ކޮވިޑާ ގުޅިގެން ބޭއްވި އޮންލައިން ނިއުސް ބްރީފިންއެއްގައި ބައެއް ނޫސްވެރިން ބައިވެރިވަނީ.
17 އޯގަސްޓް 2020 - 12:35
ނޫސްވެރިންނަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ހަރަކާތްތައް ހުއްޓިފައި އޮންނަތާ ވަރަށް ދުވަސް ފަހުން އަލުން ފަށަން ނިންމައިފި އެވެ.
މީގެ 11 އަހަރުކުރިން އުފެއްދި ޖަމިއްޔާ އިން ވަނީ ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އަޑުއުފުލައިފަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ އެމްޖޭއޭ އޮތީ ހުއްޓިފަ އެވެ.
އަލުން ހަރަކާތްތެރިވާން ނިންމައި އެމްޖޭއޭ އިން ރޭ ކުރި އިއުލާނުގައި ބުނީ ޖަމިއްޔާގެ ހަރަކާތްތައް އަލުން ފަށަން މަސްއޫލުވެރިން ނިންމާފައިވާ ކަމަށެވެ. އެއާއެކު އަންނަ މަހުގެ 13 ގެ ކުރިން، ހިންގާ ކޮމިޓީ އިންތިހާބުކުރަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން އަންގާފައިވާ ކަމަށް ބުންޏެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންލައިންކޮށް ބާއްވާ އާއްމު ޖަލްސާގަ އެވެ.
އެ ޖަލްސާގައި، ހިންގާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް އާއި ހިންގާ ސެކްރެޓަރީކަމާއި ބަޖެޓު ސެކްރެޓަރީ އަދި އާއްމު މެމްބަރުންގެ ތެރެއިން ދެ މެމްބަރުން އިންތިހާބުކުރާނެ އެވެ.
ޖަމިއްޔާ ހުއްޓިފައި އޮތުމުން އެމްޖޭއޭގެ ދަފްތަރު ބާތިލްކޮށް އަލުން ރަޖިސްޓްރީވާން ވަނީ އަންގައިފަ އެވެ. އެ ފުރުސަތު ދިވެހި ހުރިހާ ނޫސްވެރިންނާއި ފްރީލާންސްކޮށް ނޫސްވެރިކަމުގެ މަސައްކަތްކުރާ މީހުންނާއި ކޮންޓްރިބިއުޓާސް އާއި ފޮޓޯގްރާފަރުންނާއި ކާޓޫނިސްޓުންނާއި އާޓިސްޓުން އަދި އެޑިޓަރުންނަށް މި މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި ވެ އެވެ.
އެމްޖޭއޭގެ ހިންގާ ގަވާއިދު މިހާރު އޮތްގޮތުން އެ ކޮމިޓީ އެކުލެވިގެންވަނީ މުއައްސިސުން ހިމެނޭގޮތަށެވެ. އެކަމަކު ޖަމިއްޔާގެ ހިންގާ އާ ކޮމިޓީއަށް އިންތިހާބު ނުވެ އައުމުގެ ޝައުގުވެރިކަން އެއްވެސް މުއައްސިސަކު މިހާރު ނެތް ކަމަށާއި ހިންގާ ގަވައިދަށް ބަދަލު ގެންނަން މުއައްސިސުންގެ ފަރާތުން ކޮމިޓީއަށް ހުރިހާ އެއްބާރުލުމެއް ދޭން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy