އައްޑޫ ގަން އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމާއި ގަމުގައި ހަދާފައިވާ ސީ ޕްލޭސް ބޭސް ހުޅުއްވައިދެއްވުމަށް އަންގާރަ ދުވަހު ރައީސް އަބްދުﷲ ޔާމީން އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ގަމުގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހު މެންދުރު ފަހު އެވެ.
ގަން އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް، އާ ރަންވޭގެ އެއްބައި މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. މި މަސައްކަތްކޮށްފައި ވަނީ ޑެންމާކްގެ ހޯގާޑް ކުންފުނިންނެވެ.
ގަމުގައި ސީ ޕްލޭން ބޭސްއެއް ގާއިމުކޮށްފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އިންނެވެ. އެތަން އޮޕަރޭޓްކޮށް ހިދުމަތްދޭނީ ވެސް އެ ކުންފުނިންނެވެ.
ރައީސް އައްޑު އަށް ކުރައްވާ މި ދަތުރުފުޅާ ދިމާކޮށް ހައުސިން މިނިސްޓްރީން ވެސް އަންނަނީ ފޭދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެހެންވެ އެ ޖަލްސާގައި ބައިވެރިވެވަޑައިގެން، އައްޑޫގެ ތަރައްގީ އަށް ރާވާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް އެނގިފައިވެ އެވެ.
އޭގެ ތެރޭގައި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް މި ހަފުތާގެ ތެރޭގައި ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.