ދުނިޔެ / ނައިޖީރިއާ

ނައިޖީރިއާގައި ތެޔޮ ސާފުކުރާ ގުދަނެއް ގޮވައި 100 މީހުން މަރުވެއްޖެ

ޖަނާޒާ ކުރިއަށް ދަނިކޮށް ބޯކޯ ހަރާމުން ހަމަލާ ދިން ސަރަހައްދުގެ ބައެއް ތަންތަން އަަނދާ ހުލިވެފައި. --ފޮޓޯ:އޭއެފްޕީ

24 އެޕްރީލް 2022 - 11:29

1 comments

ނައިޖީރިޔާގައި، ގާނޫނާ ހިލާފަށް ވަގަށް ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ގުދަނެއްގައި އަލިފާން ރޯވެ ގޮވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ނައިޖިރިޔާ ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގެ ދެކުނުގައި އޮންނަ ރިވާޒް ސްޓޭޓްގައި ބަޔަކު ވަގަށް ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ގުދަނެއްގައި ރޯވެ އެތަން ގޮވުމުގެ ސަބަބުން މަރުވި އެންމެން ވެސް ވަނީ، ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް އަނދައިފަ އެވެ.

ނައިޖީރިއާ އަށް ތެލުގެ މުއްސަނދިކަން ލިބިފައި ވިޔަސް، ފަގީރުކަމާއި ވަޒީފާ ނެތުމުގެ މައްސަލަ އެ ގައުމުގައި ވަރަށް ބޮޑެވެ. ފަގީރު އާއިލާތަކުގެ މީހުން ވަގަށް ތެޔޮ ސާފުކުރުމުގެ ވިޔަފާރި ހިންގަނީ، އެ ގައުމުގެ ތެޔޮ ކުންފުނިތަކުން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ ތެޔޮ ހޮޅިތައް ތޮރުފައިގެން، ސާފުނުކުރާ ތެޔޮ ވަގަށް ނަގައިގެންނެވެ.

މި ގޮތަށް ވަގަށް ނަގާ ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރާ، ގުދަންތަކާއި ޖިފުޓިތަކުގައި ވަރަށް ނުރައްކާތެރި ހާދިސާތައް ކޮންމެ އަހަރަކު ހިނގަ އެވެ. އެފަދަ ހާދިސާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު މަރުވެ އެވެ.

ރިވާޒް ސްޓޭޓްގައި ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޔޫތްސް އެންޑް އެންވަޔަރްމެންޓަލް އެޑްވޮކަސީ ސެންޓަރުން ބުނި ގޮތުގައި ތެޔޮ ސާފުކުރާ ގުދަނުގައި ރޯވެ އެތަން ގޮވި އިރު، އެ ގުދަނުން ވަގު ޕެޓްރޯލާއި ޑީސަލް ގަތުމަށް އެތައް ބައިވަރު އެއްގަމު އުޅަނދުތަކެއް ކިޔޫގައި އޮތެވެ. އެ ހުރިހާ އުޅަނދުތަކެއް ވެސް ވަނީ އެ ހާދިސާގައި އަނދައި އަޅިއަށް ވެފަ އެވެ.

ކުންފުނިތަކުގެ ތެޔޮ ހޮޅިތަކުން ވަގަށް ތެޔޮ ނަގައި، އެ ސާފުކުރުމުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި އުޅެނީ، ވަޒީފާ ނެތް ޒުވާނުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ތެޔޮ ސާފުކުރުމަކީ، ވަރަށް ނުރައްކާތެރި ހާދިސާތައް މެދުވެރިވާނެ ކަމެއްކަން ޒުވާނުންނަށް އެނގުނު ނަމަވެސް، ވަޒީފާ ނެތުމުގެ ސަބަބުން ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި، އެ މަސައްކަތް ކުރަން މަޖުބޫރުވަނީ ކަމަށް، އެ ސްޓޭޓްގެ ޒުވާނުން ބުނެ އެވެ.

ނައިޖީރިޔާ ސަރުކާރުން ބުނި ގޮތުގައި ތެޔޮ ސާފުކުރާ ގުދަން ގޮވުމާ ގުޅިގެން، އެ ގުދަނުގެ ވެރިމީހާ ވަނީ ފިލައިފަ އެވެ. އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައި، އެފަދަ އެހެން ގުދަނެއްގައި ރޯވެ ގޮވުމުގެ ސަބަބުން، ބައެއް ކުޑަކުދިން ވެސް ހިމެނޭގޮތަށް 25 މީހަކު ވަނީ މަރުވެފަ އެވެ. ތެޔޮ ވަގަށް ނަގައިގެން ސާފުކޮށް އޭގެ ވިޔަފާރި ކުރުން ހުއްޓުވުމުގެ ހާއްސަ ހަރަކާތެއް ފަށާފައިވާކަން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ސްޓޭޓްގެ ސަރުކާރުން އިއުލާންކުރި އެވެ.

އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދައި އިމްޕޯޓްކުރާ ގައުމު ކަމަށްވާ ނައިޖީރިޔާ ސަރުކާރުން ބުނާ ގޮތުގައި، ތެޔޮ ހޮޅިތަކުން ވަގަށް ތެޔޮ ނެގުމުގެ ސަބަބުން، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 200000 ފީފާ ސާފުނުކުރާ ތެޔޮ ގެއްލިގެން ދެ އެވެ. އެއީ އެ ގައުމުގައި ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

24 April 2022

ހިތާމަވެރި ހާދިސާއެއް. ﷲ މިފަދަ ހާދިސާތަކުން އެންމެން ރައްކާތެރި ކުރައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454