ރައީސް ޔާމީން ދިރިއުޅުއްވަން އާރަށުގައި ސިފައިން ހެދި ގެކޮޅު.
15 ނޮވެމްބަރ 2018 - 15:55
ރައީސް އަބްދުﷲ ޔާމީން، ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ދިރިއުޅުއްވަން އާރަށުގައި ސިފައިން އިމާރާތެއް ހެދީ ސީއެސްއާރްގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންނާއި ޑިފެންސް މިނިސްޓްރީން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާރަށުގައި އިމާރާތްތައް ހަދަނީ އެ އިރެއްގައި ހުންނަވާ ވެރިއަކު ބޭނުންކުރެއްވުމަށް ކަމަށެވެ. އެހެންވެ ފާއިތުވި އަހަރުތަކުގައި އާރަށުގައި ހުރިހާ ކަމެއް ކޮށްފައިވާނީ ރައީސް އޮފީހާއި އެމްއެންޑީއެފް ގުޅިގެން ކަމަށް ވިދާޅުވި އެވެ.
އާރަށުގައި ރައީސް ޔާމީން ދިރިއުޅުއްވަން އިމާރާތެއް ހެދީ ސީއެސްއާރްގެ ދަށުން ކަމަށް ވިދާޅުވިއަސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
"އެ މަސައްކަތަށް ކުރެވުނު ހަރަދު މިހާ ހިސާބަށް ކުރެވިފައިވާނީ ސީއެސްއާރްގެ ދަށުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އަބަދު ވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ބޭނުންކުރައްވަން ހުންނަ ތަނެއް. އެހެންވެ އެ ތަންތަނުގައި ގާއިމްކުރެވޭ ތަކެއްޗަކީ ދައުލަތުގެ ތަކެތި. އެއްޗެހި ބޭނުންކުރެވިގެން ދާނީ އެ އިރެއްގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވާ ތަކެތީގެ ގޮތުގައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އާރަށުގައި ހެދި އިމާރާތުގެ ފޮޓޯތައް އާއްމުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގަ އެވެ. ފޮޓޯ އިން ފެންނަނީ، އާރަށުގައި ޓެރަސްއަކާ އެކު ތިން ބުރި އަށް ހަދާފައިވާ އިމާރާތެކެވެ.
އެ ފޮޓޯ އާއްމުވުމާއެކު ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވައި ވަޑައިގަންނަވާނީ، އާރަށުގައި ހެދި ގެކޮޅު ހިއްޕަވައިގެން ނޫން ކަމަށެވެ.
ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާ މިހާރު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރިން އެ މަނިކުފާނު އުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ދޫވެހީގަ އެވެ. ރައީސަކު ދިރިއުޅުއްވަން އެކަށީގެންވާ މިންވަރަށް އެ ތަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރަން، އެތަން މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ވެސް ހިނގި އެވެ. އަދި މާދަމާ ރައީސް ޔާމީން ހިލާލީގެ ދޫކުރައްވައި އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު، ހ. ދޫވެހި އަށް ބަދަލުވެވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
16 November 2018
މީނާ މަޖިލީހަށް ކުރިމަތިލަނީ އަނެއްކާ ސީއެސްއާރުގެ ދަށުންބާ؟
ސީ.އެސް.އާރު
16 November 2018
ސީ.އެސް.އާރު އަކީ:- 1. ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ؟ 2. ކޮރަޕްޓް ސިސްޓެމަޓިކް ރަބިޝް؟
ވަހީދު
16 November 2018
އެޚަބަރާއި ގުޅިގެން ގިނަ މީހުން ފާޑުކީ މަހޭއަށް. އެކަމަކު ތިބުނީ ޔާމީނަށް ފާޑުކީއޭ. މިހުންނަނީ ނޫސްވެރިން ފަތުރާ ދޮގުވާހަކަ. މިހާރުގައި އެޚަބަރު ޖެހުމުން އެންމެން ވެސް މަހޭއަށް ފާޑުކީ.
ކޭބީ
15 November 2018
ސީއެސްއާރު ގެ މާނަވެސް ނޭގޭ މީހެއްތަ މީ. މިއޮތީ ބޮޑު ޖަރީމާއެއް ހިންގާފަ
ABDULLLAH JALEEL
15 November 2018
މީނައަށް ސީއެސްއާރު އެއީ ކޯނޗެއްކަން އިނގޭބާ؟
ރާބޮނދި
15 November 2018
ސީއެސްއާރުގެ ދަށުންތޯ، މަތިންތޯ، އަރިމަތިންތޯ؟
ޢެދަމް
15 November 2018
ބޮޑު ދޮގެއް އެތަން ހެދީ ދައުލަތުން ހަރަދު ކޮށްގެން
ދިރާސާވެރިޔާ
15 November 2018
ސީ.އެސް. އާރު ގެ ދަށުން މަށަށް ގޭކުލި 1 އެއް އަހަރު ވަންދެން ދައްކާލަ ދީބަލަ. ސީ. އެސް. ޢާރު ބަޖެޓަކީ ރައީސުންނަށް ގަނޑުވަރު އަޅާދޭ ބަޖެޓެއްތޯ
12345
15 November 2018
ބައްލަވަ ސީއެސްއާރުގެ ދަށުންނޫންތޯ ބީއެމްޑަބްލިއު ކާރާއި ، އަގުބޮޑު އަނގޮޓިއާއި، ކަޅު ދަބަސްތަކުގަ ދޫވެއްސަށް އަދީބުމެން އޭރު ފައިސާވެސް ފޮނުވީ..
ޕޭލްހައުން
15 November 2018
ލޮލް. ސީޢެސްއާރު ރާއްޖޭގަ މާނަ ކުރާ ގޮތް ހާދަ ތަފާތޭ.