ އެވެ.
މީގެ އިތުރުން މާލޭގައި މާރާމާރީ ހިންގާ ކަމަށް ތުހުމަތުކުރެވޭ ބައެއް ގުރޫޕްތައް އުޅޭ ހަޓްތައް ރޫޅާލަން، ރައީސް ޔާމީން ސަރުކާރުގެ ކުރީކޮޅު އުމަރު ކުރެއްވި މަސައްކަތް ވެސް ސަރުކާރުން ވަގުތުން ހުއްޓުވި އެވެ.
އުމަރުގެ އިސްތިއުފާ މި އައީ އޭނާ އަށް އެ މަގާމުގައި ހުންނެވިދާނެތޯ އާންމުން ސުވާލު އުފައްދަމުން ގެންދަވަނިކޮށެވެ. ޚާއްސަކޮށް ގޭންގްތައް ހުއްޓުވަން އޭނާ ކެރިގެން ދެއްކެވި ބައެއް ވާހަކަތަކާ، ސަރުކާރުގެ އެހެން ބައެއް ވެރިން ހިތްހަމަޖެހިވަޑައިނުގަންނަވާނެކަން އޮތީ ކުރިން ވެސް އެނގިފަ އެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ މަޖިލިހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް ބައެއް ވެރިން ކުރިންސުރެ ވެސް އުމަރާ މެދު ދެކެމުން އައީ ޝައްކުގެ ނަޒަރަކުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ 2013 ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯއްދަވަން ޕީޕީއެމް ޕްރައިމަރީ ތެރޭގައި ރައީސް ޔާމީނާ ދެކޮޅަށް އޭނާ ދެއްކެވި ވާހަކަތަކެވެ. ޕްރައިމަރީ އަށް ފަހު ޕީޕީއެމުން އޭނާ ވަކި ވެސް ކުރި އެވެ. ދެން ގުޅިވަޑައިގަތީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާ އެވެ.
ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: އިސްތިއުފާ ދެއްވި ސަބަބެއް އުމަރު އަދި ވިދާޅެއް ނުވޭ .---ފޮޓޯ: ރައީސް އޮފީސް
އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީންގެ ކެމްޕޭނާ ގުޅިވަޑައިގަތީ ޕީޕީއެމް ޕްރައިމަރީގެ މަތިން ހަނދާން ނައްތާލައްވަން ގޮވާލައްވަމުންނެވެ.
ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު އޭނާ އަށް ލިބިވަޑައިގަތީ ޖުމްރޫހީ ޕާޓީގެ ސްލޮޓެއްގަ އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ ގެންދެވީ ރައީސް ޔާމީން ދިފާއުކުރައްވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ދެއްވަން އެދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކައުންސިލްގެ 29 މެމްބަރަކު ފޮނުވި ލިއުމާ ބެހޭ ގޮތުން ވެސް އުމަރު ޚިޔާލު އޮތީ ތަފާތުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ޖެހޭނީ ޕާޓީގެ އަސާސީގެ ގަވާއިދުގައި އޮތް ގޮތަށް ކޮންގްރެސްއެއް ބާއްވައިގެންނެވެ. ރިޔަސީ ޓިކެޓް ދޭން ނިންމުމަކީ ޕާޓީގެ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އުމަރު އޮތީ ވިދާޅުވެފަ އެވެ.
އުމަރުގެ އެ ވާހަކަ އައީ ކައުންސިލް މެމްބަރުންގެ ހުށަހެޅުމަށް މައުމޫން ވެސް ދެކޮޅުހައްދަވާފައި ވަނިކޮށެވެ.
އުމުރު ގެންދަވަނީ ފިސްތޯލަ ގެންގުޅުއްވިކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިފާއުގައި ވެސް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަޑީގައި ތިއްބަވައިގެން ނާޒިމް ފުރޭމްކޮށްފައި ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމާފައި ވިޔަސް އުމަރުގެ ނަޒަރުގައި އަދިވެސް "ނާޒިމަކީ ހީރޯއެކެ"ވެ.
އުމަރު ނޫނީ ނާޒިމްގެ ދިފާއުގައި އެގޮތަށް ވާހަކަދެއްކެވި ސަރުކާރުގެ އެހެން ވެރިޔަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
23 June 2016
އުމަރުގެ ފިޔަ ކޮށާލީ
މަތާރަން
22 June 2016
ނުކުރަނަބުނި ކިތަންމެ ކަމެއް މީގެކުރިންވެސް އުމަރު އޮތީ ކޮށްފަ...
ސަމް ވަން
22 June 2016
ވ. ދެރަވި އުމަރު ކަހަލަ ވިސްނުންތެރިއަކު މަސްތުވަާ ތަކެއްޗާެއި ދެކޮޅަށް މަސައްކަތް ކުރެއްވި ފަރާތެއް ވަކިވީމަ ވަރަށް ހިތާމަކުރަމުނއ ވަކިވެލަމެވެ.
ދިރާސާ
22 June 2016
ކޮމެންޓްތައް ދިރާސާކޮއްލުމުން އޮޕްޝަންތައް ފުދޭވަރަކަށް އެބަހުރިކަން. 1. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން 2. ޑިފެންސް މިނިސްޓަރުކަން 3. ޖަލުގެ ކުޑަގޮޅި 4. ލަންޑަން އަޅުގަނޑުގެ ސިކުނޑިބުނަނީ ކޯލިޝަން ޕާޓްނާސް އެހާ ނުރުހިފަތިއްބާ 1، 2 ގެ ޕޮޒިބިލިޓީސް ވަރަށް ކުޑައޭ. އެންމެ ބޮޑު ޕޮޒިބިލިޓީއެއް އޮތްކަމަށް ބެލެވެނީ 3 އަށް. ސަބަބަކީ އުމަރުގެ އަނގަޔާހެދި ނާޒިމް ސަރ ގެ މައްސަލަގަނޑު އެހާބޮޑަށް އެ ނިއުޅިގަތީ. އެކަމާ ރައީސް ޔާމީން ހިތްޕުޅާ ނުވުމަކީ ހަމަ ވުން ގާތްކަމެއް. 4 ގެ ޕޮޒިބިލިޓީ ވެސް ކުޑައެއްނޫން. އުމަރަކީ އެހާ ބަހުގަ ހިފަހައްޓާ މީހެކޭ ނެތް ބުނެވޭކަށް. އެއްގަލަށް ނާރަން ބުނި ކިތޭ ބަޔަކާ އެކު އެއްގަލަށް އަރައިފި. ބަލަން ތިބެމާބަހީ.....
ހާސް
22 June 2016
ޢުމަރުމެނަށް ކަންތައްތައް ހަމަ ވަހުމްވާލަތް ލަހީ....އަހަރެމެން އެކަން އެގޮތަށް ވާނޭ ކިޔާތާ ކިތަންމެ ދުވަހެއް. ދެންހަމަ ގަދަދައްކާފަ ނޫނެކޭ ވަރަށް ބަރާބަރޭ ގޭންގްތަކާ އެއްވެސް ގުޅުމެއްނެތޭ. މަރުހޫމް އަފްރާޝީމްގެ މަރާވެސް އެއްވެސް ގުޅހުމެއްނެތޭ. ވައްކަމެއްވެސް ނުކުރޭ، މީހުން ފްރޭމްކޮށްގެން ޖަލަކަށްވެސް ނުލައޭ ކިޔާފަ އޭގެ އެތައް ޒަމާނެއްފަހުން މި އިސްތިއުފާދެނީ އެކަން ގަބޫލުކުރެވިގެން. ކުޑަ އޮޑިއެއްގަ ހުރެގެން ވެރިކަމަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރެވިގެން ބޮޑުއޮޑިއަކަށް އެރީވެސް ވަރަށް ފަހުން ވިސްނިގެން. އަދިވެސް ހަމަ އެއުޅެނީ ވާނުވާ ނޭގިގެން. ހޯމް މިނިސްޓަރުކަމުގަ އެހާ ދުވަހު ހުރިއިރުވެސް މީހުން މެރުމާ ކަންތައްހަމަ ދިޔައީ އިތުރުވަމުން. ޑްރަގް މައްސަލައަށް އެއްވެސް ހައްލެއް އައީކީނޫން. އެއްވެ އުޅުމާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންކިބައިން ނިގުޅައިގަތީ ގާނޫނުއަސާސީއާ ޚިލާފަށް. ޑިމޮކްރެޓިކް ސިފަތަށް މުޅިން ގެއްލުވާލާ މިރާއްޖޭގެ ހާލަތު 2004 ގެ ފަހަތަށް ސޮއްސުވާލައިފި.
އާދަމް ޝަރީފް
22 June 2016
ހަގީގަތަށް ބުނާނަމަ އުމަރުވެސް ވަނީ ފެއިލްވެފަ. ކޮންމެ ސަބަބަކަހުރެ ނަމަވެސް މާރާމާރީއާއި މީހުންމެރުން އުމަރަކަށް ކޮންޓްރޯލެއް ނުކުރެވުނު. ގޭންގް ތައް ހުއްޓުވައެއް ނުލެވުނު. ރައީސްގެ އިތުބާރެއްވެސް ނުހޯއްދެވުނު. މިއީ ދުރުގަ ތިބި މީހުންނަށް މަންޒަރު ފެންނަގޮތް. ހަގީގަތް އެނގޭނީ އުމަރަށް.
އެމްސް
22 June 2016
ކާނަލް ނާޒިމްގެ އެޕާރޓްމެންޓުން އަދީބުގެ ޑީއެންއޭ ފެނި އެކަން ސިއްރުކުރެވިފައިވާ ސިއްރުކުރުމަށް އެކަނިވެސް ހޯމް މިނިސްޓަރ އިސްތިޢުފާ ދޭން ޖެހޭ. އަނެއްކޮޅުން މިއޮއް ކުޑަކުޑަ މާލޭގެ ޢަމަންޢާއްމުވެސް ފުލުހުންނަ ނުބެލެހެއްޓި ދާދިއުމީ މިނިސްޓަރ އިސްތިޢުފާ ދޭންޖެހޭ އަނެއް ސަބަބު. އަބަދުވެސް ކޮންމެވެސް މީހަކާ ޒާތީގޮތުން ޖައްސާލައިގެން ޢުމަރަށް އުޅެވޭ އުޅުމީ 21 ވަނަ ޤަރުނުގަ ވަޒީރަކަށް ޢުމަރު ތަޞައްރަފު ނުފުދުން. އަނެއްކޮޅުން ފެބްރުއަރީ 7 ގަ ހިނގާދިޔަ ކަންކަމަށް ޢުމަރު އަމިއްލައަށް އިޢުތިރާފުވެފަހުރި ހެކިތައް އަދިވެސް އެހެރީ އެންމެނަށް ފެންނަން. އެހެންވީމަ އުމަރުގެ ވާހަކަ ނުދައްކައެއް އަދީބާއި ނާޒިމްގެ ވާހަކަ ދެއްކޭކަށް ނެތް. މިވަރު ރައީސުލްޖުމްހޫރިއްޔާ އަށް ވިސްނިވަޑައިގެން އިސްތިޢުފާދޭން އެންގެވުންވެސް އެއީ ހަމަ ވަރަށް ގާތް ކަމެއް
ދޮން އާމިރު
22 June 2016
ކައުންސެލަރު...މަނިކުފާނު އުމަރާއިގެން އުޅުއްވާ.
ކައުންސެލަރު
22 June 2016
ހަހަހަހާ. ހެވިދިލިފަ ތިބޭނެކަމެއްނެތް. ޢުމަރެއްނުދާނެ ރީނދޫ އޮޑީގެ ފައްތިޔަލުގަ ހިފާކަށް. އެއަށްވުރެ ޢުމަރުގަޓް. ހަނދާންކުރާތިމިކަން. ޢުމަރު އިސްތިއުފާ ހަމަދޭއިރަށް ރީނދޫމީހުންގެ 32 ދަތް އެއްކޮށް ހުރީ ދިލިފަ. އެކަމަކު ޢުމަރު "ރީނދޫ ނުވާނެ" ވާހަކަ ހަމަބުނުމާއެކު ދިލުނު ދަތްތައް އިސާހިތަކު މެޅިއްޖެ. ވަރަށްބޮޑަށް ސޮރީ.ކަކަކަ
ޒައްން
22 June 2016
ރީދޫ ނުވިއްޔާ ރަގަޅީވެސް. ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ ދެއުޅިއެއްނުވާ ފިނޑި މީހެއް. ފުލުހުންގައިގަ ތަޅަން ލަޓިބުރި ނަގަންބުނި މީހާ.
އިދިކޮޅު އިއްތިހާދު
22 June 2016
ސައިބޯނި ބޮތްކެއް؟