އދ.ގެ އާއްމު މަޖިލިސް ކުރިއަށް ދާއިރު، އެ ޖަމިއްޔާގެ މައި މަރުކަޒުގެ ބޭރުގައި ރާއްޖޭގެ ދިދަ ނަގާފައި.-- ފޮޓޯ: އދ.
25 ސެޕްޓެމްބަރ 2016 - 09:12
އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ވާން ރާއްޖޭން އަނެއްކާ ވެސް ކުރިމަތިލައިފި އެވެ.
ރާއްޖޭން ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވާކަން އިއުލާން ކުރެއްވީ މިހާރު ކުރިއަށް ދާ އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސް ވެރިޔާ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމެވެ. އާއްމު މަޖިލީހުގައި ރޭ ދެއްވި ތަގުރީރުގައި އާސިމް ވިދާޅުވި ގޮތުގައި ރާއްޖޭން ކުރިމަތިލަނީ ސަލާމަތީ މަޖިލީހުގެ 2019-2020 ގެ ދައުރުގެ މެމްބަރަކަށް ވާށެވެ.
"ރާއްޖެ އަކީ ކުޑަ ގައުމެއް. އެކަމަކު، އަޅުގަނޑުމެންނަކީ މުހިއްމު ބައެއް، އަދި މުހިއްމު ބަޔަކަށް ވެވޭނެ ގައުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އދ.ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.
#Maldives announced its candidature to the #UNSC for term 2019-2020 - the first time since its membership at #UN 51 years ago
— MFA-Maldives (@MDVForeign) September 24, 2016
ފޮރިން މިނިސްޓްރީން ކުރި ޓުވީޓު.
އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ގައި ވެސް ރާއްޖޭން ވަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާފަ އެވެ. އެ ފަހަރު ވެސް 2019-2020 ގެ ދައުރުގެ މެމްބަރުކަން ހޯދަން ކުރިމަތިލިއިރު، މި ސަރަހައްދުގެ ގައުމުތަކުގެ ތާއީދު ވެސް ރާއްޖޭން ހޯދި އެވެ. އެކަމަކު، އެ އަހަރު ވެރިކަން ބަދަލުވެ، ދެން ހަވާލުވި ސަރުކާރުން އެކަމަށް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އދ.ގެ އެންމެ މުހިއްމު ގުނަވަން ކަމަށް ވާ ސަލާމަތީ މަޖިލީހުގައި 15 މެމްބަރުން ތިބޭއިރު، ދާއިމީ ފަސް މެމްބަރުން ފިޔަވައި ދެން ތިބެނީ އިންތިހާބު ކުރާ މެމްބަރުންނެވެ. ދެ އަހަރުގެ މުއްދަތަށް، ވަގުތުން އާ ނުކުރެވޭ ގޮތަށް އިންތިހާބު ކުރާ އެ މެމްބަރުން ހޮވަނީ އާއްމު މަޖިލީހުގެ ވޯޓަކުންނެވެ. ކޮންމެ އަހަރަކު ވެސް ފަސް ގައުމެއް އިންތިހާބު ކުރެ އެވެ.
ރާއްޖެ ކުރިމަތިލި 2019-2020 ގެ ދައުރަށް މެމްބަރުން ހޮވާނީ 2018 ގެ މެދުތެރޭގައި ބާއްވާ އާއްމު މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން އެއް މެމްބަރަކު ހޮވަން ނިންމާފައި ވާއިރު، އިންޑޮނީޝިއާ އިން ވެސް ވަނީ އެ ގޮނޑި އަށް ކުރިމަތިލާނެކަން އިއުލާންކޮށްފަ އެވެ.
ދުނިޔޭގައި ސުލްހަ ގާއިމްކޮށް، ދެމެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަލާމަތީ މަޖިލީހުގައި ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ އދ. އުފެއްދުމުގައި އިސްކޮށް އުޅުނު އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ އަދި ޗައިނާ އެވެ. ސަލާމަތީ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ވީޓޯ ކުރުމުގެ ބާރު އެއިން ކޮންމެ ގައުމަކަށް ލިބިފައި ވާއިރު، އެ މަޖިލީހުގައި ތިބޭ ދާއިމީ މެމްބަރުންގެ އަދަދު އިތުރުކޮށް، އޭގެ ތެރޭގައި ހިމެނުމަށް އަވަށްޓެރި އިންޑިއާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކަމަކު، ރާއްޖޭން ވެސް ތާއީދުކޮށްފައިވާ އެ ކަމަށް މި އަހަރުގެ އާއްމު މަޖިލީހުގައި ތާއީދު ނުލިބުމުން އަންނަ އަހަރު ގޮތެއް ނިންމޭތޯ މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
25 September 2016
އަޅެ ހަމަ މިމީހުންނައް ނުވިސްނެނީތަ ތިތަންތަނައް ކުރިމަތިލީވަރަކައް ބޮލުފޮށާއެޅުމުގެ ފުރުސަތު ބޮޑުވާނެ، ތިކަމާ ބަހުސްކުރާ ޖަލްސާތަކުގަވެސް ރާއްޖޭގަ ކަންކަން ހިގާގޮތާމެދުވާހަކަދެކެވޭނެ އަދި ކަންކަން ނޭގިތިބިމީހުންނައްވެސް އިތުރައް އޮޅުންފިލާނެ.
މޯރޗް
25 September 2016
އ.ދ އަތޮޅުގެ އަތޮޅު ކައުންސިލަށް ކުރިމަތި ލާ!!!
ޢަބްދުﷲނާފިޒު
25 September 2016
އަނެއްކާ އަނެއް ތަނަކަށް ބޯކޮއްޕާލަން ފައިނެގީ ދެއްތޮ ، ދެން މާދަމާ ރިޔާޒު ބުނާނެ ތިޔަތަނުން އަވަހަށް ވަކިވާށޭ، އހ.
ކުޑަހުވަދޫ މީހާ
25 September 2016
ތިޔަަަފަދަ މަޤާމަކަށް ކުފޫހަމައެއްނުވޭ.
ޏޯ
25 September 2016
މަހީކުރީ އދ އިން ވަކިވާން ކަމަށް ހުށަހަޅާނީ!
ވިސްނުން ރަނގަޅު
25 September 2016
ކޮބާ މައްސަލް އަކީ؟ ހަމަ ކުރިމަތިލާންވީ. ކިތަންމެ ކުޑައެއް ކަމަކު ބޮޑެތި ގައުމުތަކާއި ވާދަ ކޮށްލުމަކީ ގޯހެއްނޫން. ނުހޮވުނަސް އޯކޭ އޭ. ތަޖުރިބާ ކޮށްލަން ޖެހޭނެ. މިފަހަރު ކާމިޔާބު ނުވިއްޔާ އެހެން ފަހަރަކުން ކާމިޔާބު ވާނެ. އިންޑިއާ ވެސް ކިހާ ވަރަކުން އެއުޅެނީ އ.ދ. ގެ ސަލާމަތީ މަޖިލިސްގެ ދާއިމީ މެމްބަރަކަށް ވެވޭތޯ. އަދި ނުވިޔަސް ހަމަ އެ ކުރމަތި ލަނީ ނުން.
ބަތާމީ
25 September 2016
ތިކަމާދެކޮޅަށް ބަޔަކު ކެމްޕޭން ކުރަން ނިއުޔޯރްކް މަގުތަކުގައި ދުވާނަގާނެކަން ކަށަވަރު.
ށަކީލު
25 September 2016
ވަކިވާކަށް ނޫލެންތަ؟
އިންސައިޑަރ
25 September 2016
ރައީސް ޔާމީން ހަމަ ހަޤީގަތުގައިވެސް މެންބަރުންނަށް ދަންނަވަންވެއްޖެ އިންޓަރނޭޝަނަލް ރިލޭޝަންސް ގެ ކަންތައްތަކާ ބެހިވަޑައިނުގަނެ ތިބެން. ސަބަބަކީ، އައިއާރު އަކީ ވަރަށް ނާޒުކު އަދި ފަންނީ ބަޔަކު ނޫނިއްޔާ ބެހިގެން ގައުމުގެ ނިކަމެތިވެދާނެތީ. އަޅުގަނޑު ހަނދާން އެބަހުރި އައްބާސް އާދިލް އިންޑިޔާގެ ސަފީރާއި ދިމާލަށް 2012 ވަނަ އަހަރު ކީ އެއްޗެހި. އެއީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނަކަށްހުރެ މުޒާހަރާއެއްގެ ތެރޭގައި. އެހެން ކަންތައްތައް ހިނގުން އެއީ ވާންވާނެ ގޮތެއްނޫން.
ތެދު
25 September 2016
އެމެރިކާގެ ރައީސް ކަމައް ކުރިމަތި ލައިގެން ނަމަވެސް މަތި ޖެހޭތޯ ބަލާނެ.... އަދި ކޮބާ ސަލާމަތީ ކޮމިޓީއަައް ރާއްޖެ ހޮވިއްޖެޔާ ހާލަކީ... އަމިއްލަ ސަލާމަތް ފިޔަވާ އިތުރު ސަލާމަތެއެއް ދެން ތި ކޮމިޓީއަކު ނޯންނާނެ...