ކުޅިވަރު / އެލެކްސިސް ސަންޗޭޒް

ސަންޗޭޒް ފްރާންސްގެ މާސޭ އަށް ބަދަލުވެއްޖެ

މާސޭ (އޮގަސްޓް 10) - އިންޓަ މިލާން ދޫކޮށްލުމަށް ފަހު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް، ހިލޭ ޓްރާންސްފާގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މާސޭ އަށް ސޮއި ކޮށްފި އެވެ.

މިދިޔަ ސީޒަނުގައި އިންޓަ އާއެކު އޭނާއަށް ލިބޭ ފުރުސަތުތައް މަދުވުމުން، ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދަން ވެގެން ސަންޗޭޒް ވަނީ، ދެފަރާތް އެއްބަސް ވެގެން މިދިޔަ ހޯމަ ދުވަހު އިންޓަ އާއެކު އޮތް ކޮންޓްރެކްޓް އުވާލައިފަ އެވެ. އަދި އޭނާ އިންޓަ ދޫކޮށްލުމުގެ ކުރިން ވެސް މާސޭ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ.

އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ސަންޗޭޒް އެންމެ ފުރަތަމަ އިންޓަ އާ ގުޅުނީ 2019 ވަނަ އަހަރު، ލޯނު އުސޫލުންނެވެ. ލޯނު އުސޫލުން އެއް ސީޒަން ކުޅުމަށް ފަހު އިންޓަ އިން ވަނީ ޖެހިގެން އައި ސީޒަނަށް ހިލޭ ޓްރާންސްފާގައި އޭނާގެ ކޮންޓްރެކްޓް ދާއިމީ ކޮށްފަ އެވެ.

އުމުރުން 33 އަހަރުގެ ސަންޗޭޒް ވަނީ އިންޓަ މިލާނުގައި ކުޅުނު ތިން ސީޒަނުގައި ޖުމްލަ 109 މެޗު ކުޅެ 20 ގޯލު ޖަހައިފަ އެވެ. ހަމަ އެއާ އެކު އިންޓަ އިން 11 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީއޭ ކާމިޔާބު ކުރި ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރުމުގެ އިތުރަށް އޭނާ ވަނީ އިންޓަ ގައި ކޮޕާ އިޓާލިއާ އާއި އިޓާލިއަން ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ޗިލީގެ ޕްރިމިއާ ޑިވިޝަނުގައި 2005 ވަނަ އަހަރު ކުޅެން ފެށި ސަންޗޭޒް ވަނީ ޔޫރަޕަށް ބަދަލުވުމުގެ ކުރިން އާޖެންޓީނާގެ ރިވަ ޕްލޭޓަށް ވެސް އެއް ސީޒަން ކުޅެދީފަ އެވެ. ޔޫރަޕުގައި އޭނާ އެންމެ ފުރަތަމަ ކުޅެން ފެށީ ސެރީއޭގެ އުދިނޭޒީ އަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ސަންޗޭޒް ވަނީ އާސެނަލް އާއި ސްޕެއިންގެ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.

ޗިލީ ގައުމީ ޓީމާ އެކު ދެ ފަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކުރި ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 148 މެޗު ކުޅެދީ، 48 ލަނޑު ޖަހައިދީފަ އެވެ.

ސަންޗޭޒްގެ އިތުރުން އިންޓަ އިން ވަނީ އެޓީމުގެ އިވާން ޕެރިސިޗާއި އާތޫތޯ ވިޑާލް ވެސް ދޫކޮށްލައިފަ އެވެ. ނަމަވެސް އެޓީމުން ވަނީ ޑިފެންޑަރު ރޮބިން ގޮސެންސް އާއި ފޯވާޑް ޔަކީން ކޮރެއާގެ ލޯނު ކޮންޓްރެކްޓް ދާއިމީ ކޮށް، ހިލޭ ޓްރާންސްފާ ގައި ގޯލްކީޕަރު އަންޑްރޭ އޮނާނާ އާއި މިޑްފީލްޑަރު ހެންރިކް މިކިތާރިއަންގެ ސޮއި ހޯދައިފަ އެވެ. އަދި އެޓީމުން ވަނީ ލޯނު އުސޫލުން ފޯވާޑް ރޮމެލޫ ލުކާކޫ ވެސް ގެނެސްފަ އެވެ.

މާސޭ އިން ވަނީ މިދިޔަ ސީޒަނުގައި އާސެނަލްގެ ލޯނު އުސޫލުން އެޓީމަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު މަޓެއޯ ގުއެންޑޯޒީގެ ކޮންޓްރެކްޓު ދާއިމީ ކޮށްފަ އެވެ. ހަމަ އެއާ އެކު މިދިޔަ ސީޒަނުގައި ލޯނު އުސޫލުން އެ ޓީމަށް ކުޅުނު ރޯމާގެ ގޯލްކީޕަރު ޕައު ލޮޕޭޒް އާއި ފޯވާޑް ސެންގިޒް އުންޑާގެ އިތުރުން ނަޕޯލީގެ ފޯވާޑް އާކާޑިއުސް މިލިކް ގެ ކޮންޓްރެކްޓު ވެސް ވަނީ ދާއިމީ ކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ފްރާންސް ލީގު ދެވަނައިގައި ނިންމި މާސޭ ވަނީ، މި ސީޒަނުގައި ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ރެއިމްސް އަތުން 4-1 އިން މޮޅު ވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454