ރައީސް ވަޑައިގަތުމުން ނައިފަރަށް ބޮޑު "އީދެއް"

ސަރުކާރުން ނައިފަރުގައި ހިންގި ތަރައްގީގެ ބޮޑު ދެ މަޝްރޫއެއްގެ ނިމުން ފާހަގަކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމުން، ނައިފަރުން އެތައް ސަތޭކަ ބަޔަކު ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.


ރައީސް ޔާމީން ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނަށް އެ އަތޮޅުން އެންމެ ބޮޑު ތާއީދަށް އޮންނަ ނައިފަރަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރެއްވުމުގައި އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެއްވި އެވެ.

ރަށުގެ ބަނދަރުމަތި، ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޖަރީކޮށްފައިވާއިރު، ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން އެއްވި ގިނަ މީހުން ތިބީ ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ އަދި "ރައީސް ޔާމީން 2018" ޖަހާފައިވާ ޓީޝާޓު ލައިގެންނެވެ. ރައީސް ވަކިވަކިން ކޮންމެ މީހަކާ ސަލާމް ކުރައްވަމުން ގެންދެވިއިރު، ހުރީ އެމަނިކުފާނަށް ތާއީދުކޮށް ހަދާފައިވާ ލަވަތައް ޖަހައިފަ އެވެ.

ނައިފަރުގެ ބަނދަރާއި ޅ. އަތޮޅު ހޮސްޕިޓަލް އިފުތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިގެންނެވިއިރު، އެ ޖަލްސާ އަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ ވަނީ ފޯރި ނަގައިފަ އެވެ. އެގޮތުން، ޖަލްސާގައި ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެ ބޭފުޅުން ދައްކަވާ ބައެއް ވާހަކަތަކައް ހިތްވަރު ދީ، ފޯރި ނެގި އެވެ.

ޅ. ނައިފަރުގައި ހަދާފައިވާ ބަނދަރު: މިއީ ރާއްޖޭގައި މާލެ ފިޔަވައި ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރު.

ރައީސް ޔާމީންގެ އަރިހުގައި ދަތުރުތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ނައިފަރަކީ މިހާތަނަށް ރައީސަށް "އެންމެ ބޮޑު މަރުހަބާ" ދެންނެވި ރަށް ކަމަށެވެ. އެއިން އެނގެނީ އޭނާ ވިދާޅުވި ގޮތުގައި ނައިފަރުގެ މީހުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި އިހްތިރާމެވެ.

އޭނާ އެހެން ވިދާޅުވުމާ އެކު ވެސް ޖަލްސާގެ ބައިވެރިންގެ ތަރުހީބުގެ ހަޅޭކާއި އަތްތިލަ ބަޑީގެ އަޑު ގަދަވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ނައިފަރުގައި މިއަދު އިފްތިތާހު ކުރި ބަނދަރީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ސަރުކާރުން ހަދައިދިން އެންމެ ބޮޑު ބަނދަރު ކަމަށެވެ. މުޅިއެކު 1،834 ފޫޓު ދިގު އެ ބަނދަރަށް ސަރުކާރުން 100 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ނައިފަރު ބަނދަރުގެ އިތުރުން، އެ ރަށުގައި ސަރުކާރުން އިމާރާތް ކޮށްދިން އަތޮޅު ހޮސްޕިޓަލް ވެސް އިފްތިތާހު ކޮށްދެއްވައިފަ އެވެ. އެއީ ފަސް ބުރީގެ ބޮޑު އިމާރާތެކެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެ ރަށަށް ޔާމީން ވަޑައިގަތުމުން، ނައިފަރު ރައްޔިތުން އެދިފައިވާ ހުރިހާ ކަމަކަށް ކަހަލަ ގޮތަކަށް މި ސަރުކާރުން ހައްލު ހޯދައި ދީފައިވާ ކަމަށެވެ.

ޅ. ނައިފަރުގައި ހަދާފައިވާ ބަނދަރު (ޖުލައި 2018ގެ ތެރޭގައި): މިއީ ރާއްޖޭގައި މާލެ ފިޔަވައި ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރު.

"އަޅުގަނޑު ވަރަށް އުފަލާ އެކު، ފަޚުރާ އެކު ދަންނަވަން ކެރޭ، މި ރަށުގެ ރައްޔިތުން އޭރު އެމަނިކުފާނު އަރިހުގައި ދެންނެވި ހުރިހާ ކަމެއް ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މިވަނީ ހާސިލް ކޮށްދެއްވާފައި. މިއަދު އެމަނިކުފާނު އެ ވަޑައިގަންނަވަނީ އޭރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު އަނެއްކާ ތަކުރާރު ކުރައްވާކަށް ނޫން. މިއަދު އެމަނިކުފާނު އެ ވަޑައިގަންނަވަނީ އޭރު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާފައި. އެކަމުގެ އުފާ އަޅުގަނޑުމެންނާ އެކު ފާހަގަކުރައްވަން،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރުގެ އިތުރުން، މި އަތޮޅުގައި މީހުން ދިރިއުޅޭ އަނެއް ތިން ރަށް ކަމަށްވާ ހިންނަވަރާއި ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވެސް ރައީސް ޔާމީން މި ބުރުގައި ވަޑައިގަންނަވާނެ އެވެ. އެ ތިން ރަށުގެ ތެރެއިން ހިންނަވަރަކީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް ވެސް މެ އެވެ.