ޕީކޭ (ކ) އާއި ޝަކީރާ ދެ ކުދިންނާ އެކު.
19 އޯގަސްޓް 2020 - 10:28
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އައި ފުރަތަމަ ސެލެބްރިޓީ ޖޯޑުގެ ގޮތުގައި ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއި އޭނާގެ އަންހެނުން ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިއްޔެ ޗުއްޓީ އަށް އަތުވެއްޖެ އެވެ.
އެ ދެ ތަރިން، ދެ ކުދިން ގޮވައިގެން ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރަނީ، އެނގިފައިވާ ގޮތުގައި "ވޮލްޑޯފް އެސްޓޯރިއާ" މޯލްޑިވްސް އިތާފުށީގަ އެވެ. "ވޮލްޑޯފް އެސްޓޯރިއާ" އަކީ ދުނިޔެ އަށް މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންގެ އެންމެ ލަގްޒަރީ އެއް ބްރޭންޑެވެ. މިދިޔަ އަހަރު ހުޅުވި އެ ރިޒޯޓުން ވަނީ ގިނަ އެވޯޑްތަކެއް ވެސް ހޯދައިފަ އެވެ.
ކޮންމެ އަހަރެއްގެ ފުޓްބޯޅަ ސީޒަނަށް ފަހު މަޝްހޫރު ކުޅުންތެރިން، ރާއްޖޭގެ ހުދު ގޮނޑުދޮށްތަކާއި ސާފު މޫދުން ހިތާއި ސިކުނޑި އަށް އަރާމުކަން ހޯދި ނަމަވެސް، ކޮވިޑުގެ ސަބަބުން އެކަން މި ފަހަރު އޮތީ މަޑުޖެހިފަ އެވެ. ދަތުރުފަތުރުކުރުމުގެ ތުރާތައް ބޮޑުކަމުންނާއި އަދި ވެސް އެންމެ ރައްކާތެރި މާހައުލެއް ނެތުމުން މަޝްހޫރު ގިނަ ކުޅުންތެރިން ޗުއްޓީ އަށް މިސްރާބު ޖެހީ ޔޫރަޕުގެ މަންޒިލްތަކަށާއި މެޑިޓްރޭނިއަން ކަނޑަށެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕްރައިވެޓް ޔޮޓެއްގަ އެވެ.
ފަހަރުގައި ޕީކޭ ރާއްޖޭގެ ހިތްގައިމު މާހައުލާ ދިމާލަށް މި މިސްރާބު ޖެހީ މި ފަހަރުގެ ޗުއްޓީގައި އޭނާ ފިލުވާލަން ޖެހޭ ހިތްދަތިކަން މާބޮޑުވުމުންނެވެ. އޭނާ ކުޅޭ ބާސެލޯނާ މި ފަހަރު ސީޒަން ހުސްއަތާ އެވެ. މިއީ 12 އަހަރަށް ފަހު ތަށްޓެއް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުން މި ހަފުތާގައި ކެޓީ ބަޔާން މިއުނިކް އަތުން 8-2 އިން ލަދުވެގި ގޮތަކަށް ބަލިވެ އެވެ.
ޕީކޭ އާއި ޝަކީރާ ފަދަ ދުނިޔެ އަށް މަޝްހޫރު ބަޔަކު މި ދަނޑިވަޅުގައި ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ވެގެންދާނެ ކަމެކެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމުން ފުރަތަމަ އެއް މަސް ދުވަހު ރާއްޖެ އައީ 5،177 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިއީ ނިސްބަތުން މަދު އަދަދެކެވެ.
މެންޗެސްޓާ ޔުނައިޓެޑުން ފާހަގަކުރެވުނު ޑިފެންޑަރު ބާސެލޯނާ އަށް ބަދަލުވެ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޕީކޭ އަމިއްލަ ވިޔަފާރި ވެސް އޮވެ އެވެ. އޭނާގެ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ގުޅިގެން، މަޝްހޫރު ޑޭވިސް ކަޕް އާ ފޯމެޓަކަށް ބާއްވަން ނިންމައިފަ އެވެ. ސްޕެއިނުގެ ދަށް ޑިވިޝަނުގެ ދެ ކްލަބެއްގެ މެޖޯރިޓީ ހިއްސާ ވެސް ޕީކޭ ވަނީ ގަނެފަ އެވެ.
"ހިޕްސް ޑޯންޓް ލައި" އާއި "ވެނޭވާ، ވެނޭވާ" ފަދަ މަޝްހޫރު ލަވަކިޔާފައިވާ ޝަކީރާ އުމުރުން 13 އަހަރުގައި 1991 ވަނަ އަހަރު ފުރަތަމަ އަލްބަމް ނެރުނު ފަހުން ވަނީ މިހާތަނަށް 11 އަލްބަމް ނެރެފަ އެވެ. އެންމެ ފަހުން ނެރުނީ 2017 ގައި "އެލް ޑޮރާޑޯ" އެވެ. ބައިނަލްއަގްވާމީ އެތައް އެވޯޑްތަކެއް ހޯދައި ޗާޓުތަކުގެ އެއް ވަނައިގައި ރެކޯޑްތަކެއް މުގުރާފައިވާ ޝަކީރާއާ ޕީކޭ ދިމާވީ، ޝަކީރާގެ އަޑުން ކިޔާފައިވާ 2010 ގެ ވޯލްޑް ކަޕުގެ ރަސްމީ ލަވަ "ވައްކާ ވައްކާ" ގެ މިއުޒިކް ވީޑިއޯ އުފެއްދުމުގެ ތެރެއިންނެވެ. ޖެހިގެން އައި އަހަރު ކައިވެނިކޮށް އެ ދެމަފިރިން ވަނީ މީގެ ކުރިން ވެސް ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކީ
20 August 2020
ޝާކިރާދައްތައަށް ވަރަށް ބޮޑަށް ތޭންކްޔޫ
ކަމަނަ2
19 August 2020
"ވެނޭވާ، ވެނޭވާ" ތަ ނޫނީ "ވެންއޭވާރ ވެންއޭވާރ”....؟؟
ނޭނގުނޭ
19 August 2020
ދެނޭވާ ދޭތެރެއިން ކިޔާއިރު ވެނޭވާ އާއި ވެންއޭވަރ ގެ މާބޮޑު ތަފާތެއް ނޯންނާނެ! ހެހެހެ
ސާބަހޭ
20 August 2020
އަދިވެސް ނުބައޭ. "ވެންއޭވަރ، ވެޔަރްއޭވަރ" ކިޔާނީ.
އާދަމް ބާއީ
19 August 2020
ތޭންކިއު ޝަކީރައްތާ.
ހޭހަން
19 August 2020
އާދޭ އާދޭ އެންމެން އާދޭ، ޖެހިލުން ނުވެމެ އެކަނިވެސް އާދޭ.
ޝާޑު
19 August 2020
އެކަނިއައުމަށްވުރެ ރަނގަޅުވާނީ ދެކަނި އައްޔާ. ދިވެހި ޒުވާނުންވެސް ނިކަން ލާނެއްވާނެ.
ރަދީފްއޮފިޝިއަލް
19 August 2020
ބިއެންވެނީދޯ މޯލްޑިވާސް.ރާއްޖެ އިޝްތިހާރުކުރުމަށް ވަރަށް ބޮޑު އެހީއަކަށް މިމީހުންގެ ދަތުރުވާނެކަން ކަށަވަރުވެ ޔަގީންވޭ.