ކޮމަންވެލްތުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އަށް ބައިވެރިވެވޭނެ ކަމަށް އުންމީދުކުރަން: ޝާހިދު

އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އަލުން އެޖަމާއަތުގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮމަންވެލްތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، 2016 ވަނަ އަހަރުގަ އެވެ. އެ ޖަމާއަތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވުމުން، ސަރުކާރު ބަދަލުވުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮމަންވެލްތުގައި ބައިވެރިވާން އަލުން ހުށަހެޅި އެވެ.

ކޮންމެ މާޗު މަހެއްގެ ދެ ވަނަ ހޯމަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެ އަށް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މަސައްކަތްކުރަމުން މި އަންނަނީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅިގެން، އެހެން މެމްބަރު ގައުމުތަކާއި ކޮމޮންވެލްތު ސެކްރެޓަރިއެޓާ އެކު މަސައްކަތްކޮށް، ދިވެހިންގެ ބޭނުންތައް ފުއްދަން މަސައްކަތްކުރަން،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮމަންވެލްތު ގައުމުތަކުން ގެންގުޅޭ ރިވެތި އާދަތަކާއި ޑިމޮކްރަސީގެ ސިޔާސަތުތައް ހަނދާންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ އަހަރުން އެއް އަހަރު ކޮމަންވެލްތު ގައުމުތަކުގެ ވެރިން ސަމިޓް ބާއްވަ އެވެ. އަންނަ އަހަރުގެ ސަމިޓް އޮންނާނީ ރުވާންޑާގަ އެވެ.

ކޮމެންވެލްތުން 2013 ވަނަ އަހަރު ވަކިވި ގެމްބިއާ އަލުން މެމްބަރަކަށްވީ 2018 ވަނަ އަހަރެވެ. ކޮމަންވެލްތުގައި ބައިވެރިވާން އެ ގައުމުން ހުށަހެޅީ 2017 ގަ އެވެ.