އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ ބާއްވަން ތިން ތަނެއް ހޯދަން ސަރުކާރަށް އިއްޔެ ހުށަހަޅައިފި އެވެ.
އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވި ގޮތުގައި ކާނިވާ ސަރަހައްދާއި ދަރުބާރުގެ އަދި ލައިސެންސް ނަގާ ސަރަހައްދުން ކުރެ ކޮންމެވެސް އެއް ތަނެއް ދޫކޮށް ދޭން އެދި ހައުސިން މިނިސްޓްރީ އަށް ވަނީ ހުށަހަޅާފަ އެވެ. އޭނާ ވިދާޅުވީ ސިޓީ ފޮނުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިންތިޒާމް ކުރާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޖަލްސާއެއް ބޭއްވުމަށް ކަމަށެވެ.
"އިލެކްޝަނަށް ވެސް އަޅުގަނޑުމެން ވާނީ ވަކިން ސިޓީ ފޮނުވާފައި ހުއްދަ ދޫކޮށް ދޭން ހައުސިން އަށް ބާރު އެޅުމަށް،" އަނަސް ވިދާޅުވި އެވެ.
އިއްތިހާދުގެ ފުރަތަމަ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. ޖަލްސާ ބާއްވަން ހުއްދަ ދިނުމަށް ފަހު ހައުސިން މިނިސްޓްރީން ވަނީ ފަހުން އެ ހުއްދަ ބާތިލްކޮށްފަ އެވެ. ޖަލްސާ އަށް އެ ތަން ތައްޔާރު ކުރަމުން ދަނިކޮށް، ފުލުހުން ގޮސް ވަނީ އެކަން ހުއްޓުވާފަ އެވެ.
އެކަމަކު، އަންނަ ބުރާސްފަތި ދުވަހުގެ ރެ އަށް އެ ޖަލްސާ ފަސްކުރަން ޖެހުނީ މޫސުން ގޯސްވުމުންނެވެ.
އިއްތިހާދުން އިއްޔެ ފޮނުވި ސިޓީ އަށް ސަރުކާރުން އަދި ޖަވާބެއް ނުދެ އެވެ. ހުއްދަ ނުދީފި ނަމަ ޖަލްސާ ބާއްވާނެތޯ އަދި ބާއްވާނީ ކޮންތާކުތޯ އެހުމުން އަނަސް ވިދާޅުވީ ހުއްދަ ނުދިނަސް ޖަލްސާ ކުރި އަށް ދާނެ ކަމަށެވެ.
"ކޮންމެ ތަނެއްގައި ވިޔަސް ޖަލްސާ އޮންނާނެ،" އަނަސް ވިދާޅުވި އެވެ.
މިފަހަރު ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވެން ނެތީ އެ ތަނުގައި ނައިޓް މާކެޓެއް ބާއްވާތީ އެވެ. މިއަދުން ފެށިގެން މި މަހުގެ 28 އަށް މި މާކެޓު ކުރި އަށް ދާނެ އެވެ.
މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، އާއްމު ތަންތަނުގައި ވެސް ޖަލްސާ ބާއްވަން ހުއްދައެއް ނުދެ އެވެ.