"ރާއްޖެއަކީ ހައްގުތައް ހިމާޔަތްކުރުމުގެ ރަނގަޅު މިސާލެއް"

ދިވެހިރާއްޖެ އަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ރަނގަޅު މިސާލެއްކަމަށް، އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނާ މިޝޭލް ބެޝެލޭ އިއްޔެ ވިދާޅުވެއްޖެ އެވެ.


އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ގައުމުތަކާއި އޮބްޒާވާ ގައުމުތަކާ އެކު އދ. ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލޭ އިއްޔެ ވަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ހައިކޮމިޝަނާ ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ސެޝަންގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ގައުމުތަކުން ހޯދާފައިވާ ކާމިޔާބީގެ ވާހަކަ އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ރާއްޖެ އަކީ މިސާލެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖެއިން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އޮފީހާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރަކު ރާއްޖެ އަށް ފޮނުއްވުމަށް އެދިފައިވާ ކަމަށްވެ ސް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވި، ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބު ހާލާ ހަމީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވި މައުލޫމާތު ހާލާ ވަނީ ބެޝެލޭ އަށް ދެއްވާފަ އެވެ. އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، ކުރިއެރުވުމަށް ރާއްޖެ އިން ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.