މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ފަސް އަހަރުވާން ކައިރިވެފައިވަނިކޮށް، އެކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ، އޮގަސްޓް 8، 2014 ވަނަ ދުވަހުން ފެށިގެން ރިލްވާން ގެއްލިފައިވާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ މަސައްކަތާ ގުޅޭ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ރިލްވާން ގެއްލުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުން ފިޔަވައި މާ ބޮޑު ކަމެއް މިވީ އަހަރުތަކުގައި އެ ކޮމިޝަނުން ކޮށްފައެއް ނުވެ އެވެ.
ރިލްވާނާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ރިޕޯޓު ހުށަހެޅިއިރު، މަޖިލީހުން ވަނީ އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނާ މައްސަލަ ބަލަން ނިންމައިފަ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.