ވަރަށް ފަސޭހައިން ފެތުރޭ ވައިރެސްއެއް ހިމެނޭ ރާޒްބެރީގެ ބާވަތެއް ރާއްޖެ އެތެރެކޮށްފައި ވާތީ އެ ބާވަތް ބާޒާރުން ނަގަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެކަމަކު އެތަނުން ކުރި އިއުލާނެއްގައި ބުނީ އެ ބާވަތުގެ ރާޒްބެރީ ފޯރުކޮށްދީފައި ވަނީ ރިސޯޓުތަކަށް އެކަނި ކަމަށެވެ.
އެ ރާޒްބެރީތަކުގައި ހިމެނެނީ ފަސޭހައިން ފެތުރޭ އަދި ގައިން ގަޔަށް އަރާ ވައިރަަސްއެއް ކަމަށް ވާ "ނޮރޯވައިރަސް" އިން ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އާ ހަވާލާދީ އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ވަނީ މި ބާވަތުގެ ރާސްބެރީ އެތެރެކުރުމާއި ވިއްކުން ހުއްޓާލަން އަންގައިފަ އެވެ. އަދި ކާބޯތަކެތި އެތެރެކުރާ ފަރާތްތަކުން މި ބާވަތުގެ ރާޒްބެރީ އަށް ހާއްސަ ސަމާލުކަމެއް ދޭން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ނޮރޯވައިރަސް ހިމެނޭ ކާ އެއްޗެއް ނުވަތަ ދިޔާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ ބަނޑުގައި ރިއްސައި، ހޮޑުލެވި، ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވެ އެވެ. މި ވައިރަސް ހިމެނޭ މީހުންގެ ފަރާތުން ވެސް އެހެން މީހުންނަށް ފެތުރެ އެވެ.
ނޮރޯވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ކައިބޯތަކެއްޗާއި އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމެވެ.