ވިލާ ކޮލެޖުގެ ޖެނުއަރީ މަހުގެ އިންޓޭކަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ވިލާ ކޮލެޖް
08 ނޮވެމްބަރ 2022 - 07:30
ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކުގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މި އިންޓޭކުގައި އެކި ދާއިރާތަކުން 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ.
އެ ކޮލެޖުން ބުނި ގޮތުގައި، ޖެނުއަރީ މަހުގެ އިންޓޭކުގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޑުއެޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ނުވަ ކޯހަކާއި، ޑިގްރީ ފެންވަރުގެ 39 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި، ސެޓްފިކެޓް ލެވެލް ތިނެއްގެ 16 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ދެއެއްގެ ކޯހެއް ހިމެނެ އެވެ.
އެކައުންޓްސް ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް އޭސީސީއޭގެ އެކި ފެންވަރުގެ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ޖެނުއަރީ އިންޓޭކުގައި ހުޅުވާލައި ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔަވައިދޭ ކޯސްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ އަންނަ އަހަރުގެ ޖެނުއްރީ މަހުގެ އިންޓޭކަށް ހުޅުވާލުމެ ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: ވިލާ ކޮލެޖް
މިބުރުގެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާ އެކު، އިނގިރޭސިވިލާތުގެ މަޝްހޫރު، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، ސިނާޔަތްތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކެވެ.
މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގައި ހުރި ކެމްޕަސްތަކުގައި ވެސް ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޯސްތަކުގެ ކިޔެވުން ޖެނުއަރީ މަހުގެ ދެ ވަނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި، ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކޮށްފަ އެވެ. އަދި ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ކިޔެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy