ހަރުކަށި ފިކުރަށް ވުރެ ދިވެހި ޒުވާނުން ކަންބޮޑުވަނީ ރާއްޖޭގައި އޮތް ކޮރަޕްޝަނާ މެދުގައި ކަމަށް ޔޫއެންޑީޕީ މޯލްޑިވްސް އާއި ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖޭގެ 28 ރަށަކުން 174 ޒުވާނުންނާ ސުވާލުކޮށް ހެދި ދިރާސާގައި ބުނެފައި ވަނީ ކޮރަޕްޝަން ނަގާފައި ދިވެހި ޒުވާނުން ދެން އެންމެ ކަންބޮޑުވަނީ ތައުލީމާއި މަސްތުވާތަކެއްޗާ މެދު ކަމަށެވެ.
ދިރާސާގެ ބައިވެރިންގެ ސަމާލުކަމަށް ދިނީ ހަތް މައްސަލައެކެވެ. އެ ހަތް މައްސަލަ، އެ މީހަކު އެންމެ ކަންބޮޑުވާ ތަރުތީބުން ލިސްޓްކުރަން ދިނެވެ.
އެގޮތަށް ލިސްޓްކުރުމުން ގިނަ ޒުވާނުންގެ ނަޒަރުގައި ގައުމީ މައްސަލަތައް އަންނަނީ ތިރީގައި އެވާ ގޮތަށެވެ.
1- ކޮރަޕްޝަން
2- ތައުލީމް
3- މަސްތުވާތަކެތި
4- ވަޒީފާ ނެތުން
5- ބޯހިޔާވަހިކަން
6- ގޭންގް
7- ޖިހާދުގެ ނަމުގައި އަނިޔާވެރިވުން
ދިރާސާގައި ބައިވެރިވި 60 ޕަސެންޓް މީހުން ވަނީ ލިސްޓްގެ އެންމެ ފަހަތަށް ދީނީ ހަރުކަށި ވިސްނުން ލައިފަ އެވެ.
ދިރާސާގެ ބައިވެރިން ނިސްބަތްވާ ރަށްރަށުގެ ރައްޔިތުން ދީނީ ހަރުކަށި ވިސްނުމަށް ތާއީދުކުރާ ކަމަށް ބުނީ، ސާވޭގައި ބައިވެރިވި މީހުންގެ އެންމެ 10 ޕަސެންޓެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ވަޒީފާ ނެތް ދިވެހި ޒުވާނުންގެ ނިސްބަތް 26 ޕަސެންޓަށް އަރަ އެވެ.
އާއިލާތައް ރޫޅުމުގެ އެއް ސަބަބަށް ސިޔާސީ ކަންކަން ވާ ކަމަށް ގިނަ ޒުވާނުން ދެކޭއިރު ސަރުކާރުން ޒުވާނުންނާ މެދު ވިސްނާ ކަމަށް ގަބޫލުކުރަނީ 50 ޕަސެންޓަށް ވުރެ މަދު ބައެކެވެ.
ރަށްރަށަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަން ޖެހޭ ކަމަށް 88 ޕަސެންޓް ބައިވެރިން އެއްބަސްވެ އެވެ. ގެއިން ބޭރުގައި އަންހެނުން މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ނިސްބަތް 84 ޕަސެންޓް އަށް އަރަަ އެވެ. ސަރުކާރުގައި މިހާރަށް ވުރެ މުހިއްމު ރޯލެއް އަންހެނުން ކުޅެން ޖެހޭ ކަމަށް 70 ޕަސެންޓް މީހުން ބުނެ އެވެ.
ރަށްރަށުގައި އިޖުތިމާއީ ރޫހު ވަރުގަދަކަމަށް ދެކެނީ އެންމެ 39 ޕަސެންޓް ޒުވާނުންނެވެ.
ވަޒީފާ ނުލިބެންޏާ ޑިގްރީއެއްގެ ބޭނުމަކީ ކޮބާ؟
ސާވޭ ފުރިހަމަކުރި ޒުވާނުން ވަނީ ގައުމުގެ ވެރިންނަށް ވަރުގަދަ މެސެޖްތަކެއް ވެސް ދޫކޮށްފަ އެވެ. އެގޮތުން ކޮރަޕްޝަންގެ ސަބަބުން ކިޔެވުމާ ބައެއް މީހުން ދުރަށް ދާ ކަމަށް އެއްބަސްވި އެވެ. އަދި ވަޒީފާއެއް ނުލިބެންޏާ ޑިިގްރީއެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ގިނަ ޒުވާނުން ސުވާލު އުފެއްދި އެވެ. ބުރަކޮށް މަސައްކަތްކުރާ ނަމަ ވަޒީފާގައި ކުރިއަށްދެވޭނެ ކަމަށް އިސް ވެރިން ބުންޏަސް ހަގީގަތަކީ އެއީ ނޫން ކަން ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.
ދިރާސާ ނެރެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަކިކޯ ފުޖީ ވިދާޅުވީ އެ ރިޕޯޓުން އެންމެ ހިތްހަމަޖެހިވަޑައިގަންނަވަނީ މުސްތަގުބަލާ މެދު ޒުވާނުން ކުރާ އުއްމީދު ބޮޑުކަމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ކަމާ ބެހޭ ފަރާތްތަކަށް ވެސް މުހިއްމު ރިޕޯޓެކެވެ. ނަމަވެސް ގޮންޖެހުމަކީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވީ ޒުވާނުންނަކީ އިހުތިޔާރުކުރާ ކޮންމެ ދާއިރާއަކުން ވެސް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލްކަން ޒުވާނުންނަށް ލިބިފައިވާ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލި މަގެއް ފެންނާނެކަމުގެ އުއްމީދު ޒުވާނުންނަށް އޮތުމުން އެކަމާ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަމާ މެދު ބަސް ބުނުމުގެ ފުރުސަތު މީގެ ކުރިން ޒުވާނުންނަށް ލިބިފައެއްނުވެ އެވެ. ނަމަވެސް އެ ފުރުސަތު މިހާރު ފަހިކޮށްދީ މައްސަލަތައް ހައްލުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދިރާސާ ކުރިއަށްގެންދިޔައީ ޖަޕާނު ސަރުކާރުގެ އެހީގަ އެވެ. އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި ވަނީ ދިރާސާއިން ފާހަގަވި ކަންކަމަށް ކަމާ ބެހޭ އިދާރާތަކުން ސަމާލުކަން ދީ ހައްލު ގެނެސްދިނުމަށް އެދިވަޑައިގެންފަ އެވެ.