މިނިސްޓަރު އިމްރާން ކުރީގެ ރައީސް ޔާމީންއާ ޖަލުގައި ބައްދަލުކުރައްވައިފި

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.


ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ، ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި އެތަނުގެ އާއްމު ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި ޔާމީންއާ ބައްދަލުކުރައްވައި އެ މަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވެވި ކަމަށް ބުންޏެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.

ހިތުގެ އާލާސްކަންފުޅެއްގައި ޔާމީން ހޮސްޕިޓަލުގައި ތިން ދުވަހު އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޔާމީނަށް ނޮވެމްބަރު 28، 2019 ގައި އިއްވި ފަސް އަހަރުގެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓުގައި މިއަދު ބާއްވާފައި ވެ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް މިިނިވަންކޮށްދޭން އެދުނަސް، ހައި ކޯޓުން ނިންމާފައި އޮތީ ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ނުކުރެވޭނެ ކަމަށެވެ.