ކުޅިވަރު / ރާޅާއެޅުން

"ހުރާކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަންކަމާ އެކު އަންމަޑޭ ރާއްޖޭގެ އެއްވަނަ އަށް

އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އަންމަޑޭ، އެމްއެސްއޭ މީޑިއާއާ ވާހަކަ ދައްކާލަނީ.--

ފައިނަލުގައި ޖޫނިއާ ޗެމްޕިއަން ޝާނިފް ޝަފީގާ ވާދަކޮށް، ރ. ކިނޮޅަހު "ހުރާކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަނަކީ ވެސް، ކ. ތުލުސްދު އަށް އުފަން އަންމަޑޭ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ގައުމީ ރޭންކިންގެ ދެވަނަ އަށް ޖެހިލި އަންމަޑޭ، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ އެކު ވަނީ އެއްވަނަ އަށް އަރައިފަ އެވެ.

އަންމަޑޭއާ ދެކޮޅަށް ފައިނަލުގައި ނުކުތުމުގެ ވަގުތުކޮޅެއް ކުރިން ޝާނިފް ވަނީ، ޖޫނިއާ ޑިވިޝަނުގެ ފައިނަލް ހީޓު ކާމިޔާބުކޮށް އެ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖޫނިއާ ކެޓެގަރީގެ ފައިނަލް ހީޓަށް ފަހު، އޯޕަން ޑިވިޝަނުގެ ފައިނަލުގައި ޝާނިފް ވަނީ، ތަޖުރިބާކާރު އަންމަޑޭއާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފަ އެވެ.

އަންމަޑޭ ވަނީ ފައިނަލުގައި ޝާނިފްއާ ދެކޮޅަށް 10 ރާޅު އަޅައިފަ އެވެ. މިއީ އަންމަޑޭ މި މުބާރާތުގައި އެންމެ ގިނަ ރާޅާ އެޅި ހީޓެވެ. ފުރަތަމަ ފަސް ރާޅުން 11.6 ޕޮއިންޓް ހަމަކޮށްގެން އަންމަޑޭ ކުރީގައި އޮތް ނަމަވެސް ޝާނިފް ވަނީ ހިތްވަރުކޮށް، ރަނގަޅު ރާޅުތަކަކާ އެކު 8.5 ޕޮއިންޓް ހަމަކޮށް، ފަރަގު ކުޑަ ކޮށްފަ އެވެ. މިއާ އެކު އަންމަޑޭ އަށް އޭނާގެ ރާޅުތަކުގެ ސްކޯ މަތިކުރަން މަޖުބޫރުވި އެވެ.

ނަތީޖާއެއްގެ ގޮތުން ހީޓުގެ ފަހު ރާޅުގައި އަންމަޑޭ 6.83 ޕޮއިންޓް ހޯދައިގެން ޖުމްލަ ސްކޯ، 12.93 ޕޮއިންޓަށް ބަދަލު ކޮށްލި އެވެ. ޖުމްލަ ނުވަ ރާޅު އެޅި ޝާނިފް އޭނާގެ ފަހު ރާޅުގައި ހޯދި 4.70 ޕޮއިންޓާ އެކު ހީޓް ނިންމާލީ، ޖުމްލަ 9.03 ޕޮއިންޓް ހަމަކޮށްގެންނެވެ.

އަންމަޑޭ އާއި ޝާނިފް ވެސް ފައިނަލް ހީޓަށް ފަހު ތިބީ، ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ސެމީ ފައިނަލުގެ ހީޓު ކާމިޔާބު ކުރުމަށް ފަހު ޝާނިފް ވަނީ، ފައިނަލުގައި އޭނާ ވާދަކުރަން ބޭނުން ވަނީ ވެސް އަންމަޑޭއާ ދެކޮޅަށް ކަމަށް ބުނެފަ އެވެ.

އޯޕަން ޑިވިޝަނުގެ ފައިނަލް ހީޓް ނިންމާލުމަށް ފަހު ރަނަރަޕް ޝާނިފް، އެމްއެސްއޭ މީޑިއާއާ ވާހަކަ ދައްކާލަނީ.--

ފައިނަލަށް ފަހު ޝާނިފް ވަނީ އޭނާއާ އެއް ރަށަކަށް؛ މ. މުއްޔަށް ނިސްބަތްވާ ރާޅާއެޅުންތެރިޔާ އައިހަމް އަދުނާނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފަ އެވެ. ޝާނިފް ބުނި ގޮތުގައި ރާޅާއެޅުމުގައި އައިހަމް ވަނީ އޭނާއަށް ގިނަ މެނޫވާތަކެއް ހަދަން ދަސްކޮށްދީފަ އެވެ.

"ހާއްސަކޮށް އައިހަމް [އަދުނާން] އަޅުގަނޑަށް ދަސްކޮށްދިނީ ހުރިހާ މެނޫވާސް ތަކެއް ރަނގަޅަށް ހަދަން. އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ސާފިންގައި ސީނިއާ ގައުމީ ރޭންކިންއަށް ގުނާ މުބާރާތެއްގެ ދެވަނަ ހޯދުމަށް ފަހު ޝާނިފް ބުންޏެވެ.

އޯޕަން ޑިވިޝަނުގެ ހީޓްތައް މިއަދު ފެށީ ކުއާޓާ ފައިނަލާ ހަމައިންނެވެ. ފޯރިގަދަ ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި އަންމަޑޭ ވަނީ، ރޭންކިން 10 ވަނައިގައި އޮތް، ހަމަ އެރަށު އާދަމް މުއީން އިބްރާހިމާއި، ރޭންކިންގެ އެއްވަނައިގައި އޮތް ގދ. ގައްދޫ ނަޖާހު މުހައްމަދު (ކަނބޯ) އާ ވާދަކޮށް، 11.76 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. އެ ހީޓުގެ ދެވަނަ ހޯދައިގެން ސެމީގެ ޖާގަ ހޯދީ މުއީން އެވެ. މުއީން ދެވަނަ ހޯދީ ޖުމްލަ 9.50 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ނިންމި ނަޖާހަށް ލިބުނީ 9.40 ޕޮއިންޓެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި އެއްވަނަ ހޯދީ 9.10 ޕޮއިންޓް ހޯދައިގެން ޝާނިފް އެވެ. ޝާނިފްގެ ފަހަތުން ދެވަނައިގައި ނިންމައިގެން ސެމީ އަށް ދަތުރުކުރީ އަބްދުﷲ އަރުޝަދު (އަރޫ ރޯސް) އެވެ. އަރުޝަދަށް ވަނީ 8.36 ލިބިފަ އެވެ. އަރުޝަދަދުގެ ފަހަތުން، 7.54 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ނިންމީ ރޭންކިންގެ ހަ ވަނައިގައި އޮތް ޖިނާން އަހުމަދު (ޖިނޫ) އެވެ.

ސެމީ ފައިނަލުގައި އަންމަޑޭ ވަނީ އަރުޝަދާ ވާދަކޮށް 11.33 ޕޮއިންޓާ އެކު، 4.6 ޕޮއިންޓުގެ ތަފާތަކުން ހީޓް ކާމިޔާބު ކޮށްފަ އެވެ. ޝާނިފް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި މުއީންއާ ވާދަކޮށް 8.50 ޕޮއިންޓް ހަމަކޮށްގެންނެވެ. މުއީން އަށް ލިބުނީ 6.60 ޕޮއިންޓެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ފަސް މުބާރާތެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ތިން މުބާރާތް ކާމިޔާބު ކާމިޔާބުކަމާ އެކު ނިންމާލައިފައި ވާއިރު، ހަތަރު ވަނަ މުބާރާތް ބާއްވާނީ، އަންނަ އޮކްޓޫބަރު މަހު ކ. ހިންމަފުށީގަ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް

06 July 2022

އަންމަޑޭ ގެ ކާމިޔާބީއަށް މަރުހަބާ ދަންނަވަން އަދަށްވުރެ ފެހި މާދަމާއެއް ﷲ މިންވަރު ކުރައްވާށި

The name is already taken The name is available. Register?

ޖައި

05 July 2022

ސާބަސް އައްމަޑޭ. ތުލުސްދޫ ފަހުރުވެރިވާ ދަރިއެއް. ތިގޮތުގައި ދެމިހުރުމަށް މަސައްކަތްކުރާތި.

The name is already taken The name is available. Register?

ހަބޭސް ބާއީ

05 July 2022

މަރުހަބާ އައްމަޑޭ!!!!!!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454