އިމްރާން އަލުން ޖަލަށް ބަދަލުކޮށްފި

މޭ 1 ގެ މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭގައި ބެހެއްޓުމަށް ފަހުން އަލުން މިއަދު އަނެއްކާ ޖަލަށް ގެންގޮސްފި އެވެ.


އިމްރާން ގެއަށް ބަދަލުކުރީ މިދިއަ މަހު 21 ގައި އޭނާގެ އަނބިކަނބަލުން ވިހެއުމާ ގުޅިގެންނެވެ. އޭގެ ކުރިން ވެސް ގޭގައި ދުވަސްކޮޅަކު ބެހެއްޓި އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް އިތުރުވި ދަނޑުވަޅު އަނެއްކާ ޖަލަށް ގެންދިޔައީ އެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް ވެރިޔަކު ހަމައެކަނި ވިދާޅުވީ އިމްރާން އަލުން މިއަދު ޖަލަށް ބަދަލުކުރި ކަމަށެވެ.

އެންމެ ފަހުން އިމްރާން ޖަލަށް ބަދަލުކޮށް ބެހެއްޓީ މީހުން މެރުން ފަދަ ބޮޑެތި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓެއްގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިޔާސީ މަގާމުތަކުގައި ތިބެނިކޮށް ހުކުމް އިއްވާފައި ތިބޭ މީހުން ބައިތިއްބާ ބައެއްގަ އެވެ.

އިމްރާންގެ ޖަލުގެ ގޮޅި ބަދަލުކުރީ ގޭގައި ހުންނަވައި މީޑިއާ އަށް އިންޓަވިއު ދެއްވުމުންނެވެ. އޭރު ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ ގޭ ބަންދަށް ބަދަލުކުރުމުގެ ކުރިން ހެދި އެއްބަސްވުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައި ވާނެ ކަމަށެވެ. އެހެންކަމުން އިމްރާން ވަނީ އެ އެއްބަސްވުމާ ހިލާފުވެވަޑައިގެންފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އެފަހަރު އިމްރާން ވިދާޅުވީ އަނިޔާ އިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ އޭނާ ގޮވާލެއްވީ ފަހަތަށް ނުޖެހި ތިބުމަށެވެ.

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މިހާރު ވެސް ތިއްބެވީ އެކި ހުކުމްތަކުގައި ޖަލުގަ އެވެ. އަދި އެއްވެސް ހުކުމެއް އިއްވުމެއް ނެތި ޖަލަށް ލާފައި ހުންނެވި ފާރިސް މައުމޫން ދާދި ފަހުން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މަސައްކަތްކުރައްވާ ފާރިސްގެ މައްޗަށް ދެ ދައުވާއެއް އުފުލައި، ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.