30 ޖުލައި 2020 - 18:38
ދުނިޔެމަތީގައި ދިމާވާ ކޮންމެ މުސީބަތާކާއި އިމްތިހާނެއްގެ ވަގުތުގައި ވެސް ގަޟާ ގަދަރަށް އީމާންވެ، ކެތްތެރިކަން އިސްކުރުމަށް ހައްޖު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
މި އަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާ ދެއްވީ ޝައިހް އަބްދުﷲ ބިން ސުލައިމާން އަލް މާނިއާ އެވެ.
މި އަހަރުގެ ހައްޖު ދުވަސް އިސްލާމީ އުއްމަތާ ބައްދަލުކުރި އިރު، މުޅި ދުނިޔެ އަށް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން، މި ފަހަރުގެ ހައްޖުގެ އަޅުކަން އާންމުކޮށް ހުޅުވައެއް ނުލަ އެވެ.
ހައްޖު ޚުތުބާ ވެސް ޚާއްސަކޮށްފައި އޮތީ މި ހާލަތުގައި ކެތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ފުރިހަމަ މުސްލިމަކަށް ވެވެނީ އީމާންކަން ފުރިހަމަ ކޮށްގެން ކަމަށާއި ގަޟާ ގަދަރަށް އީމާން ވުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށެވެ. މިފަދަ މުސީބާތްތަކަކީ ކޮންމެ ވަގުތެއްގައި ވެސް އިންސާނާ އަށް ކުރިމަތިވެދާނެ ކަމެއްކަން ދަނެ، އެ ކަންކަމަށް ފުރިހަމަ އަށް ތައްޔާރުވެ ތިބުމަށް ވެސް ހުތުބާގައި ގޮވައިލި ވެއެވެ.
މުސީބާތްތަކާ ދިމާވާ ވަގުތުގައި އެއީ މާތް ﷲ ކުރިމަތި ކުރައްވާ އިމްތިހާނެއްކަން ދަނެ ކެތްތެރިކަން އިސްކޮށް، ދުއާކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ.
ހުތުބާގައި ބުނީ މިފަދަ ބޮޑެތި ބަލިމަޑުކަންތަކުން ސަލާމަތްވެވޭނެ ގޮތްތައް އިސްލާމްދީނުގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ. ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ސާފުތާހިރުކަން ކަމަށާއި އެކަމަށް ދީނުގައި ބާރުއަޅާ މިންވަރު ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.
ގައިން ގަޔަށް އަރާ ފަދަ ބޮޑެތި އަދި ނުރައްކާތެރި ބަލިތައް ޖެހޭ މީހުން އަމަލުކުރަންވީ ގޮތް ވެސް ދީނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެފަދަ ބައްޔެއް ޖެހުމުން ވީހާ ވެސް އެކަކު އަނެކަކާ ދުރުން އަނެކާ އަށް އެބަލި ނުފޯރާނެ ހެން އުޅުމަށް ދީނުގައި އިރުޝާދުދެއްވާފައިވާ ކަމެއް ކަމަށެވެ.
ބޮޑެތި މުސީބާތްތަކުގައި އިގްތިސާދަށް އަންނަ ލޮޅުމަށް އިޝާރާތްކޮށް ހުތުބާގައި މި ހާލަތުގައި ވެސް ވިޔަފާރިން މަކަރުހަދައި ނާޖާއިޒް ފައިދާ ނަގަން އުޅުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށެވެ. އިގްތިސާދު ހެޔޮ ގޮތުގައި ކޮޅަށް ޖެހޭނީ ދީނާ ހިލާފް ނުވެ ހެޔޮގޮތުގައި އެކަން ކޮށްގެން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
ކޮވިޑް-19ގެ ބަލި މަޑުކަމުގައި މުޅި ދުނިޔެ އޮތް އިރު، މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ހަމައެކަނި ސައުދީގައި ތިބި މީހުންނާ އެކު އެވެ. ސައުދީގައި ދިރިއުޅެމުން އަންނަ ފަސް ދިވެއްސަކަށް މި އަހަރުގެ ހައްޖުގެ ފުރުސަތު ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy