ކުޅިވަރު

ދިވެހި ސާފް ލީގަށް ވާދަވެރި ބަދަލެއް، ޖޫނިއާ ޗެމްޕިއަން ވެސް ހޮވާނެ

މިދިޔަ އަހަރުގެ ރަންނަމާރި ޗެމްޕިއަންޝިޕަށް ނިންމާފައި، ލީގު ނިންމަން ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތަށް ފަހު.-- ފޮޓޯ: މޯލްޑިވްސާފްފޮޓޯގްރާފާ

މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ސާފް ލީގަށް މި އަހަރު ކުރިއަށް ދާނީ ބޮޑު ބަދަލަކާ އެކު ކަމަށް މޯލްޑިވެސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ހާމަ ކޮށްފި އެވެ.

ފަސް ސަރަހައްދެއްގައި ކުރިއަށްދާ ދިވެހި ސާފް ލީގު ފަށަނީ މި މަހު ގދ. ގައްދޫ ގައި ބާއްވާ "ކަޅެގަލެކޮޑާ" މުބާރާތުންނެވެ. އެއަށް ފަހު މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" އަށް ފަހު ކުރިއަށް ދާނީ ކ. ހިންމަފުށީގައި ބާއްވާ "ގާމާދޫކޮޅު" މުބާރާތެވެ. އެންމެ ފަހު މުބާރާތުގެ ގޮތުގައި މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" ގެ ކުރިން ރ. ކިނޮޅަހުގައި "ހުރާކޮޅު ރާޅުގަނޑު" މުބާރާތް އޮންނާނެ އެވެ.

ރަންނަމާރި ޗެލެންޖް ފިޔަވައި ދެން އޮތް ހަތަރު މުބާރާތުގައި ވެސް ޖޫނިއާ ކެޓަގަރީ މިދިޔަ އަހަރު ހިމެނުނެވެ. ރަންނަމާރި ޗެލެންޖްގައި ޖޫނިއާ ކެޓެގަރީ ބޭއްވުމުގެ ބަދަލުގައި މިދިޔަ އަހަރު ވަނީ ތިން އުމުރުފުރާއަކަށް ޖޫނިއާ ޗެމްޕިއަންޝިޕެއް ބާއްވައިފަ އެވެ. އަދި ޖޫނިއާ ޗެމްޕިއަންޝިޕުން ހޮވާލެވުނު ހަތް އެތުލީޓަކަށް ރަންނަމާރި ޗެލެންޖްގެ ޝޯޓްބޯޑް އޯޕަން ކެޓެގަރީ އިން ޖާގަ ދިނެވެ.

ދިވެހި ސާފް ލީގު ޖޫނިއާ ޗެމްޕިއަން ހޮވާނެ

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ލީގުގައި ވެސް ޖޫނިއާ ކެޓެގަރީގެ މުބާރާތް ކުރިއަށް ދާނީ ފުރަތަމަ ހަތަރު މުބާރާތުގަ އެވެ. އަދި ޖޫނިއާ ލީގު ޖެމްޕިއަންކަން ކަނޑައަޅަން ރޭންކިން އަށް ގުނާނީ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން މުބާރާތުގެ ނަތީޖާ އެވެ.

ޖޫނިއާ ލީގު ރޭންކިން ރަސްމީކޮށް ބަލައިގަނެ، ލީގުގެ ޗެމްޕިއަންކަން ހޮވާގޮތަށް އެމްއެސްއޭ އިން ނިންމި ނަމަވެސް، ޖޫނިއާ ގައުމީ ޓީމަށް އެތުލީޓުން ހޮވާނީ މިދިޔަ އަހަރެކޭ އެއްގޮތަށް، ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވައި، އެ މުބާރާތުގެ ނަތީޖާތަކަށް ބަލައިގެންނެވެ.

ރަންނަމާރި ޗެލެންޖަށް ޖެހޭނީ ކޮލިފައި ވާން

ލީގުގައި ފަސް އިވެންޓެއް އޮންނައިރު، ރަންނަމާރި ޗެލެންޖަކީ އޭގެ ތެރެއިން އެންމެ ޝަރަފްވެރި މުބާރާތެވެ. ފުރަތަމަ ހަތަރު މުބާރާތަށް ވަކިވަކިން ރަޖިސްޓްރީ ވެގެން ބައިވެރި ވާން ޖެހުނުކަމުގައި ވިއަސް، ރަންނަމާރި ޗެލެންޖަށް މި އަހަރު ޖެހޭނީ ކޮލިފައި ވާށެވެ.

ރަންނަމާރި ޗެލެންޖަށް ކޮލިފައި ވާނީ ލީގުގެ ފުރަތަމަ ހަތަރު އިވެންޓަށް ފަހު ރޭންކިންގެ އެންމެ ކުރީގައި އުޅޭ 22 ރާޅާއެޅުންތެރިންނެވެ. ރޭންކު ކުރުމުގައި ޕޮއިންޓް ގުނާނީ ނަތީޖާ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން އިވެންޓްގެ ނަތީޖާ އެވެ.

ޗެމްޕިއަން ހޮވަން ގުނާނީ އެންމެ ރަނގަޅު ހަތަރު މުބާރާތުގެ ޕޮއިންޓް

ދިވެހި ސާފް ލީގުގެ ޗެމްޕިއަން ކަނޑައަޅުމުގައި މިއަހަރު އެއް މުބާރާރަކުން ހޯދާ ޕޮއިންތް ނުގުނާނެ އެވެ. ޕޮއިންޓް ގުނާނީ ރަންނަމާރި ޗެލެންޖް ހިމެނޭ ގޮތަށް، އެންމެ ނަތީޖާ ރަނގަޅު ހަތަރު އިވެންޓެއްގެ ޕޮއިންޓެވެ.

އެންމެ ރަނގަޅު ހަތަރު އިވެންޓްގެ ޕޮއިންޓާއެކު ރޭންކް ކުރެވި، އަންނަ އަހަރުގެ ގައުމީ ޓީމުގެ ޖާގަ ލިބޭނީ އެންމެ މަތިން ޕޮއިންޓް ހޯދާ ފަސް ރާޅާއެޅުންތެރިންނަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454