ގަން އެއާޕޯޓް މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރަން: އޭއައިއޭ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާ ކަމަށާއި ނަމަވެސް ބައެއް ދާއިރާތަކުގެ ޝިފްޓް ޑިއުޓީ އަށް ގެނައި ބަދަލާ ގުޅިގެން ލިބޭ އެއްޗެއް މަދުވެދާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ގަން އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ދަނީ މުސާރަ އާއި އެލަވަންސް އެކި ފަހަރުމަތިން ކުޑަކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި އެކަހަލަ ބަދަލުތައް ގެންނަނީ މުވައްޒަފުންނަށް އެންގުމަކާ ނުލަ އެވެ. މުވައްޒަފުުންގެ އެ ކަންބޮޑުވުންތައް މެނޭޖްމަންޓާ ބައްދަލުކޮށް ހިއްސާ ކުރި ނަމަވެސް އެދެވޭ ބަދަލެއް ނާންނަ ކަމަށް ވެސް އެމީހުން ބުނެ އެވެ.

އެކަމަކު އިބްތިޝާމާ ވިދާޅުވީ މުވައްޒަފުންނާ ގުޅުން ހުރި އެއްވެސް ކަމަކަށް ބަދަލެއް ގެންނަ ނަމަ އެކަން އަބަދުވެސް ކުރަނީ ހުރިހާ ބަޔަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މުވައްޒަފުންނަށް ލިބޭ އެއްޗެއް މަދުވެދާނެ ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ. އެގޮތުން ގްރައުންޑް ހޭންޑްލިން އާއި ރޭމްޕާއި ފިއުލް ޑިޕާޓްމަންޓަށް އިތުރު މުވައްޒަފުން ވެއްދުމުން، ކުރިން އިތުރު ގަޑީގައި ބައެއް މީހުންނަށް ލިބެމުން އައި އާމްދަނީ މަދުވެދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު މުވައްޒަފުންނާ އެކު ޑިއުޓީ ތިން ޝިފްޓަކަށް ބަދަލުކުރި އެވެ.

"އެއީ އަސްލު ބައެއް މުވައްޒަފުންގެ މައްސަލައަކަށް ވެގެން މި އުޅެނީ. އެހެން ނަމަވެސް މުވައްޒަފުން ވަރުބަލިކޮށްގެން 24 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރު މަސައްކަތް ކުރުވުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން،" އިބްތިޝާމާ ވިދާޅުވި އެވެ.

"އެހެންވެ މުވައްޒަފުންނަށް ވެސް ރަނގަޅަކަށް އަދި އެއާޕޯޓްގެ އޮޕަރޭޝަނަށް ވެސް ފަސޭހައަކަށް މި ކަހަލަ ކަންކަން މި ކުރަނީ."

އޭނާ ވިދާޅުވި ގޮތުގައި އޯވަޓައިމަށް ކުރާ ހަރަދު ވެސް ކުޑަކުރަން ޖެހެ އެވެ. އެކަމަކު އެއާޕޯޓަށް ބޭނުން ނުވާ އަދަދަކަށް މުވައްޒަފުން އިތުރުނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގަން އެއާޕޯޓަށް މޯލްޑިވިއަންގެ ބޯޓެއް ޖައްސާ އިރު، މުވައްޒަފުން ހަރަކާތްތެރި ވަނީ. --ފޮޓޯ/ އަހުމަދު އަދުޝަން

އިބްތިޝާމާ ވިދާޅުވީ އެއާޕޯޓްގެ މަސައްކަތްތަކަށް ބަދަލުގެންނަނީ ކުންފުނީގެ ހިންގުން ވެސް ހަރުދަނާ ކުރަން ކަމަށެވެ. އަދި ކުންފުންޏާ ގުޅޭ ގޮތުން ހަދާފައި ހުރި އޮޑިޓްތަކުގައި އިސްލާހުކުރަން ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅު ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއް އިރެއްގައި ވެސް މުވައްޒަފުންގެ މުސާރައެއް ކުޑައެއް ނުކުރަން. ވަރަށް ފަހުން ވެސް މުސާރަ ބޮޑުކުރިން. އަދި މުވައްޒަފުންގެ ކޮއްތައް ދޭ އެލަވަންސް ވެސް ފަހުން ވާނެ ބޮޑުކޮށްފައި،" އިބްތިޝާމާ ވިދާޅުވި އެވެ.

"އެހެންވީމާ އެއްވެސް މުވައްޒަފަކަށް ގެއްލުންވާ ގޮތަކަށް ކުންފުންޏަކުން މަސައްކަތެއް ނުކުރާނެ."