ގާނޫނު ނަގަހައްޓަން މަސައްކަތް ކުރާ އެއްވެސް މީހަކަށް ރައީސް ޔާމީނާއެކު ނޫޅެވޭނެ: ޖަމީލް

ގާނޫނު ނަގަހައްޓަން މަސައްކަތްކުރާ އެއްވެސް މީހަކަށް ރައީސް އަބްދުﷲ ޔާމީނާއެކު ނޫޅެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް މިހެން ވިދާޅުވީ، ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އުމަރު އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

އިތުބާރުނެތް ކަމުގެ ވޯޓު ނަގައި ނައިބު ރައީސްގެ މަގާމުން ވަކި ކުރައްވަން އުޅެނިކޮށް ލަންޑަނަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް މިއަދު ވަނީ، ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލެއަންސް (ޕީއޭ) އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އުފެއްދަވާފައިވާ އެމްޑީއޭގެ އަތްދަށުވެ ތާށިވެފައި ކަމަށެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓް

އިސްތިއުފާ ދެއްވި ސަބަބެއް އުމަރު ހާމަނުކުރެއްވިއަސް ސަރުކާރުގެ ތެރެއިން އޭނައަށް ތަފާތު ފިއްތުންތަން އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުމަށް ހޯމް މިނިސްޓަރަށް ޓެރަރިޒަމްގެ ގާނޫނުން ލިބިދޭ ބާރު ރައީސް ޔާމީން ވަނީ ނަންގަވައި ހަތަރު މެމްބަރުން ހިމެނޭ ކޮމެޓީއަކަށް މިދިޔަ ބުރާސްފަތި ހަވާލުކުރައްވައިފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު، ޖިނާއީ ބައެއް ކުށްތަކުގައި އަދީބު ބައިވެރިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފުލުހުންނަށް އެންގެވި ހިސާބުން، ފުލުހުންނަށް އަމުރުކުރުމުގެ ބާރު ވެސް ރައީސް ޔާމީން ވަނީ އުމަރުގެ އަތުން ނަންގަވައިފަ އެވެ.