ދިވެހި އިންޝުއަރެންސް ކުންފުންޏަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިދިޔަ ޖޫން މަހު ލައިސަންސް ހަވާލުކޮށްދެއްވަނީ --ފޮޓޯ: އެމްއެމްއޭ
17 އޯގަސްޓް 2016 - 17:24
ދިވެހި އިންޝުއަރެންސް ކުުންފުންޏަށް ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދިނުމާ އެކު އަންނަ އާދީއްތަ ދުވަހު ހިދުމަތް ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނިން ހިދުމަތް ފަށައިގަންނައިރު އަމާޒުކުރަނީ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި އެއްގަމާއި ކަނޑު އުނޅަދު ފަހަރާއި ޕްރޮޕަޓީ އަދި ކޮންސްޓްރަކްޝަންގެ އިތުރުން މެރިން އިންޝުއަރެންސް ހިދުމަތް ވެސް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ތަނުގައި މެޑިކަލް އިންޝުއަރެންސް ވެސް އަޅުގަނޑުމެން ފަށާނަން. މިހާރު ބޮޑަށް މި އަމާޒުކުރަނީ ވިޔަފާރިތަކަށް،" ވާހިދު ވިދާޅުވި އެވެ
އިންޝުއަރެންސް ހިދުމަތް ދިނުމުގެ ލައިސަންސް މަރުކަޒީ ބޭންކުން އެ ކުންފުންޏަށް ދިނީ މިދިޔަ ޖޫން 2 ގަ އެވެ. އެއީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏެކެވެ.
ވާހިދަކީ އެލައިޑް އިންޝުއަރެންސްގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭގެ އިތުރުން ކަނޑު މަހުގެ ވިޔަފާރީގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވެސް ދިވެހި އިންޝުއަރެންސްގައި ހިމެނިވަޑައިގަންނަވަ އެވެ.
އެމްއެމްއޭ އިން އެ ކުންފުންޏަށް ލައިސަންސް ދިނީ ރާއްޖޭގައި ޖެނެރަލް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށެވެ. ރާއްޖޭގައި މި ވަގުތު އިންޝުއަރެންސްގެ ހިދުމަތް ދެނީ އެލައިޑް އިންޝުއަރެންސް އާއި ސޮލަރެލް އިންޝުއަރެންސް އަދި ސްރީ ލަންކާގެ ދެ ކުންފުންޏަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބީބު
18 August 2016
ވާޙިދު ވަސީމު ސަޢީދު ގުޅިގެން ހުޅުމާލޭގައި ކުރާ ވިޔަފާރިން އެމީހުންގެ ކާމިޔާބީއާއި ހިތްވަރާ ޢަޒްމު ހަމަވެއެވެ. ވާޙިދުއަކީ ދާއިރާގައި ގިނަދުވަހު އުޅެ ތަޖްރިބާ ލިބިފައިވާ ހުނަރުވެރި ޒުވާނެކެވެ. ވަސީމަކީވެސް ހަމަ އެހާމެ ހިތްވަރުގަދަ ކެތްތެރި މަޑުމައިތިރި މީހެކެވެ. ތިކުންފުންޏަށް ކާމިޔާބިދެއްވުން އެދި ދުޢާކުރަމެވެ. އަދި މަރުހަބާކިޔަމެވެ.
ރަދީފް
17 August 2016
މަރުހަބާ ވާހިދު ، ސައީދު އަދި ވަސީމް. އަޅުގަނޑުގެ ކުރީގެ 3 ބޮހުން ހޯއްދަވަމުން ތިޔަ ގެންދަވާ ކާމިޔާބީއަށްޓަކައި ފަޙުރުވެރިވަމަވެ. އަބަދުވެސް އެދެނީ ކާމިޔާބީއަށް.ވ.ވެދުން