ހައްޖު ކޯޕަރޭޝަނަށް ލިބުނު އެވޯޑާ އެ ކޯޕަރޭޝަނުގެ ބޯޑް މެމްބަރު މުހައްމަދު ރިޒާ ހަވާލުވެވަޑައިގަތުމަށް ފަހު، ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
29 ޖުލައި 2016 - 16:16
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މި ސަރަހައްދުގައި ދޭން ފެށި އެވޯޑެއް ހައްޖު ކޯޕަރޭޝަނަށް ލިބިއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑު ވަނީ ލިބިފަ އެވެ. ހައްޖު ކޯޕަރޭޝަނަށް މި އެވޯޑު ލިބުނީ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުންފުނިތަކުގެ ކެޓަގަރީން ދެ ވަނަ ހޯދައިގެންނެވެ.
"އެންމެ އާދައިގެ ގޮތަކަށް ފަށައިގެން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރާއްޖޭގެ ކުންފުންޏަކަށް އަޅުގަނޑުމެން ހޮވުމަކީ ވަރަށް ބޮޑު ފަހުރެއް،" ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓިން އިން މި އަހަރު ދޭން ފެށި އައިއެފްއެފްއެސްއޭ އެވޯޑުގައި 17 ކެޓަގަރީއެއް ހިމެނެ އެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އެވޯޑު ދެނީ މި ސަރަހައްދުގެ ގައުމުތައް ވަކިން ބެލުމަށް ފަހު، ކޮންމެ ގައުމެއްގެ ވެސް އެންމެ ރަނގަޅު ތިން ފަރާތަކަށެވެ.
އައިއެފްއެފްއެސްއޭ އެވޯޑު ދެނީ އިސްލާމިކް ފައިނޭންސްއާ ގުޅޭ ދެ ދުވަހުގެ ކޮންފަރެންސެއްގެ ތެރެއިންނެވެ. މިދިޔަ އަންގާރަ ދުވަހު ފެށި ކޮންފަރެންސްގައި، އެވޯޑު ދިނީ ބުދަ ދުވަހު އެވެ.
ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފެއްދި ސަރުކާރުގެ ކުންފުނިން ވަނީ ހައްޖާއި އުމްރާ އަށް ދިއުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސްކީމްތަކެއް ތައާރަފްކޮށްފަ އެވެ. މި ސްކީމްގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ބައިވެރިވަމުންނެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރުގެ ތެރޭގައި އުމްރާގެ ފަސް ދަތުރެއް ކޮށްފަ އެވެ. އަދި އެ ކުންފުނިން އަންނަނީ 1000 މީހުން ހައްގަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރަބި ސޭކު
30 July 2016
އިސްލާމިކް ފައިނޭންސް، ދިރިއުޅުން، އެހެނިހެން. މީގެ ފޮރުވިފައިވާ ހަގީގަތަކީ އަރަބީންގެ ސަގާފަތާއި އާދަކާދަ ދުނިޔެމަތީގައި ފެތުރުން. މިބައިގަނޑެކޭ ހުޅަނގުގެ ފަރަންޖީންނެކޭ ހަމަ އެއްވެސް ތަފާތެއްނެތް. ނިކަން މިއުޅޭ ދީނީ ބައިގަނޑު ފަތުވާ މިބުނާ ކަންތައްތަކަށް ފަތުވާ އެއްނެރެން ކެރޭނެބާ. ނުއަގުގައި ބޮޑެތި ފައިދާލައިގެން މުދާ ވިއްކުމުގެ ހުކުމަކީ ކޮބާ؟ ފައިދާގެ ގޮތުގައި އެގޮތަށް އެހޯދާ ފައިސާއަކީ ހަލާލު ފައިސާތޯ؟ ނުއަގުގައި ޑޮލަރު ވިއްކުމަކީ ހުއްދަކަމެއްތޯ؟ އަޅުކަމަކުން ވިޔަފާރީގެ ފައިދާއެއް ނެރުމަކީ ކޮންކަހަލަ ކަމެއް؟ ހަމަ އެކަނި ފެންނަނީ ބެންކު އިންޓަރެސްޓު އެކަނިތޯ؟ މިކަން ކަމަށް ކީއްވެތޯ ފަތުވާ ނުނެރެނީ؟ އަދި އިތުރުކޮށްލަން. މާތް ރަސްކަލާނގެއަށް ކޮންމެ ބަހަކުން ދެންނެވިޔަސް މިކިޔާ އެއްޗެއް ފަހުމުވާނެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތްލިބޭނެކަން ޔަގީން.
މެންޓަލިސްޓް
29 July 2016
އިސްލާމިކް ފައިނޭންސް ، އިސްލާމިކް ބޭންކް ،، ރިބާ ،، މިހުރިހާ ކަމަކާއި ބެހޭ އިލްމީ އާރޓިކަލްއެއް މިހާރު ނޫހުގެ ފަރާތުން ގެެނެސްދެއްވުންވަރަށް އެދެން ، ސަބަބަކީ އެކި ދަންނަބޭކަމުން އެކިގޮތަށް ކިޔާތީވެ ، އެއްބަޔަކުބުނޭ ބޭންކްލޯންގެ އިންޓަރެސްޓްއަކީ ރިބާ ކަމަށް އަނެއްބަޔަކު ބުނޭ ރިބާއަށް ވަނީ ގުނަގުނައަށް އެރީމައިކަމަށް ، އަސްލު އިސްލާމިކް ބޭންކުންވެސް ހަމަނަގަނީ އިންޓަރެސްޓް ،، އެތަނުގައި ޑަބަލްނުވާކަން އެކަނި އޮތި .. ވީމާ ކިއުންތެރީންގެ މައުލޫމާތްއަށް ޓަކައި މިކަހަލަ އާޜޓިކަލް އެއް ގެނެސްދިނުން ވަރަށް އެދެން ،،،،، މީގައި ރައީސްމައުމޫންގެ ބަހާޢި ،، އެހެނިހެން ދަންނަބޭކަލުންގެ ބަސް ވަރަށް މުހިންމު
777
29 July 2016
ތިޔާކަހަލަ މައްސަލަތަކަކީ ޢިލްމުވެރީން ދިރާސާކުރައްވާ ފޮތްތައް ލިޔެފައިވާ މަޢުޟޫޢުތައް. އަދި އެކި ބޭންކުން އެކިގޮތަށް އެކި ސިސްޓަމްތަކަށް ޢަމަލު ކުރާކަންކަން. އެހެންވީމާ އެ އިންޓްރެސްޓް އެއީ ރިބާ ކަމަށް އެކަމަކު މި އިންޓަރެސްޓް ރިބާނޫންކަމަށް ބުނީމަ އަހަރެމެންނަށް (މެންޓަލިސްޓުވެސް ލައިގެން) ވާނުވާ ނޭނގެނީ. މިކަހަލަ މަޢުޟޫޢުތަކަކީ ނޫސްވެރިކަމަށްވުރެ ބޮޑަށް ޢިލްމީ މަސައްކަތްތައް. މެންޓަލިސްޓްވެސް ނިކަން މި މަޢުޟޫޢުގައި ވަރުގަދަ ޢިލްމުވެރީންގެ ފޮތްތައް ތަރުޖަމާ ކޮށްގެން "މިހާރަށް" ދީގެން ޖަހާބަލަ