ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް ބައްދަލުވުން ހޯމަ ދުވަހު

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ޕޮލިސީ ޑައިލޮގް ބައްދަލުވުމުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.


އޮންލައިންކޮށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކުރާނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ރާއްޖެއިން މެދުނުކެނޑި ކުރަމުން އަންނަ މަސަައްކަތާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ މަޝްރޫއުތަކާއި ޓްރޭޑް އެންޑް އިންވެސްޓްމެންޓްގެ އިތުރުން ޑިމޮކްރަސީ އާއި ގަވާނަންސް އަދި އިންސާނީ ހައްގުތައް ހިމެނެ އެވެ. އަދި ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކެބިނެޓްގެ އިތުރު މިނިސްޓަރުންނާއި ގުޅުންހުރި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުން ރާއްޖެއިން ކޯ-ހޯސްޓުކުރާނެ އެވެ.

އީޔޫގެ ޑެލިގޭޝަންގައި އިސްކޮށް ބައިވެރިވަޑައިގަންނަވާނީ އެތަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑެނިސް ޗައިބީ އެވެ.

މިއީ ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ އެކުވެރިކަން ކުރިއަރުވަން ބާއްވާ ބައްދަލުވުމެކެވެ. މީގެ އިތުރުން ރާއްޖެއާ އެކު ސީނިއާ އޮފިޝަލްސް ލެވެލް ބައްދަލުވުމެއް (އެސްއޯއެމް) ބާއްވަން ވެސް އީޔޫ އިން ވަނީ މިއަހަރު ކުރީކޮޅު ނިންމައިފަ އެވެ. އެސްއޯއެމްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަހަރުގެ ފެބްރުއަރީ މަހު، މާލޭގަ އެވެ.