މޮރޮކީ އިން ވޯލްޑް ކަޕް ގައި ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގެ ރައީސް ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ މައިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ
21 ޑިސެމްބަރ 2022 - 13:00
ރަބާތު (ޑިސެމްބަރު 21) - މި އަހަރުގެ ފީފާ ވޯލްޑް ކަޕް ގައި މޮރޮކޯ އިން ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގެ ރަސްގެފާނު މުހައްމަދު ހަ ވަނަ، ޝާހީ ގަނޑުވަރުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ މައިންނާ ބައްދަލު ކުރައްވައިފި އެވެ.
މި އަހަރުގެ ވޯލްޑް ކަޕް ގައި މޮރޮކޯގެ ޓީމުން ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް އެ ގައުމުގެ ކުޅުންތެރިންނާއި ކޯޗު ވަނީ އެމީހުންގެ މައިންނަށް ކުރާ ގަދަރާއި، އޮތް ކުލުނު ވަރަށް ބޮޑަށް ދުނިޔެއަށް ދައްކާލައިފަ އެވެ.
ވަލީ އަހުދު މައުލޭ އެލް ހަސަން އާއި ޕްރިންސް މައުލޭ ރާޝިދާ އެކު ރަސްގެފާނު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން، ޓީމުގެ ކޯޗު ވަލީދު ރެގްރަގީ އާ ވެސް ބައްދަލު ކުރައްވައި، ރޯޔަލް ވިސާމް (މެޑަލް) ހަވާލު ކޮށްދެއްވައިފަ އެވެ.
ރަސްގެފާނު ވަނީ މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ ލެކްޖާ އާއި ކޯޗު ވަލީދު ރެގްރަގީ އަށް ދެ ވަނަ ދަރަޖައިގެ، އޯޑާ އޮފް ދަ ތްރޯން ވިސާމް (ކޮމާންޑަރު) ގެ ލަގަބް އަރުވައިފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ވަނީ ތިން ވަނަ ދަރަޖައިގެ، އޯޑާ އޮފް ދަ ތްރޯން ވިސާމް (އޮފިސަރު) ގެ ލަގަބް އަރުވައިފަ އެވެ.
ޓީމުގެ ކުޅުންތެރިންނާއި ސްޓާފުން ވެސް ވަނީ ވޯލްޑް ކަޕް ގައި ރަސްގެފާނުގެ ފަރާތުން ޓީމަށް ވެދެއްވި އެހީ އާއި ސަޕޯޓް ފާހަގަކޮށް، ހަދިޔާ އަރުވައިފަ އެވެ. މޮރޮކޯ އިން ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި ސްޕެއިން ބަލިމުކުރުމާ ގުޅިގެން ރަސްގެފާނު ވަނީ، މޮރޮކޯ ޖާޒީ ތުރުކުރައްވައިގެން އެ ގައުމުގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ.
މޮރޮކޯ ޓީމުން ވޯލްޑް ކަޕް ގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޕެރޭޑްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި އެންމެ ފުރަތަމަ އެފްރިކާ/ އަރަބި ގައުމުގެ ގޮތުގައި މޮރޮކޯ މުބާރާތް ނިންމާލީ ހަތަރު ވަނައިގަ އެވެ. ޓީމު އެނބުރި މޮރޮކޯ އަަށް އައުމާ އެކު އެ ގައުމުގެ އެތައް ހާސް ރައްޔިތުންނާއި ސަޕޯޓަރުން ވަނީ ރަބާތުގެ މަގުތައް މަތީގައި ޓީމަށް މަރުހަބާ ކިޔައި އުފާފާޅު ކޮށްފަ އެވެ.
މޮރޮކޯގެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގެ މަގުތައް މަތީގައި ވަނީ އުފާފާޅުކުރުމަށް ބަސް ޕެރޭޑެއް ވެސް ބާއްވައިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ވެސް ބަލިކުރުމަށް ފަހު މޮރޮކޯ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ، ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ގަދަ 16 ގައި ސްޕެއިން ބަލިކުރުމަށް ފަހު މޮރޮކޯ ސެމީ ފައިނަލަށް ދަތުރު ކުރީ ޕޯޗުގަލް ބަލިކޮށްފަ އެވެ. ނަމަވެސް ސެމީ ގައި ބަލިވީ 2018 ގެ ޗެމްޕިއަން ފްރާންސް އަތުންނެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ބަލިވީ 2018 ގެ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭކުބެ
22 December 2022
މިދުނިޔޭގައި މައިންނަށްވުރެ މަތިވެރި އެއްވެސް އެއްޗެއްނުވޭ.
ބައްޕަ ކޮބާ!!!
22 December 2022
މިއީ ބައްޕަ ނެތް ކުދިންތަ؟
ހަކުރު މަންމަ
22 December 2022
ކަނާތްފަރާތުން ތިންވަނަ ހާދަ ހޓ
ހޮޓް މޮމްސް
21 December 2022
ބަސް އަހާކުދިންތަކެއް..
އެފް
21 December 2022
ސާބަސް މޮރޮކޯ،ފުޓްބޯޅައިގެ މޮޅުހުނަރާ ކާމިޔާބީއާ ގައުމީރޫހާ އާއިލީ އަދި މައިވަންތަލޯތްބާއި އެކު ނަމޫނާދައްކައިދީފި.
އަލިފުޅު3
21 December 2022
މޮރޮކޯ ހަމަ ހަބޭސް...
ާ އާ މިނާ
22 December 2022
މޮރޮކޯ ދެއްކި ކުޅު މުންނާއި ދީނަށް ލޯބިކުރިވަރުން ވަރަށް ޚާއްސަ ލޮތްބެއް ދެވިއްޖެ