އާޒިމާ: މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި އާޒިމާގެ މައްޗަށް ދެ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައި. --ފޮޓޯ/މިހާރު
24 ފެބުރުއަރީ 2019 - 10:01
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ޕީޕީއެމުން ދެއްކި ވާހަކަތައް އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.
ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، އާޒިމާގެ އިތުރުން ވެސް އެ ދެ ޕާޓީގެ އިސް ބޭފުޅުންތަކެއްގެ ޕާސްޕޯޓް ހިފަަހައްޓާފައިވާ ކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށެވެ. އެއީ، ސަރުކާރާ، އިދިކޮޅު ފަރާތްތައް ނައްތާލަން ރާވާފައިވާ ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ އާޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާ ކަމަށެވެ. އެފަދަ އަމުރެއް މިހާތަނަށް އިމިގްރޭޝަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓަނީ، ކޯޓުގެ އަމުރެއް އޮވެގެންނެވެ.
"އެއީ، ރަނގަޅު ވާހަކައެއް ނޫން، އާޒިމާ އަދި އެ [ތުހުމަތުކުރާ ސިޔާސީ] އެހެން ބޭފުޅުންތަކެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެއް ނުވާނެ،" ހަނަފީ ވިދާޅުވި އެވެ.
އާޒިމާ މިހާރު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.
އާޒިމާގެ މައްޗަށް ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެ ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. އެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ވެސް މިހާރު ވަނީ އާޒިމާއާ ހަވާލުކޮށްފަ އެވެ.
އެ ތަހުގީގަށް އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
24 February 2019
ސިޔާސީ ޕާޓީއެއްގަ އަދި އުޅޭހާ މީހަކު އެއްޗެއް ބުނެލާ އިރަށް ނޫހަށް އަރާކަށް ނުޖެހޭ. އަދި އަމުދުން އާދައިގެ އަސާސީ ތައުލީމު ފެންވަރު ނުހުންނަ މީހުން. މީނަގެ ހިސާބު ޖެހުމާ ހަދާހާ ދޮގާ ނޫހުގަ ޖަހައިގެން ތިބޭފުޅުންގެ ވަގުތާ އެހެން މީހުންގެ ވަގުތު ބޭކާރު ކުރުމުގެ މާނައެއް ނެތް
ސައި
24 February 2019
އަދުރޭމެންނަކީ އަބަދުވެސް ދޮގާމަކަރުން ރައްޔިތުން ބޮލަށް އެރޭނަމޭ ހިތާ އުޅޭބައެއް ރައްޔިތުން ވިސްނާތި މީގައުމުގެ ހަލާކު މަޖިލީހުން އެއްވއސް ޖާގައެއް ދީގެންނުވާނެ
ދަކޮހުނިގެނޑި
24 February 2019
ކިހާވަރުގަދަކަމެއް. އާޒިމާއަކީ ކުޢްވެރިއެއްކަމަށް ނުވާނަމަ ޕާސްޕޯޓު ކީއްކުރަން ވައިވެސް އެޅިގެންނުވާނެ. އެކަމަކު ހިޔާނާތަކަށް ސައްކުކުރެވޭނަމަ ހިަފައްޓާ ބެލްނޖެހޭނެ ކުށްވެރިވާނަމަ އަދަބުވެސް ދެވެންޖެހޭނެ.
ސަންފާ
24 February 2019
އަދުރޭމެން ކަހަލަ ދޮގު މައުލޫމާތު ފަތުރާ މީހުންގެ މައްސަލަ ބަލަން ޖެހޭނެ .
އާރުކާޓީ
24 February 2019
ވަކި ކޮންތާކަށްތަ ދާނީވެސް؟
ފޮނިޓައްޕު ހަސަނު
24 February 2019
ޕާސްޕޯޓް ހިފަ ހައްޓާނެ ކަމެއެއް ނެތް. މެލޭޝިއާ ސަރުކާރަށް އަންގާ ތި އަންހެން މީހާ ހިންގައިފައި ހުރި ޖަރީމާތައް. ހުރިތަކުން ދަމައި ކޫއްތާފައި ގެންނަން އުނދަގުލެއެއް ނުވާނެ.
ހޭކެނޑޭ
24 February 2019
ތިޔަ ކަނބުލޮ ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް އުފުރާލައިގެން ގެނެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ދެކެން.
ދަތްނެތްކުއްޖާ
24 February 2019
ދަޢުލަތުގެ މުއައްސަސާ އެއްގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލާ ދަޢުލާތާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތު ރައްޔިތުން ނަށް ދިނުމާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތައް މަޢުލޫމަތު ފަތުރާފައި ވާތީވެ މީނަ އާއި މެދު މިހާރުން މިހާރަށް ފިޔަވަލު އަލަން މަމެން ރައްޔިތުން މި ސަރުކާރަށް ގޮވާލަނމު. އަދި އީސީސީ އަށްވެސް ގޮވާލަނމު މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ޕާރޓީތައް މިހާރުން މިހާރަށް އޮވާލާ މިވެރިން ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުމަށް.
ސާދާސީދާ
24 February 2019
އާޒިމާ ޖަލަށްލާ. ޕާސްޕޯރޓް ހިފަހައްޓާނެކަމެއްނެތް!
ޖަމްބޯ
24 February 2019
ދެން ތީނަ އަތު ނުވާނެ