ހުޅުމާލޭގައި އަޅާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.


އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،700 ފްލެޓު އަޅަނީ 11 ޓަވަރުގެ މައްޗަށް ކަމަށެވެ. ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން ހަދާ އެ ޓަވަރުތަކުގައި 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެ އެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 3،000 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެއް ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވެއްސެވެ. ދެ ވަނަ ފިޔަވަހީގައި 1،300 ހައުސިން ޔުނިޓު އަޅާނެ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް 6،860 ހައުސިން ޔުނިޓު އިމާރާތް ކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި އެ ތަންތަން ހެޔޮ އަގުގައި ދޫކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި އެވެ.