ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް އެހީތެރިކަން ދިނުމާ ގުޅޭގޮތުން ފޮރިން އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާކުރައްވައިފި އެވެ.
ދުބާއީގައި ބޭއްވެވި ބައްދަލުވުމަށްފަހު މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއަށް އެ ގައުމުން ދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުރިއަށް ހުރި މަޝްރޫއުތަކަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި ހިންގަން ނިންމާފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން އަބޫދާބީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ފަންޑުގެ އެހީގައި ނ. މާފަރު އަޅާފައިވާ އެއާޕޯޓުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދީފައިވާ ވެސް ކަމަށް ވެސް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓުގެ މަސައްކަތްތައް ނިމިފައިވާއިރު، އެތަން ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކުރިން ވިދާޅުވިގޮތުގައި މާފަރު އެއާޕޯޓަށް މިއަހަރުގެ ތެރޭގަި ދަތުރުތައް ފަށާނެ އެވެ.
ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.