ސައޫދީ ގޯލްކީޕަރު އުވެއިސްގެ ކަކުލުން އަލް-ޝަހްރާނީގެ މޫނާއި ބަނޑުގައި ޖެހޭ މަންޒަރު. --ފޮޓޯ: އޭއެފްޕީ
24 ނޮވެމްބަރ 2022 - 13:16
ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގައި އަންގާރަ ދުވަހު އާޖެންޓީނާ އަތުން 2-1 އިން ސައޫދީ އަރަބިއްޔާ މޮޅުވި މެޗުގައި ސީރިއަސް އަނިޔާތަކެއްވި ސައޫދީ ޑިފެންޑަރު ޔާސިރު އަލް-ޝަހްރާނީގެ ބަނޑުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
އަލް-ޝަހްރާނީ އަށް އަނިޔާވީ، ސައޫދީގެ ގޯލްކީޕަރު މުހައްމަދު އަލް-އުވައިސް ބޯޅަ ހިފަން އެރި ވަގުތު އޭނާގެ ކަކުލުން ޖެހިފަ އެވެ. ވާތު ކަކުލުން ޖެހި އަލް-ޝަހްރާނީގެ މޫނަށް އަނިޔާވިއިރު ކަނާތު ކަކުކުން ޖެހުނީ ބަނޑުގަ އެވެ. އޭނާގެ މޫނުގެ ކަށިތަކުގައި ރެނދުލައި، އެތެރެއަށް ވަނީ ލޭ އެޅިފަ އެވެ.
އަލް-ޝަހްރާނީ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ދޯހާގެ ހަމަދު މެޑިކަލް ސިޓީ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިއްޔެ ހެނދުނު އޭނާ ވަނީ ސައޫދީގެ ވެރިރަށް ރިޔާދަށް ގެންގޮސްފަ އެވެ. އޭނާގެ އޮޕަރޭޝަންކުރީ ރިޔާދޫގެ ނެޝަނަލް ގާޑް ހޮސްޕިޓަލުގަ އެވެ.
އަލް-ޝަހްރާނީ ފަރުވާއަށް ޕްރައިވެޓް ޖެޓެއްގައި ޖަރުމަނަށް ފޮނުވަން ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު ސަލްމާން ބިން މުހައްމަދު އެންގެވި ކަމަށް ވާހަކަ ފެތުރުނު ނަމަވެސް އެއީ ދޮގެކެވެ.
އޮޕަރޭޝަނަށް ފަހު ވެސް އަލް-ޝަހްރާނީ އޮބްޒަވޭޝަނުގައި ހޮސްޕިޓަލުގައި ގިނަ ދުވަހު ބާއްވާނެ އެވެ. އެހެންވެ އޭނާ އަށް ދެން މި މުބާރާތުގައި ނުކުޅެވޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު އޭނާގެ ކެރިއަރު މިހިސާބުން ނިމުނީ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.
އަލް-ޝަހްރާނީ އަށް އަނިޔާވުމާ އެކު ސައޫދީ ކީޕަރު އުވެއިސް އަށް ނަފުސާނީ ގޮތުން އަސަރުކޮށް ވަގުތުން ބިންމަތީ އިށީނދެވުނެވެ. އޭނާ ތެދުވީ، އަލް-ޝަހްރާނީ އަތުގެ އިޝާރާތުން ބަރާބާރު ކަމަށް ބުނުމުންނެވެ.
ސައޫދީގެ އަލް-ހިލާލް އަށް ކުޅޭ އުމުރުން 30 އަހަރުގެ ޑިފެންޑަރު ވަނީ އާޖެންޓީނާގެ ވަރުގަދަ އެޓޭކްތައް ހުއްޓުުވުމުގައި އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތާރީހީ އެ މޮޅާ އެކު، ސައޫދީ ވެފައިވަނީ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ މައްޗަށް އެ މުބާރާތުގައި ކުރި ހޯދި އޭޝިއާގެ ފުރަތަމަ ޓީމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy