ޕާސްޕޯޓް ކާޑު ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ރައީސް އޮފީހުގައި ތައާރަފުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއީ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ދުނިޔޭގައި ތައްޔާރުކުރި ފުރަތަމަ ޕާސްޕޯޓް ކާޑު ކަމަށެވެ.
މި ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ވެސް ބޭނުންކުރެވެ އެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަ ކާޑާއި އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.
ޕާސްޕޯޓް ކާޑުގެ ފުރަތަމަ ކާޑު އެރުވީ ރައީސް އަބްދުﷲ ޔާމީނަށެވެ.
ކާޑު ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު ވިދާޅުވީ ޕާސްޕޯޓް ކާޑުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަވާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ކާޑުން ފައިސާ މުއާމަލާތުކުރެވޭ ގޮތަށް، ހަމަ އެ މެޓީރިއަލުން ދުނިޔޭގެ އެހެން ގައުމެއްގައި އެ ކާޑު ހަދާފައެއް ނުވެ އެވެ. ކާޑު ހަދާފައިވަނީ ޕާސްޕޯޓުގެ ޑޭޓާ ބޭސް ހަދަން ބޭނުންކުރާ ޕޮލިކާބް މެޓީރިއަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާސްޕޯޓު ކާޑެއްގައި ފައިސާގެ މުއާމަލާތްތައް ހިމެނުމަކީ ދަތިކަމެއް. އަދި ދުނިޔޭގެ އެހެން ގައުމެއްގައި މި ފީޗާސްތައް ހިމަނައިގެން ޕާސްޕޯޓު ކާޑެއް ހަދާފައެއް ވެސް ނެތް. އެހެންވެ، މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓް ބޭނުންކޮށްގެން އޮންލައިން ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތު ކުރެވޭނެ ކަން މިއަދު އިމިގްރޭޝަނުން ސާބިތުކޮށްދީފި ކަމަށެވެ. އަދި އެއީ އިމިގްރޭޝަނުގެ މުވައްޒަފުންނަކީ ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީއާ ރައްޓެހި ބައެއްކަން އަންގައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަންވަރު ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު އިމިގްރޭޝަންގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ސެކަންޑް ޖެނެރޭޝަން ޕާސްޕޯޓު ތައާރަފް ކުރުމާއި އިމިގްރޭޝަން ކްލިއަރެންސް ހޯދަން އޮޓޯގޭޓް ބަހައްޓާފައިވާ ކަމަށެވެ.
ހަފުލާއަށް ފަހު އިމިގްރޭޝަންގެ އެހެން އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ޕާސްޕޯޓްގެ ގޮތުގައި ޕާސްޕޯޓް ކާޑު މިހާރު ވެސް ބޭނުންކުރެ އެވެ. އެކަމަކު ވިޔަފާރީގެ މުއާމަލާތްތަކާއި އިންޝުއަރެންސް ފަދަ ހިދުމަތްތައް ލިބޭ ގޮތަށް ރާއްޖޭގައި ނޫނީ އަދި ޕާސްޕޯޓް ކާޑު ހަދާފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމުންނަށް މި ކާޑު ދޫކުރަން ފަށާނީ އަދި ދެ ހަފުތާ ފަހުންނެވެ. ކާޑުގެ އަގުތައް އޭގެ ކުރިން އިއުލާންކުރާނެ ކަމަށް އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.