04 ނޮވެމްބަރ 2019 - 11:47
ކުރީގެ ދެ ސަރުކާރަކުން ނޫމަޑިއާ އެކު ހެދި ދެ އެގްރިމެންޓެއް ބާތިލްކުރުމުން، ކޯޓުން ބޭރުގައި އާ ސަރުކާރުން ބަދަލެއްގެ ގޮތުން 55 މިލިއަން ޑޮލަރު ދިން މައްސަލާގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ކުރި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވައި، ބައެއް ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ބައެއް ސުވާލުތަކަށް މުއިއްޒަށް ޖަވާބު ނުދެއްވުމުން، އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް އޭނާ ބަޔާން ދެއްވިކަމަށް، މި ސަރުކާރުގެ ބައެއް ބޭފުޅުން ކުރައްވާ ތުހުމަތަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބެ އެވެ.
ލަބީބު ސުވާލުކުރެއްވީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާން ހަވާލުކުރެއްވީ ކާކާތޯ އެވެ؟ އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ އެއީ ދަންނަ މީހެއް ނޫން ކަމަށެވެ.
އާބިޓްރޭޝަނަށް އޭނާ ފުރަތަމަ ދެއްވި ބަޔާނަށް ބަދަލު ގެންނަވާފައި ވާތީ، އެ ބަޔާން އަލުން މުއިއްޒާ ހަވާލުކުރީ ކާކުތޯ ވެސް އިލްޔާސް ސުވާލުކުރެއްވި އެވެ. މިފަހަރު ވެސް ކުރީގެ މިނިސްޓަރު ވިދާޅުވީ "ނޭނގޭ" ކަމަށެވެ.
ކޮމިޓީގައި އެ ނޫން ވެސް ބައެއް ސުވާލުތަކަށް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަދި އާބިޓްރޭޝަނަށް އޭނާ ބަޔާން ދެއްވި ގޮތާ ބެހޭ ގޮތުން ދެންނެވި ސުވާލުތަކަށް އައި ކުރު ޖަވާބުތަކާ ހިތްހަމަޖެހިވަޑައިނުގެންނެވުމުން، މަޖިލިހުގެ ކޮމިޓީގައި ޖަވާބުދާރީވާއިރު ކަން ކުރަންވާ ގޮތް، އިލްޔާސް ވަނީ ގާނޫނުއަސާސީއާ ހަވާލާ ދެއްވައި، ހަނދާންކޮށްދެއްވައިފަ އެވެ.
އެކަމަކު އޭގެ ފަހުން ވެސް، އާބިޓްރޭޝަނަށް މުއިއްޒުގެ ބަޔާން ގެންގޮސްދޭން މެދުވެރިވީ ކާކުތޯ ކުރެއްވި އެއްވެސް ސުވާލަކަށް، އޭނާ ތަފްސީލީ ޖަވާބެއް ނުދެއްވާ ހަމައެކަނި ވިދާޅުވަމުން ގެންދެވީ "ނޭނގޭ" ކަމަށެވެ.
އިލްޔާސްގެ ކުރިން، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އެދިވަޑައިގަތީ، އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނުގެ ކޮޕީއެއް އޭނާއަށް ލިބިވަޑައިގެންފާނެތޯ އެވެ. މުއިއްޒު ވިދާޅުވީ "އަޅުގަނޑުގެ އަތުގައި ނެތް" ކަމަށެވެ.
އަސްލަމް އެގޮތަށް އެދިވަޑައިގަތީ އޭގެ ކުރިން މުއިއްޒު ވިދާޅުވި ވާހަކައަކުންނެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭނާގެ ބަޔާނުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތަށް ވިދާޅުވުމުން، އަސްލަމް އެދިވަޑައިގަތީ އެ ބަޔާން އޭނާ ބައްލަވާ ލައްވަން ދެއްވަފާނަންތޯ އެވެ. ސިއްރެއްގެ ގޮތުގައި ބާއްވަން މުއިއްޒު އެދިވަޑައިގެންފި ނަމަ ސިއްރުކުރައްވާފާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އެކަމަކު މުއިއްޒު ވިދާޅުވީ އެ ބަޔާން އޭނާގެ އަތުގައި ނެތް ކަމަށެވެ.
ކޯޓުން ބޭރުގައި ބޮޑު އަދަދެއްގެ ބަދަލު މި ސަރުކާރުން ނޫމަޑި އަށް ދިނީ ފެށުނީއްސުރެ އެ އަމާޒަށް ދަމުން ގޮސް ކަމަށް، ޑރ. މުއިއްޒު ވަނީ، ކޮމިޓީގެ ކުރީކޮޅު ވިދާޅުވެފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އެ ބަދަލު ނުދީ އާބިޓްރޭޝަން ކުރިއަށް ގެންދިޔަ ނަމަ، އެ މަރުހަލާ ނިމޭ އިރު 200 މިލިއަން ޑޮޮލަރު ވެސް، ބަދަލުގެ ގޮތުގައި ދޭން ޖެހުނީހެވެ.
ނޫމަޑިއަށް އެވަރުގެ ބޮޑު ބަދަލެއް ދޭން ޖެހުނީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާނެއްގެ ސަބަބުން ކަމަށް، މިހާރުގެ ސަރުކާރުގެ ބައެއް ވެރިން ތުހުމަތުކުރައްވަ އެވެ. އެކަމަކު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ ހައުސިން މިނިސްޓްރީގައި މިދިއަ ސަރުކާރާއި މިހާރު ވެސް އުޅުއްވާ ބޭފުޅަކު ގަސްދުގައި އެ އަމާޒަށް ގެންދަންވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ބަދަލުގެ ބޮޑު ބައެއް ނިސްބަތްވަނީ ނޫމަޑިއާ އެކު ސޮއިކުރި ދެވަނަ އެއްބަސްވުމުގެ ދަށުން ރިސޯޓް ތަރައްގީކުރަން ދިން ދިއްފުށިމާދޫގެ އަގަށެވެ. އެކަމަކު ދިއްފުށިމާދޫ އަގުކުރުމުގައި ވެސް ހައުސިން މިނިސްޓްރީގެ "އެ ބޭފުޅަކު" މަސައްކަތްކުރެއްވީ ނޫމަޑިއަށް ފައިދާވާނެ ގޮތަށް ކަމަށް، މުއިއްޒު ތުހުމަތުކުރެއްވި އެވެ.
ނޫމަޑިއަށް ބަދަލު ދިނުމުގެ މައްސަލާގައި "ފެށުނީއްސުރެ ވަކި އަމާޒަކަށް ކުރިއަށް ގެންދިޔައީ. ސެޓްލްމެންޓް އެގްރިމެންޓް ދީގެން، ފައިސާ ދީގެން، އައުޓް އޮފް ކޯޓުން ނިންމާ ގޮތަށް އަމާޒުކޮށްގެން ގެންދިޔައީ،" އޭނާ ތުހުމަތުކުރައްވާ ބޭފުޅެއްގެ ނަން ހާމަނުކުރައްވާ، މުއިއްޒު ވިދާޅުވި އެވެ.
އޭގެ މިސާލެއް ދައްކަވަމުން އޭނާ ނެންގެވީ އެގްރިމެންޓް ބާތިލްކުރުމުން ދިއްފުށިމާދޫ އަަގުކުރި ގޮތެވެ. އާންމު އުސޫލުން ބަލާ ނަމަ ރަށެއް އަގުކުރާނީ ސަރުކާރުންނާއި އެރަށް ނެގި ފަރާތުންނެވެ. ދެ އަގު ނެގުމަށް ފަަހު ބައްދަލުވުމެއް ބާއްވައި، ދެ ފަރާތުން ވާހަކަ ދައްކައިގެން، އަގާ މެދު ގޮތްތަކެއް ނިންމަން ޖެހެ އެވެ. އެކަމަކު ދިއްފުށިމާދޫ އަގުކުރި އިރު، ހައުސިން މިނިސްޓްރީގެ އެ އޮފިޝަލް، ވާހަކަ ދައްކަވާފައި އޮތީ ނޫމަޑި ބޭނުންވާ ގޮތަށް، އެ ކުންފުނިން ގަބޫލުކުރާ އަގަށް އެކަން ނިންމަން ކަމަށް، މުއިއްޒު ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިއްފުށިމާދުއަކީ ބަޔަކަށް ހިލޭ ދޭ ވަރަށް ވުރެ ގުދުރަތީ ރީތިކަން ބޮޑު އަދި ބިން ވެސް ބޮޑު ރަށެކެވެ. އެހެންކަމުން އޭރުގެ ސަރުކާރުން އެރަށް ނެގީ، ސަރުކާރުގެ ބޭނުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޜެންދޫ
05 November 2019
ނަންވީ އެމް.ޑީ.ޕީ އެކަމު ހުރިހާކަމެއް ނިންމާފަ ދެކޮޅަށް ވަކާލާތުކޮށްފައި މިއޮތީ މުއިއްޒު...!!!
މޮހޮނު123
05 November 2019
މިއީ ދުވަހަކުވެސް ނިމުމެއް ނެތްކަމެއް ދޯ؟ މިކަން ނިމުމަކަށްގެންނަން ސަރުކާރުގެ ޤަވާޢިދުތައް ބަދަލުކޮށް، ކަރަޕްޝަނުގެ އެއްވެސް މައްސަލައަކާހުރެ، އެގްރިމެންޓެއް ބާތިލްކޮށްފިނަމަ، ސަރުކާރުން އެއްވެސްބަދަލެއް ދޭންނުޖެހޭގޮތަށްހަދަންވީ. އެހެންނޫނީ މިހާރު މިހަދާހެން، ރައްޔިތުންގެ ފައިސާ ރައްޓެހިންނަށް ބަހާ ހުސްކޮށްލަނީ. ނޫނީ ސަރުކާރުގެ ބައިވެރިންނަށްދީ ހުސްކޮށްލަނީ.
އެމްސް
05 November 2019
ވިދާޅުވީމަ ވިދާޅުވި ގޮތަކަށް ކަންކުރާމީހަކަށް މުޢިއްޒުވެސް ވެނިމުނީ، އެކަމަކު އެއީ ރަޢިއްޔަތުންނަށް ވެވޭ ވަރަށްބޮޑު ޙަރާމްކޯރެއް!
ޣުއިއްޒު
04 November 2019
ޥައްކަން ކޮށްފަ ބުނާނެ؟
ސަމަންދަރު
04 November 2019
މީ ޤާނޫނު އަސާސީއެއްވެސް ޤާނޫނެއްވެސް ތަބާވާ ހަމައެއް އިސޫލެއްވެސް ނެތް ޤައުމަކީތޯ؟ ބަޔަކު ހިތައްއެރި ގޮތަކަށް އެގުރިމެންޓެއް ހަދައިގެން ހައްޤުނޫން ފައިސާ އެތައް މިލިޔަނުން ބައިތުލްމާލުން ރައްޔިތުންގެ ފައިސާ ނަގާދޭން؟ އެގޮތަށް ފައިސާ ނަގާފަދޭ މީހުންނާއި ލިބިގަންނަ މީހުންނަށްވެސް އަދަބުދީ މިގައުމުގައި ވިޔަފާރި ކުރުންވެސް ހުއްވަންޖެހޭ. އެބަޔަކު އަތުން ހަރަދު ނުހިނގާ ފައިސާ އަށްވުރެ އެތެއްގުނަ ގެއްލުންވި ކަމަށް ނިންމަނީ އިންސާނީ ކޮން ހަމަޔަކުންތޯ؟
ާއަލިސް
04 November 2019
ލާރިގަނޑު ދީފަ ދެން ކީކުރުނަތޯ މީހުން ގެެނެސް ތި ސުވާލު ކުރީ. މިހާރުވެސް ތި މަޖިލިސް އޮތީ ބޮޑު ތަނުން ފެއިލްވެފަ
މަންނާ
04 November 2019
މިއަދު މެމްބަރުން ކުރެއްވި ސުވާލަށް ސާފު ބަހުން މުއީޒަށް ޖަވާބު ނުދެވުނުތަން ވަރަށް ރިއްޗަށް ފެނިގެންދިޔަ. މުޅިން ވެސް ސްޓޯރީ ޖެއްސީ. ދެން ކުރެއްވިކަމަކީ އެތަނުގައި ތިބި ޕީޕީއެމްގެ މެމްބަރުން ޖެއްސި ހަޑިހުތުރު އަމަލުތަކަށް ހިނިފުޅުވެޑުއްވީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
04 November 2019
ނޫމަޑި. ސޮވިސްގެ ގެއަކަށް ގުރޫޕެއް ވަދެ. ނޫމަޑީ ކަށި އުފުރަން އުޅުން. ނަފާވެރިން ޑިޖިޓަލް ޑޭޓާއިން ސީދާ ނޫމަޑީގެ އަގައިން ހާމަވެ ނިމިފަ އަދަދުވެސް އިގިފަ ވީމާ ވަޒީރަށް ބީރު ބޮލު ވަޒީރަށް ހަމަ ވީ ވަރުނޫންތޯ ވާނީ
ށ.އަތޮޅު މީހާ
04 November 2019
މަ ހީކުރީ މުޢިއްޒަކީ ވަރަށް ގަޓުހުރި މީހެއް ކަމަށް. އެކަމަކު މިހާރު އެނގިއްޖެ ތީ ބޮޑު ފިނޑިއެއްކަން.
މުއުއްޒުގެ
05 November 2019
ރ ޔާން ކައިރީގައި ތިބީ މުޅިންވެސް ފިނޑިންނާއި ވަގުން.
އިބްރާހީމް ހާއިލް
04 November 2019
ހައިލަމް ކަހަލަ ކޮރަޕްޓް ދެތިން ފަނޑިޔާރުން ވޯޓުލައިގެނެއްނޫނޭ ޔާމީނު ވެރިކަމުން ބޭލީ.. މިހާރުތިބި ގާޒީންނަށް އިންސާފު ހޯދައިނުދެވޭނެޔޭ ކިޔަމުން މިއަންނަކަން މީ ތެދެއްކަން އިތުރަށް ހާމަވެގެން މިދިޔައީ.. ހައިލަމް ޖެހޭނީ ވަކިކުރަން .. ތި ވަޒީފާ އަދާކުރެވެނެ މީހުން ބައިވަރު އެބަތިބި..