ހުޅުމީދޫން ގޯތި ދޫކުރަން އިއުލާންކޮށްފި

އައްޑޫ ހުޅުމީދޫން ގޯތި ނޫދުނުރާތާ ގިނަ އަހަރުތަކަކަށް ފަހު، އެ ދެ އަވަށުން ގޯތި ދޫކުރަން ނިންމައި، ފޯމު ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.


އައްޑޫގައި މީހުން ދިރިއުޅޭ ހަ އަވަށުގެ ތެރެއިން ވަކިން އޮންނަ ހުޅުދޫ އާއި މީދޫން 100 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެއީ ކޮންމެ އަވަށަކުން 2،000 އަކަފޫޓުގެ 50 ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެ ފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުމާއި ލިބިފައިވާ އެފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނެ އެވެ.

އަދި، އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުމަކީ ވެސް ޝަރުތެކެވެ.

ގޯތި ދޫކުރުމާ ބެހޭ އިއުލާން.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގޯތި ލިބޭ މީހުން ހޮވާނީ ޕޮއިންޓު ލިބިފައިވާ ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުންނަށް އިސްކަން ދީގެންނެވެ. އެގޮތުން، އެ ފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެ ފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަ އެ ގޯތި ލިބޭ މީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އަދި ދިރުއުޅުމުގެ ހާލަތަށް ބަލައި، ޕޮއިންޓު ދިނުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިހުތިޔާރު ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ ގޯތި ދޫރުމާ ބެހޭ ތަފުސީލީ އުސޫލު ވެސް އާންމުކޮށްފަ އެވެ.

ހުޅުދު އާއި މީދޫން ގޯތި ދޫކުރަން ނިންމި އިރު، ހުޅުދޫގައި ސަރުކާރުން އަޅާފައިވާ 48 ފްލެޓްގެ ތެރެއިން 32 ފްލެޓަށް 25 މީހަކު ކުރިމަތިލާފައިވެ އެވެ. އެ ފްލެޓްތައް ދޫކުރަން ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.