އުކުޅަހު ކޮންވެންޝަން ސެންޓަރު ބޭކާރެއް ނުވާނެ: ކައުންސިލް

އުކުޅަހުގައި މިހާރު ހަދަމުން އަންނަ ކޮންވެންޝަން ސެންޓަރު ބޭކާރުވެގެން ނުދާނެ ކަމަށާއި އެ ތަނަށް ޑިމާންޑް އެބަ އޮތް ކަމަށް އުކުޅަހު ކައުންސިލުން އިއްޔެ ބުނެފި އެވެ.


އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް "މިހާރު" އަށް ވިދާޅުވީ ކޮންވެންޝަން ސެންޓަރާ އެކު ކޮންފަރެންސް ޓޫރިޒަމް ނުވަތަ "މައިސް ޓޫރިޒަ (މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސިން، އެގްޒިބިޝަންސް ޓޫރިޒަމް)ގެ ހާއްސަ މަންޒިލެއްގެ ގޮތުގައި އެ ރަށް މާކެޓް ކުުރުމުގެ މަސައްކަތް މިހާރު ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އަޅަން ސަރުކާރަށް ހުށަހެޅީ އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ޑިމާންޑް އޮތްކަން މާކުރިއްސުރެ އެނގިފައި ވާތީ އެވެ.

"އައްޑޫ ކޮންވެންޝަން ސެންޓަރަކީ އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށް އަޅާ ނިމިފައި ހުރި ތަނެއް. އެހެން ނަމަވެސް އެތަނުގެ މާ ބޮޑު ފައިދާއެއް ނުފެނުނު. އަނެއްހެން ދައުލަތަށް ބޮޑު ބުރައެއް ގޮތަށް އޮތް ތަނެއް ގޮތަށް ބައެއް ބޭފުޅުންނަށް މި ފާހަގަވަނީ. އެއީ މިކަން ކިހިނެއްތޯ ވާނީ ބައެއް ބޭފުޅުންނަށް ކޮންމެވެސް ވަރަކަށް ސުވާލު އުފެދޭ ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ އިރާދަ ކުރެއްވިއްޔާ އުކުޅަހުގައި މިއަޅާ ކޮންވެންޝަން ސެންޓަރު އެހެންނެއް ނުވާނެ. އެއާ ގާތަކަށް ވެސް ނުދާނެ،" ޝައުކަތު ވިދާޅުވި އެވެ.

ކޮންވެންޝަން ސެންޓަރުގެ ބޭނުން ރަނގަޅަށް ކުރެވޭނެ އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އުކުޅަހަކީ ފުޅާ ދާއިރާއެއްްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށަކަށް ވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންފަރެންސްތަކާއި ޖަލްސާތައް ބޭއްވުމުގެ ފުރުސަތު އުކުޅަހުގައި އޮތްތޯ ބޭރުގެ ފަރާތްތަކުން ކުރިއްސުރެ އައީ ބަލަމުންނެވެ.

"މިހާތަނަށް، 2012 އިން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުމެން މި ޓޫރިޒަމް ތެރޭގައި އުޅުނުއިރު މި ހަތް އަހަރުގެ ތެރޭގައި ވަރަށް ބައިވަރު އިންކުއަރީސްތައް އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި ކޮންފަރެންސް ފެސިލިޓީސް ހުރިތޯ. ކޮންފަރެންސް ބޭއްވިދާނެތޯ މިކަންކަމާ ގުޅޭ ގޮތުން، އެކިއެކި ފަރާތްތަކުން އިންކުއަރީސްތައް ހަދާފައި،" ޝައުކަތު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމްއާ ވާހަކަފުޅު ދައްކަވަނީ

ދެވަނަ ސަބަބެއް ކަމަށް ޝައުކަތު ވިދާޅުވީ ކޮންފަރެންސް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރަށް މާކެޓް ކުރަން ކައުންސިލާއި ގެސްޓް ހައުސްތަކުން ބުރަކޮށް މަސައްކަތްކުރަން ފަށާފައި ވުމެވެ. އެގޮތުން އުކުޅަހުގެ ހުރިހާ ގެސްޓް ހައުސްތަކުން މިހާރު ވެސް ވަނީ އެ ރަށަކީ އެ އިންޑަސްޓްރީ އޮތް ރަށެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި އުކުޅަސް އެ ދާއިރާއިން މާކެޓް ކޮށްދޭން ޓޫރިޒަމް މިނިސްޓްރީން ވެސް ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފަ އެވެ.

"މުޅި ރައްޔިތުން މިތިބީ މިކަން މާކެޓްކުރަން. މުޅި ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް،" ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިމި އެތަން ހުޅުވޭ ހިސާބުން ފެށިގެން އުކުޅަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރަށު ކައުންސިލަށާއި ގެސްޓް ހައުސް އެސޯސިއޭޝަނަށް އެބަ އޮތް ކަމަށެވެ.

ކޮންވެންޝަން ސެންޓަރުގެ މަސައްކަތް

އުކުޅަހު ކޮންވެންޝަން ސެންޓަރު އަޅާ ބިން

ޝައުކަތު ވިދާޅުވި ގޮތުގައި ކޮންފަރެންސް ފެސިލިޓީތައް ހުރިތޯ އެކި ފަރާތްތަކުން ބަލަމުން އައި ނަމަވެސް އެކަން ހަގީގަތަކަށް ހަދަން އުކުޅަހު ރައްޔިތުންނަށް ހިތްވަރު ލިބުނީ ޕްރޮފެސަރު ހަސަން އުގައިލް އެ ރަށަށް ހޯއްދަވައިދެއްވި ފުރުސަތުގެ ސަބަބުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން ކޮންމެ އަހަރަކު ދުނިޔޭގެ ކޮންމެވެސް އެއް ގައުމެއްގައި ބާއްވާ "ސޮފްޓްވެއާ، ނޮލެޖް، އިންފޮމޭޝަން މެނޭޖްމެންޓް އެންޑް އެޕްލިކޭޝަން (ސްކިމާ)" ކޮންފަރެންސް އުކުޅަހުގައި ބާއްވަން ނިންމީ މިދިޔަ އަހަރު އެވެ.

"މިފަދަ އިންޓަނޭޝަނަލް ކޮންފަރެންސެއް ބޭއްވުމަށް އުކުޅަސް ޗޫޒްކުރެއްވި ކަމަށް ޓަކައި އުކުޅަހު ކައުންސިލާއި އުކުޅަހު ރައްޔިތުން ޕްރޮފެސަރު އުގައިލަށް އަދި އުގައިލް ފައުންޑޭޝަންގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންވެންޝަން ސެންޓަރު އަޅައިދޭތޯ އުކުޅަހު ކައުންސިލުން ސަރުކާރަށް ދެންނެވީ ފުރިހަމަ ޕްލޭނަކާ އެކުގަ އެވެ. އެގޮތުން އެކަމަށް ހިނގާނެ ހަރަދާއި މަސައްކަތާ ބެހޭ ހުރިހާ ތަފުސީލެއް އެ ކައުންސިލުން ސަރުކާރަށް ހުށަހެޅި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިގެ ސީދާ ބެއްލެވުމުގެ ދަށުން،" އާޖެންޓްކޮށް ނިންމަން ޖެހޭ މަޝްރޫއެއް"ގެ ގޮތުގައި ކަަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

"އަސްލު މިއީ ސަރުކާރުން މި ރަށުގައި ހިންގަން ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެއް ނޫން. މިއީ ސީދާ ކައުންސިލްގެ އިސްނެގުމެއް. ކައުންސިލުން މި ޕްރޮޖެކްޓްގެ ހުރިހާ ޑްރޯވިންތަކާ ބީއޯ ކިއުއާ ހުރިހާ ކަމެއް ތައްޔާރުކޮށް ސަރުކާރަށް ޕްރޮޖެކްޓް ހުށަހެޅީ ކައުންސިލުގެ ފަރާތުން،" އޭނާ ވިދާޅުވި އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެކުންފުނިން އަންނަނީ އޮގަސްޓް 26 ގެ ކުރިން އެތަން ނިންމުމަށް ޓަކައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ސައިޓަށް ފޮނުވައިފަ އެެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ 24 ގަޑިއިރު ވެސް މަސައްކަތް ހިނގާ ގޮތަށް ރާވައިގެންނެވެ.