މުބާރާތުގައި ވާދަކުރި ޓީމް ނެއްލައިދޫ، އިހަވަންދޫއާ ވާދަކުރި މެޗަށް ނެރުނު ފުރަތަމަ 11. އިހަވަންދޫއާ ކުޅުނު މި މެޗަކީ އެޓީމުގެ ހަމައެކަނި ޕޮއިންޓްހޯދި މެޗު.-- ފޮޓޯ: އެފްއޭއެމް
03 ޖުލައި 2022 - 11:08
އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭގައި ވާދަކުރި ޓީމް ނެއްލައިދޫ، އެއްވެސް މެޗަކުން މޮޅު ނުވެވި ސީޒަން ނިންމާލަން ޖެހިއްޖެ އެވެ.
ލީގުގައި ނެއްލައިދޫ ކުޅުނު ފަހު މެޗުގައި އިއްޔެ ހަވީރު ދިއްދޫ ފުޓުބޯޅަ ދަނޑުގައި، އެ ރަށު ބީއެކްސް ސްޕޯޓްސް ކްލަބާ ވާދަކޮށް ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެންވެ ނެއްލައިދޫ ނިންމާލަން ޖެހުނީ ކުޅުނު އަށް މެޗުން ލިބުނު އެންމެ ޕޮއިންޓަކާ އެކު، ފަސް ޓީމު ވާދަކުރާ ގުރޫޕުގެ އެންމެ ފުލުންނެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ބީއެކްސް ސްޕޯޓްސް އަށް ލީޑު ނަގައިދިނީ ތައުމީން ނޫހް އެވެ. މޮޅުވާން މަސައްކަތްކުރި ޓީމް ނެއްލައިދޫ އަށް 25 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްދިނީ އަލީ މުއާޒެވެ. ނަމަވެސް އޭގެ 11 މިނިޓު ފަހުން ހުސެއިން ޝިފާހު ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިދީފަ އެވެ.
ދެވަނަ ހާފު ފެށިގެން ގާތްގާތުގައި ބީއެކްސް ސްޕޯޓްސްގެ އަހުޒަމް ރަޝީދު ވަނީ ދެ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު 55 ވަނަ މިނިޓުގައި ޖެހިއިރު، ދެވަނަ ލަނޑު ޖެހީ 60 ވަނަ މިނިޓުގަ އެވެ. ނެއްލައިދޫގެ ދެވަނަ ލަނޑަކީ، 79 ވަނަ މިނިޓުގައި ދިއްދޫ ބީއެކްސް ސްޕޯޓްސްގެ ރަހުމަތުﷲ އަބްދުއަރަހީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލީގުގައި މި ދެޓީމުގެ ފުރަތަމަ ބައްދަލުވުން، ދިއްދޫ ބީއެކްސް ސްޕޯޓްސް ކާމިޔާބުކުރީ 6-0 އިންނެވެ.
ބީއެކްސް ސްޕޯޓްސް ވަނީ މި ނަތީޖާއާ އެކު، ބާކީ އެއް މެޗު އޮއްވައި ގުރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު ކުޅުނު ހަތް މެޗުން ވަނީ 19 ޕޮއިންޓް ހޯދައިފަ އެވެ. އަދި ބީއެކްސް އަކީ މިހާތަނަށް މި ގުރޫޕުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.
ދެވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓް ހޯދައިފައިވާ ކުޅުދުއްފުށީ ޒިގްޒެގް އެވެ. ހަނިމާދޫ ދަނޑުގައި އިއްޔެ ޒިގްޒެގާއި އިހަވަންދޫ ކްލަބް ޕޯލްސްޓާ ބައްދަލުކުރަން އޮތް ނަމަވެސް، މޫސުން ގޯސްވެ ދަތުރުކުރަން އުނދަގޫވުމުގެ ސަބަބުން އެ މެޗު ވަނީ ފަސް ކޮށްފަ އެވެ.
ނޯތު ލީގުގެ ޓީމުތައް ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު، އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ އެވެ. ހއ. އަދި ހދ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް އޭ އިން ދިއްދޫ ބީއެކްސް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ވަނީ ޕްރޮމޯޝަން ޔަގީން ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެފިޔުޖީ
04 July 2022
ތި މުބާރާތަކީ ވަކިބަޔަކު ކުޅެންވެގެން ބައިވެރިވި މުބާރާތެއް. ކައުންސިލްކަޕްގެ ވަކިޓީމަކަށް ފައިދާޔަށް، ކުޅުނުމުބާރާތެއް. ރަށުލޯބީގަ ރަށަށްރީތިނަމެއްހޯދާދޭކަށްނޫން.
ޓީމް
04 July 2022
މުބާރާތް ބާއްވާ ދިއްދޫ ގަ ވަރަށް އިންތިޒާމް ތަށް ވަރަށް ދަށް ދިއްދޫ ކައުންސިލް ފަހަތުން އަބަދު ދުވަން ޖެހެނީ ހަނިމާދޫ ވަރަށް ފުރިހަމަ