އީމެއިލުން ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަނީ

ޕާސްޕޯޓް ހެދުމުގެ ހިދުމަތް މިހާރަށް ވުރެ ފަސޭހަ ކުރުމަށްޓަކައި އީމެއިލް މެދުވެރިކޮށް އެ ހިދުމަތަށް އެދި ފޯމް ހުށަހެޅޭ ގޮތަށް ހަމަޖައްސަން އިމިގްރޭޝަނުން ނިންމައިިފި އެވެ.


އިމިގްރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ އުސޫލު އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ތައާރަފުކުރާނެ ކަމަށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެދޭ ނިޒާމެއް މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެއިލް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހަޅާއިރު ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްދޭ ކޮންމެ މަރުކަޒަކުން ޕާސްޕޯޓް ނަގަން ވެސް އެދެވޭނެ ކަމަށް ހަނަފީ ވިދާޅުވި އެވެ. އެއީ ޕާސްޕޯޓް ހަދަން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް ހޯދެން އޮތް ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއަށް ފަހު އަޅުގަނޑުމެންގެ ސެންޓަރުތައް، މާލެ، ފުވައްމުލައް، ކުޅުދުއްފުށި އަދި އައްޑޫ، މިއިން ކޮންމެވެސް ތަނަކުން މި ޕާސްޕޯޓް ބަލައިގަތުމުގެ އިންތިޒާމް، އެފަރާތްތަކަށް ފަސޭހަވާ ތަނަކުން ލިބިދޭނެ،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ދޭ ހިދުމަތްތައް ފަސޭހަކުރުމަށްޓަކައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ގެންނާނެ ގިނަ ބަދަލުތަކެއް އާ ކޮންޓްރޯލާ މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ތައާރަފްކުރާނެ ކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި ޕާޓްނާ އެޖެންސީތަކުން މައުލޫމާތު އެއްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޕާސްޕޯޓަށް އެދޭ ފޯމް އަތޮޅު އަދި ރަށު ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި ގެންނަން ކަނޑައަޅާފައިވާ ބަދަލުތަކެވެ.

އަލަށް ފަށާނެ ކަމަށް ކޮންޓްރޯލާ އިއުލާނު ކުރެއްވި އަނެއް ހިދުމަތަކީ އައްޑޫގައި ހުންނަ އިމިގްރޭޝަންގެ މަރުކަޒު މެދުވެރިކޮށް ބިޒްނަސް ވިސާ ދޫކުރަން ފެށުމެވެ. އެ ހިދުމަތް ވެސް ފެބްރުއަރީ މަހު ތައާރަފް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނާ މެދު އޮންނަ ޝަކުވާތައް ސީދާ ގޮތެއްގައި ހުށަހަޅައި މައުލޫމާތު ސާފުކުރުމަށްޓަކައި ކޯލް ސެންޓަރެއް ވެސް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.