ދިވެހި ހައްޖުވެރިން އަންނަން ފަށައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މިއަދު މާލެ އަންނަން ފަށައިފި އެވެ.


ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޒައީގެ ހަވާލުގައި ހައްޖަށް ދިޔަ 96 މީހުން މިއަދު ހެނދުނު މާލެ އަށް ވަނީ އައިސްފަ އެވެ. ރޭ އިރާކޮޅު ޖިއްދާއިން ފުރައިގެން އެ މީހުން ރާއްޖެ އައީ ސްރީ ލަންކާގައި ޓްރާންސިޓް ވުމަށް ފަހު އެވެ.

އެންމެ ގިނަ މީހުން ހައްޖަށް ގެންދިޔަ ހައްޖު ކޯޕަރޭޝަންގެ ބައެއް ހައްޖާޖީން މާދަމާ އަންނާނެ އެވެ. އެ ކޯޕަރޭޝަނުގެ ހަވާލުގައި 1،300 މީހުން ހައްޖަށް ދިޔައިރު، އެކި ގުރޫޕުތަކަށް ބަހާލައިގެން އަންނަ ބުދަ ދުވަހާ ހަމައަށް އެ މީހުން ރާއްޖެ އަންނާނެ އެވެ.

ރާއްޖޭން އެންމެ ފުރަތަމަ ހައްޖަށް ދިޔަ ޒައީ ގުރޫޕުގެ ހައްޖުވެރިން މިއަދު ރާއްޖެ އައިސް އެއާޕޯޓުގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ދިޔަ ހައްޖުވެރިން އަންނަ ހަފުތާގެ ހޯމަ ދުވަހު ރާއްޖެ އަންނައިރު އަލް ހަރަމައިންގެ ހައްޖުވެރިން އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ. ހައްޖު ކޯޕަރޭޝަން ފިޔަވައި މި އަހަރު ދިވެހިން ހައްޖަށް ގެންދާން ކޯޓާ ލިބުނީ މި ތިން ގްރޫޕަށެވެ. އެއިން ކޮންމެ ގްރޫޕަކުން 100 އެއްހާ މީހުން ހައްޖަށް ގެންދިޔަ އެވެ. މި އަހަރުގެ ހައްޖަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެ އަށް ދިނީ 1،000 މީހުންގެ ޖާގަ އެކެވެ. އެ ޖާގައަށް ހުރިހާ ދިވެހިން މައްކާ އަށް ދިޔަ ފަހުން، ސައޫދީ ސަރުކާރުން އިތުރު 1،000 ޖާގަ ދިނެވެ. ނަމަވެސް ވަގުތު ކުޑަތަން ވެފައި އޮތުމުން ހައްޖު ކޯޕަރޭޝަނަށް އެ ކޯޓާގައި ގެންދެވޭވަރުވީ 300 މީހުންނެވެ.