އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ މެދު މާފުށީ ޖަލުގައި އަމަލު ކުރަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް ބުނެ އާއިލާ އިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ލާފައިވާ އިމްރާން، ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަލުން ޖަލަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހެވެ.
ކުރިން އިމްރާން ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. އެކަމަކު އިމްރާން މި ފަހަރު ބަހައްޓާފައި ހުންނަނީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އާއިލާ އިން ބުންޏެވެ.
އެޗްއާރުސީއެމަށް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމާ ފޮނުއްވި ސިޓީގައި ވިދާޅުވީ އިމްރާން ޖަލުގައި ބަހައްޓާފައި ވަނީ އިންސާނީ ގަދަރަށާއި ކަރާމާތަށް ނުހަނު އިހާނެތިވާ ގޮތަށް ކަމަށެވެ. އެ ތަނުގައި ވައި ދައުރު ނުވާ އިރު އިންތިހާ އަށް ހޫނު ގަދަވެފައި ފަންކާއެއް ވެސް ނެތް ކަމަށް ސިޓީގައިވެ އެވެ.
"އަޅުގަނޑުގެ ފިރިކަލުން ބަހައްޓާފައި ވަނީ ޖަލުގައި ވަނަމެއްގެ ގޮތުން ޑެތު ރޯ ނަމަކަށް ކިޔާ ޔުނިޓެއްގައި ކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އެއީ މީހުން މެރުން ފަދަ ބޮޑެތި ކުށްކޮށްފައިވާ ފަރާތްތައް ބެހެއްޓިފައިވާ ޔުނިޓެއް ކަމުގައި މައުލޫމާތު ލިބެ އެވެ. މި ހުރިހާ ކަމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުހަނު އަސަރު ކުރުވާނެ ކަންކަމެވެ،" ރީމާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ގާނޫނުއަސާސީން އެޗްއާރުސީއެމާ މަތިކޮށްފައިވާ ކަމެއް ކަން ފާހަގަކޮށް، އިމްރާނާ މެދު އަމަލުކުރާ ގޮތް ބަލައި ވީހާ ވެސް އަވަހަކަށް އެކަން ހުއްޓުވައިދޭން ރީމާ އެދިވަޑައިގެންފައިވެ އެވެ.
އިމްރާން ޖަލަށްލާފައި ވަނީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އިމްރާންގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.