ޖުރުޝިޔާ އާއި އޭނާގެ ދަރިފުޅު އަދި ކޮއްކޮ--
03 މާޗް 2022 - 15:33
އުމުރުން 13 އަހަރުގެ, ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު ގޮވައިގެން ހަފްތާއަކު ތިން ހަތަރު ބުރަށް ޓްރީޓޮޕް ހޮސްޕިޓަލަށް ތެރަޕީ ނަގަން ދާންޖެހޭތީ ޖެރުޝިޔާ އިސްމާއިލް ނިޒާރު ސައިކަލެއް ކުއްޔަށް ނަގަން ސޯޝަލް މީޑިއާގައި ޖެހީ މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. ނުވަ އަހަރު ކުރިން ފެށިގެން އޭނާ ދުއްވަމުންދިޔަ ސައިކަލު ހަލާކުވެ އެތައް ފަހަރަކު ހަދައިގެން ވެސް ކުރިއަށް ދެވޭ ގޮތް ނުވެގެން ޕޯސްޓް ޖަހަން މަޖުބޫރުވީ އެވެ.
އެހީގެ ޕޯސްޓް ޖެހުމާ އެކު ސައިކަލު ފިހާރަ، "ލިޓަސް" އިން ލިބުނީ އޭނާގެ ބަހުން ނަމަ، ދުވަހަކު ވެސް ޝުކުރުވެރި ނުވެވޭނެ ވަރުގެ ހަދިޔާ އެކެވެ. އޭނާ ބޭނުން ވައްތަރެއްގެ ބޭނުން ކުލައެއްގެ ސައިކަލެކެވެ.
ޖެރުޝިޔާ، "މިހާރު" އަށް ބުނީ އެމްއެންޑީއެފްގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަތާ ހަފްތާއެއް ވިތަނާހެން ސައިކަލުގެ މައްސަލަ ވަރަށް ބޮޑުވި ކަމަށެވެ. ސައިކަލު ހަލާކުވެގެން އެތައް ފަހަރަކު ހަދަން ޖެހުނުއިރު އެކަމަށް މަހެއްގެ މައްޗަށް އެތައް ހޭދައެއް ކުރަންޖެހުމާއި ދަރިފުޅު ތަންތަނަށް އުފުލުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިފުޅަކީ ސެރެބްރަލް ޕަލްސީ ހުންނަ ކުއްޖެއް. ހިނގާބިނގާވެ އުޅެވެން ފެށީ ސާޖަރީ ހެދި ފަހުން. ސައިކަލު ހަލާކުވީމަ ސްކޫލަށް ވެސް ދާން ޖެހެނީ ހިނގާފައި. ސްކޫލުން އައިސް އަރަން ޖެހެނީ ހަތަރު ވަނަ ފްލޯއަށް ސިޑިން. ވަރަށް ބޮޑަށް އުނދަގޫވި ސައިކަލު ނެތީމަ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މާލޭގައި ދިރިއުޅުނަސް ކޮންމެ ފަހަރަކު ދަރިފުޅުގެ ތެރަޕީތައް ނެގުމަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ދަނީ ފިރިމީހާއަކީ އެމްއެންޑީއެފްގައި އުޅޭ މީހަކަށްވާތީ އެތަނުން ހިލޭ ތެރަޕީ ލިބޭތީ ކަމަށެވެ. އެކަމަކު މާލެއިން ޓެކްސީ ހޯދަން އުނދަގޫވުމާއި ކޮންމެ ފަހަރަކު ޓެކްސީގައި ދަތުރުކުރަން އެތައް ހަރަދެއް ދާނެތީ ސައިކަލެއް ނުހާދާ ވާން ނެތީ އެވެ.
ދަރިފުޅަށް ރަނގަޅަކަށް ނުއެއް ހިނގޭނެ. އެވަރުން ވެސް އަމީނިއްޔާ ސްކޫލުން ގެއާ ހިސާބަށް ދަނީ ހިނގާފައި. ގެއަށް އައިސް މައްޗަށް ވެސް އަރާނީ ހިނގާފައި. ވަރުބަލިވިޔަސް ޝަކުވާއެއް ނުކުރޭ. އެކަަމަކު އެނގޭ ވަރަށް ހާލުންކަން ވަރުބަލިވެފައިކަން އެހެރީ މޫނުމަތިން -- ޖެރުޝިޔާ
އެހީގެ ޕޯސްޓް ޖެހުމާ އެކު ސްކޫލުގައި އެކުގައި ކިޔެވި މީހަކު ގުޅާ، ލިޓަސްގެ މީހަކަށް ނަމްބަރެއްދީފައިވާ ކަމަށާއި އޭނާއާ ގުޅައިގެން ކުރިއަށް ދިއުމަށް އެދުނު ކަމަށް ބުންޏެވެ.
ލިޓަސް އިން ޖެރުޝިޔާއަށް ހަދިޔާކުރި ސައިކަލު--
"އެތައް ފަހަރަކު ހަދައިގެން ވެސް ސައިކަލު ރަނގަޅުނުވީ. ހަދައިގެން އަންނަތާ އެއް ދުވަހުން އެބަ ހަލާކުވޭ. ދެން ފިރިމީހާ ބޭރުގައި ހުރީމަ އޭނާ ރައްޓެހިންނަށް ގުޅައިގެން ސައިކަލު ރަނގަޅުކޮށްދޭން ފޮނުވާނެ. މިހާލުގައި އުޅެނިކޮށް ޕޯސްޓް ޖެހީމަ ރައްޓެއްސަކު ގުޅާފައި ބުނީ ލިޓަސްގެ މީހާއަށް ނަމްބަރުދީފީމޭ މެސެޖެއްކޮށްލަބަލާށޭ. އެމީހުން ވަރަށް އެހީވެޔޭ މީހުންނަށް،" އޭނާ ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު ފިރިމީހާގެ ކޮއްކޮއަކާ އެކު އޭނާ ދިޔައީ ލިޓަސްގެ އިސް މީހަކާ ބައްދަލުކުރުމަށެވެ. އޭނާގެ ހާލަތު ހުރި ގޮތް އެމީހުން އޮޅުން ފިލުވި އެވެ. ޖެރުޝިޔާއަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު ގޮވައިގެން އަދި އޭނާގެ މަންމަ ނިޔާވެފައިވާތީ އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ކޮއްކޮ ވެސް ބަލަމުން އަންނަ ޒުވާނެކެވެ.
މިވަގުތު ސައިކަލެއް ގަނެވޭނެ ފައިސާ ނެތް ކަމަށް ބުނުމުން ލިޓަސް އިން ނިންމީ ސައިކަލު ހިލޭދޭށެވެ. އޭގެ ހަފްތާއެއް ފަހުން އޭނާއަށް ސައިކަލު ލިޓަސް އިން ހަވާލުކުރީ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށް ހުރިހާ ކަމެއް ނިންމުމަށް ފަހު އެވެ.
ދަރިފުޅުގެ ތަކުލީފުތަކަށް ނިމުމެއް އައުމުން ޖެރުޝިޔާ ހުރީ ވަރަށް ބޮޑަށް އުފަލުންްނެވެ. ލިޓަސް އަށް އޭނާގެ ޝުކުރު ބަންޑުންކޮށްލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
04 March 2022
އަޅުގަޑަށް ވަޒީފާއެއް ލިޓަަސް އިން ދެވިދާނެތޯ. ޑިއުޓީ ގަޑީގަވެސް ދަރިފުޅު ބަލާ ސްކޫލްދޮށަށް ދެވޭނެގޮތަކަށް.
2022
04 March 2022
ލިޓަސް އަށް ޝުކުރިއްޔާ، ޖެރޫއަށް މަރުހަބާ. ޢެކަމަކު އަސްލު ހާލުގަ އުޅޭ ގިނަ މީހުންނަކީ ސޯސަލް މީޑިއާވެސް ބޭނުން ކުރާ މީހުނެއް ނޫން. އެހެން ވީމަ އުޅޭ ހާލެއްވެސް ނޭގޭނެތާ.
ކޫލް
04 March 2022
ލިޓަސް ޝުކުރު
ނޭންގެ
04 March 2022
ވަކި ހަސަދައެެއް ވެގެނެއްނޫން. އަޅުގަނޑަކީވެސް ނިކަމެތު އާއިލާ އަކަށް ނިސްބަތްވާ ކުއްޖަކީމު. އަޅުގަނޑަކީ ކިޔަވާ ދާއިރާގެ ގޮތުން ވަޒީފާ އަށް ދެވޭނެ ކުއްޖެއް ނޫން. ހަމަ ކޮންމެ ދުވަހަކު ހެނދުނު ހެންވޭރު ކޮޅުން މާފަންނު ކޮޅަށް މި ދަނީ ހިނގާފަ. އަޅުގަނޑުވެސް ސައިކަލެއް ވަރަށް ބޭނުންވޭ. އިންޝާ الله ކޮންމެވެސް ދުވަހަކުން ލިބޭނެ ☺️
އައިންތު
04 March 2022
ހާލުގަ އުޅޭ އެންމެނަށްވެސް ހައްގު. އެކަމު މޮޅެތި ކޮމެންޓުކުރުމުގެ ކުރިން ޖެރޫގެ އެންމެ ދުވަހެއްގެ ދިރިއުޅުމާ ތިބާގެ ދުވަހަކާ ކޮމްޕެއަރ ކޮއްލާފަ ކޮމެންޓުކުރަން ކެރޭތޯ ބަލާލަބަލަ ނިކަން
ޓަކުރު2022
04 March 2022
ޢަސްލު އެންމެ ހައްގު ވެރިޔާ ކަމަކަށް ނުބަލަން.. ސިފައިންގެއިން ރަނގަޅު އެހީތެރިކަމެއް ލިބުނީސް. މިކަންކޮށްދިނީތީ ވަރަށް އުފާވޭ.. އެކަމަކު މިއަށްވުރެ ހާލުގަ އުޅޭ މީހުން އެބަތިބި ސޯސަލް މީޑިއާގަ ނޫޅޭ.. ލިޓަސްއިން އެހީބޭނުންވާ މީހުން އެޕްލައި ކުރަން ބުނެފަ.. އޭގެން ބަޔަކު ހޮވަން ރަނގަޅު.. ވަރަށް ގިނަ ބަޔަކު އެޕްލައި ކުރާނެކަން ޔަގީން.. މިކަމާ ދެކޮޅަށް ކުރާ ކޮމެންޓެއް ނޫން މީ..
ޙަސަން އަޙްމަދު
04 March 2022
މަދެކެން ބޭރުގައުމުތަކުގެ މީޑިއާއިންވެސް ނިކަމެތިންނަށް އެހީ ލިބިފައިހުންނަ ޚަބަރު. އެޔަށް ކޮށްފަ ހުންނަ ކޮމެންޓުތައް ވެސް ދެކެން. އެކަމަކު ނިކަން ދެކިބަލަ ބައެއް ދިވެހިން ކޮށްފަ މިހުންނަ ހަސަދަވެރި ކޮމެންޓު. ނިކަމެއްޗަކަށް އެހީއެއް ލިބޭ ކޮންމެ ފަހަރަކު ދުނިޔޭގަ ދެންތިބި އެތައް މިލިޔަން ނިކަމެތިން ހަމަ އެފަދަ އެހީއެއް ނުލިބުނޭ ކިޔައި ޝަކުވާކޮށްފައެއް ނުހުރޭ. އެބުނާ ހުޅަނގުގެ ކާފަރުން ވެސް މިހާ އަޚްލާގު ދަށެއް ނޫން.
ނަސީމް
03 March 2022
މަގޭ ސައިކަލްވެސް ބާވެ ހަލާކުވެގެން މި އުޅެނީ ސްކޫލް ދޮށައްދާން ޖެހޭ ދުވާލަކު 6 ފަހަރު މަށަށްވެސް ކޮންމެވެސް މީހަކު ސައިކަލް ދޭންވީނޫންތޯ. އިރާދަކުރެއްވިޔާ ލިބޭނެ.
ނުރޯދަރި
04 March 2022
ނުރޯދަރިއަކަށް ކިރެއް ނުލިބޭނެ. މިހާރު ކަމަކަށްވާނީ ސޯޝަލް މީޑިއާގަ ޝައުގުވެރިކަން ހޯދައިގެން. ވަރަށްހިތާމަވެރި ފޮޓޯއަކާއެކު ޕޯސްޓެއް ޖަހާބަލަ، އެކަށީގެންވާ އަދަދަކަށް ލައިކު ލިބިއްޖެއްޔާ ތިކަން ވެދާނެ. ތިހެން ކީބޯޑު ކައިރީ އިނަސް އަދި ނުވާނެ.
ފާތިމަތު އަބްދުﷲ
03 March 2022
ދައްކަންޖެހޭ ރުފިޔާ އެއްވެއްޖިއްޔާ ދައްކައިފިން. އަޅުގަނޑުގެ ބައްޕައަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް. މަންމައަކީ ބަލި މީހެއް. އަޅުގަނޑު މީ ބޮޑަށް ހުރި މީހާ. އަޅުގަނޑާ ޖެހިގެން އަދި 18 ނުފުރޭ ދެކުދިން އެބަތިބި. އެމީހުން ބަލަން ހުރީވެސް ހަމަ އަޅުގަނޑު. ވަޒީފާއަށް ގޮސްގެން ލިބޭ މުސާރަ ކޮންމެ ދުވަހަކު ދަތުރަށް ދައްކާ އަޅުގަނޑު ބޭނުމަށް ހައްބަ ނެއްތާ މުކައްބަވެސް ނެތިފަ މިހުންނަނީ.
2022
04 March 2022
ސޯޝަލް މީޑިޔާއަށް އެގުނީމައޭ ވާނީ
ލިޓަސްއަށް ހެޔޮދުޢާ
03 March 2022
ލިޓަސް ގެ އޯނަރަށާއި ޢާއިލާއަށް ﷲގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވައި ވިޔަފާރީގައި ބަރަކާތް އިތުރު ކުރައްވާށި! އާމީން